އެކަހެރިކޮށް އޮންނަ ނިއުޒީލަންޑްގެ ޖަޒީރާ ރަށެއް ކަމަށްވާ ޗޭޓަމް އައިލަންޑްސްގެ އައްސޭރީފަށުގެ ސަރަހައްދަށް ގިނަ އަދަދެއްގެ ބޮޑުމަސްތަކެއް ތިލަވެ، 100 އެއްހާ ބޮޑުމަސް މަރުވެއްޖެއެވެ.

ކޮންޒަވޭޝަން އޮފިސަރުން ވިދާޅުވީ، މިކަމުގެ މައުލޫމާތު ލިބުނީ އަދީއްތަ ދުވަހު ކަމަށާ، ހާދިސާ ހިނގައިގެން އުޅޭ ވައިޓާންގީ ވެސްޓް ބީޗަށް ދެވުނުއިރު ދިރިއޮތީ މަދު އަދަދެއްގެ މަސްތަކެއް ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި، 97 ބޮޑުމަހަކާއި، 3 ކޯމަހެއް ވަނީ ގޮނޑުދޮށަށް ތިލަވެ، މަރުވެފައެވެ.

މިހާ ގިނަ އަދަދެއްގެ ބޮޑުމަސްތަކެއް، ޗޭޓަމް އައިލަންޑްސްގެ ގޮނޑުދޮށަށް ތިލަވާން ދިމާވި ސަބަބެއް އަދި ދެނެގަނެވިފައެއް ނުވެއެވެ.

ނިއުޒީލަންޑްގެ ކޮންޒަވޭޝަން ޑިޕާޓްމަންޓުން މައުލޫމާތު ދޭ ގޮތުގައި، މި ބޮޑުމަސްތައް ކުނިވެ، ނެތިދާން ގޮނޑުދޮށަށް ދޫކޮށްލާފައި ބާއްވާނީއެވެ. ޗޭޓަމް އައިލަންޑްސްގައި މިފަދަ ހާދިސާތައް ހިނގުމަކީ އާންމު ކަމެއް ކަމަށް ބުނެވެއެވެ. އެގޮތުން 1918 ވަނަ އަހަރުވެސް 1000 އެއްހާ ބޮޑުމަސް، އައްސޭރިފަށަށް ތިލަވި ކަމަށް މައުލޫމާތު ލިބެއެވެ.

މިފަހަރުގެ ހާދިސާ ހިނގާފައި މިވަނީ، ނިއުޒީލަންޑްގެ އަވަށްޓެރި އޮސްޓްރޭލިއާގެ ޓެސްމޭނިއާ ސަރަހައްދުގައިވެސް މިފަދަ ގޮތަކަށް ބޮޑުމަސްތަކެއް ތިލަވެ، 380 އެއްހާ ބޮޑުމަސް މަރުވި ހާދިސާ ހިނގިތާ 2 މަހެއްހާ ދުވަސް ފަހުންނެވެ. ދާދި ފަހުން، އަވަށްޓެރި ސްރީލަންކާގައިވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ.

ޕައިލެޓް ވޭލްސްއޭ ކިއާ ޒާތުގެ ބޮޑުމަސް ތިލަވާން ދިމާވާ ސަބަބެއް އަދި ކަށަވަރެއް ނުކުރެވެއެވެ. ނަމަވެސް، މިފަދަ މަސްތައް އެއްގަމަށް ތިލަވުމުގެ ފުރުސަތު ބޮޑެވެ. މި ޒާތުގެ ބޮޑުމަހަކީ ނެތި ދިއުމުގެ ބިރު ހީވެފައިވާ މަންމަލި ޖަނަވާރެއް ނޫނެވެ. ނަމަވެސް، ޕައިލެޓް ވޭލްސްގެ އާބާދީއަކީ ކޮބައިކަން އަދިވެސް ހޯދިފައެއް ނުވެއެވެ.