ރެސިޑެންޓް ވިސާ ދޫކުރުމަކީ ގައުމަށް ހެޔޮ އެދޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަދުވެގެން 250،000 ޑޮލަރު އިންވެސްޓް ކުރާ ބޭރުގެ ފަރާތްތަކަށް ކޯޕަރޭޓް ރެސިޑެންޓް ވިސާ ލިބޭ ގޮތަަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ތަސްދީގު ކުރައްވާފައެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ޝިޔާމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ދިވެހި ވިޔަފާރިތައް ވުޖޫދުން ފުހެލާ މީސްކޮޅު މަދު މި ގައުމުގެ ރައްޔިތުން އަމިއްލަ ފަސްގަނޑުގައި ބީރައްޓެހި ކުރުވާ، ގުލާނު ކުރުވަން ރައީސް ސޯލިހު ކުރެއްވި ކަމެއް ކަަމަށެވެ. އަދި މިއީ ގައުމަށް ހެޔޮ އެދޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށާއި މިއީ ގައުމުގެ އިސްތިގްލާލާއި ސިޔާދަތުު ގެއްލުވާލުން ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ރެސިޑެންޓް ވިސާ ދޫކުރަން ފެށުމަކީ ގައުމަށް ގައްދާރުވުމުގެ މަގްސަދެއް ހާސިލްކުރުމުގެ ކޮޅުމަތި ކަމަށް މީގެ ކުރިން ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ ރަޖިސްޓްރާ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެ މަތިން، ރާއްޖޭގައި ވަޒީފާ އަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް ފޮރިން އިންވެސްޓްމަންޓެއް ނުވަތަ ވިޔަފާރިއެއް ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައެވެ. މި ވިސާގެ ދަށުން ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެ ނޫން ވެސް އިސް ފަރާތެއް، އަދި އެއިން ފަރާތެއްގެ އާއިލާގެ މެންބަރަކަށް ރާއްޖޭގައި ހުރެވޭނެއެވެ.

އަދި ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250,000 އެމެރިކާ ޑޮލަރު 5 އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައި، ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައަކީ ވެސް ކޯޕަރޭޓް ރެސިޑެންޓް ވިސާއެވެ. ހަމައެއާއެކު ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކުގައި މަދުވެގެން 250,000 އެމެރިކާ ޑޮލަރު އިންވެސްޓްކޮށް، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައަކީ ވެސް ކޯޕަރޭޓް ރެސިޑެންޓް ވިސާއެވެ.

މީޓިން ވިސާއަކީ، ކޮންޓްރޯލާ އޮފް އިމިގްރޭޝަން ކަނޑައަޅާ ގޮތެއްގެ މަތިން، ރަޖިސްޓްރާ އޮފް ބިޒްނަސަސް ގަބޫލުކުރާ ވިޔަފާރިއަކާ ގުޅުންހުރި ބައްދަލުވުމެއްގައި ބައިވެރިވުމަށް އަންނަ ބިދޭސީއަކަށް، ކުރު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ދެވޭ ހުއްދައެކެވެ. މި ވިސާގެ ދަށުން ދައުލަތުގެ މުއައްސަސާއެއްގެ ބޭނުމަށް ރާއްޖޭގައި ބޭއްވޭ ބައްދަލުވުމެއް ނުވަތަ އެ ނޫން ވެސް ފަރާތަކުން އިންތިޒާމް ކޮށްގެން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން ބާއްވާ ބައްދަލުވުމެއް، ނުވަތަ ކޮންފަރެންސެއް، ނުވަތަ ކޮންވެންޝަނެއްގައި ބައިވެރިވުމަށް ވެސް ރާއްޖެ އާދެވޭނެއެވެ.