ރާއްޖެ އޮތީ ބޮލީވުޑްގެ ހުރިހާ ތަރިންނަށް މަރުހަބާ ކިއުމަށް ތައްޔާރަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް އެހެން ވިދާޅުވެފައިވަނީ އިންޑިއާގެ އެކްޓަރު އަދި ކޮމީޑިއަން ވީރް ދާސް ކުރި ޓުވިޓަކާ ގުޅިގެންނެވެ.

އެގޮތުން ވީރް ކުރި ޓުވީޓެއްގައި ބުނީ ފިލްމެއް ކުޅެވޭ ވަރަށް ރާއްޖޭގައި ފިލްމު އިންޑަސްޓްރީގެ މީހުން މި ވަގުތު އެބަ ތިބި ކަމަށެވެ. އަދި ކެމެރާއަކާއި ސްކްރިޕްޓެއް ފޮނުވައިފިނަމަ އެ މީހުން އެނބުރި އަންނާނީ ފިލްމެއް ވެސް ހަދައިގެން ކަމަށް ވީރް ވަނީ އެޓުވިޓުގައި ބުނެފައެވެ.

މިމަހު ވެސް ބޮލީވުޑުގެ ގިނަ ފަންނާނުން ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްފައެވެ. އޭގެ ތެރޭގައި ކެޓްރީނާ ކައިފް އާއި ކާޖަލް އަގަރްވާލާއި އޭނާގެ ފިރިމީހާ ގޯތަމް ކިޗްލޫ އާއި ޓައިގާ ޝްރޮފާއި ދިޝާ ޕަޓާނީ އާއި ތާރާ ސުތާރިއާގެ އިތުރުން ނޭހާ ދުޕިއާ އަދި އޭނާގެ ފިރިމީހާ އަދި އެކްޓަރު އަންގަދް ބޭދީ ވެސް ވަނީ ރާއްޖެ އައިސްފައެވެ. އޭގެ އިތުރުން މީގެ ދެ ދުވަސް ކުރިން ސޮނާކްޝީ ސިންހަ ވެސް ވަނީ ރާއްޖެ އައިސްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ބޯޑަރު ޖުލައި 15 ގައި ހުޅުވާލި ފަހުން ބޮލީވުޑު އަދި ހޮލީވުޑުގެ ގިނަ ފަންނާނުން ވަނީ ރާއްޖެ އައިސްފައެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު