އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫ އަށާއި ހުވަދު އަތޮޅަށް ކުރާ ދަތުރުތައް ފަށައިފިއެވެ.

އެސްޓީއޯގެ ޝިޕިން ކުންފުނި ކަމަށްވާ މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނިން ރޭ ކުރި ޓްވީޓެއްގައި ވަނީ އެ ކުންފުނީގެ ޝިޕިން ބޯޓު އެމްވީ ބޮންތި 2 އިންޑިއާގެ ސޫތުކުޅިއަށް ދިއުމަށް ފުރާފައިވާ ކަމަށެވެ. އަނބުރާ ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 14 ވަނަ ދުވަހުގައެވެ.

ކޮންމެ 20 ދުވަހަކުން ދަތުރުތައް ކުރިއަށްދިއުމަށް ހަމަޖެހިފައިވާއިރު ބޮޑެތި ބަރު މުދާ ފަހަރު ކާގޯ ފެރީ މެދުވެރިކޮށް ޓުޓިކޮރިން އިން ސީދާ އައްޑޫ ސިޓީ އަށާއި ތިނަދޫ އަށް ގެނެވޭނެއެވެ.

އިންޓަނޭޝަނަލް ކާގޯ ފެރީގެ ހިދުމަތް ހުވަދު އަތޮޅަށާއި އައްޑޫއަށް ދަތުރު ފަށަން ތައްޔާރުވަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް އިއުލާނު ކުރެއްވީ ނޮވެމްބަރު 19 ވަނަ ދުވަހުއެވެ.

އިންޑިއާއިން އައްޑުއާއި ތިނަދޫއަށް ކާގޯ ފެރީގެ ހިދުމަތް ފަށާފައިވާއިރު އެ ދެ ތަނަކީ މީގެ ކުރިން ބައިނަލްއަގްވާމީ ޝެޑިއުލް ފެރީތައް އަންނަ ތަންތަނެއް ނޫނެވެ. އައްޑުއަށް މީގެ ކުރިން ވެސް ވަނީ އިންޑިއާއިން ޑައިރެކްޓްކޮށް ކާގޯ ބޯޓު ގެންގޮޮސްފައެވެ. ނަމަވެސް ޝެޑިއުލް ކާގޯއެއް އެތަނަކަށް ވެސް ނުގެންދެއެވެ.

އެސްޓީއޯގެ ކާގޯ ފެރީގައި މައިގަނޑު ގޮތެއްގައި ގެނައުމަށް ހަމަޖެހިފައި ވަނީ ކޮންސްޓްރަކްޝަން ތަކެއްޗާއި ކާބޯތަކެއްޗެވެ. އޭގެ ތެރޭގައި މޭވާއާއި ތަރުކާރީގެ އިތުރުން ކުކުޅު ބިސް، ގަނޑުކުރި ތަކެތޮ، އަދި ޖެނެރަލް ކާގޯ ހިމެނެއެވެ.

ފެރީގެ ސަބަބުން ދެކުނުގެ ވިޔަފާރިވެރިންނަށް މާލޭގެ ވިޔަފާރިތަކާ އެއްފަދައިން ވިޔަފާރި ކުރެވޭނެ މަގު ފަހިވެގެން ދާނެއެވެ. އެގޮތުން މުދަލުގެ އެޖެންސީ ނަގައި، އެ މުދަލެއް ހޯލްސޭލް ކުރުން ފަދަ ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެން ދާއިރު، މިއީ ދެކުނު ވިޔަފާރިތައް ބޮޑުތަނުން ކުރިއަރައިގެން ދާނެ ކަމެކެވެ. އެއާއެކު ވަޒީފާތައް އުފެދި، މުޅި ސަރަހައްދުގެ އިގްތިސޯދަށް ހެޔޮ ބަދަލެއް އަންނާނެއެވެ.

އިންޑިއާއިން އުތުރުގެ ކުޅުދުއްފުއްޓާއެކު ވެސް ވަނީ ކާގޯ ފެރީ ފަށާފައެވެ. މިއީ ރާއްޖެ ލާމަރުކަޒު ކުރުމުގެ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.