ދަރިމައިވުމުގެ އުމުރުގެ އަންހެނުންނަށް ކުރިމަތިވާ ހައިލުގެ ދުވަސްވަރު ބޭނުން ކުރާ އެކި ކަހަލަ އައިޓަމްތައް، އެއްވެސް އަގަކާ ނުލާ، ހުރިހާ އެންމެނަށް ފޯރުކޮށްދޭ ފުރަތަމަ ގައުމުގެ ރެކޯޑް، ސްކޮޓްލަންޑްއިން ކަށަވަރު ކޮށްފިއެވެ.

ހައިލުގެ ދުވަސްވަރު ބޭނުން ކުރާ އުފެއްދުންތައް، އެއްވެސް އަގަކާ ނުލާ، ހުރިހާ އެންމެނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ބާރު ދޭ ގާނޫނު، ސްކޮޓްލަންޑްގައި ފާސްކުރީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. މިއާއެކު، ބޭނުން ޖެހޭ ކޮންމެ މީހަކަށް މި ސަމާނު ލިބޭނެ ކަން ކަށަވަރު ކުރުމަށް، ލޯކަލް އޮތޯރިޓީތަކުގެ މައްޗަށް ގާނޫނު ލާޒިމު ކުރެއެވެ.

މި ގާނޫނު އެކުލަވާލެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މެމްބަރު، މޮނިކާ ލެނަން ވިދާޅުވީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި މިފަދަ ކަމެއް ތަންފީޒު ކުރުން އިންތިހާއަށް މުހިންމު ކަމަށާ، ހައިލުގެ ކަންކަމަކީ، ބަލިމަޑުކަމަކަށް ބަލައިގެން ހުއްޓޭނެ ކަންކަމެއް ނޫން ކަމަށެވެ.

ހަގީގަތުގައި މި ބިލް އަމާޒު ކޮށްފައި ވަނީ މާލީ ތަނަވަސްކަން ކުޑަ މީހުންނަށެވެ. އެވަރޭޖު ގޮތެއްގައި އިނގިރޭސިވިލާތުގައި އަންހެނަކު، މަހަކު 5 ދުވަހު ހައިލުގެ ދުވަސްތަކުގެ ގޮތުގައި ގުނާއިރު، އެކި ކަހަލަ އައިޓަމްތަކަށް 8 ޕައުންޑް ހަރަދު ކުރަންޖެހެއެވެ. ނަމަވެސް، މިއީ ކޮންމެ ކޮންމެ މީހަކަށް މާ ފަސޭހައިން ދެކޮޅު ޖެއްސޭ އަގަކަށް ނުވެއެވެ.

އަންގާރަ ދުވަހު ފާސްކުރި ގާނޫނާއެކު ސެނިޓަރީ ނެޕްކިން (ޕެޑް)، ޓެމްޕޮން އަދި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށް ފައިވާ އައިޓަމްތައްވެސް އެއްވެސް އަގަކާ ނުލާ ލިބޭނެއެވެ.

ހައިލުގެ ދުވަސްވަރު ބޭނުން ކުރާ ޓެމްޕޮން / ފޮޓޯ: ޕީއޭ މީޑިއާ

މި ބަދަލު ތަންފީޒު ކުރުމުގައި، ދޭތެރެ ދުރުކުރުމަށް ބޭނުން ކުރާ ކޮންޑަމް، އެއްވެސް އަގަކާ ނުލާ ފޯރުކޮށްދިނުމަށް ބޭނުން ކުރާ މޮޑެލް އަށް ބަރޯސާވެވިދާނެ ކަމަށް ބުނެވެއެވެ.

ސްކޮޓްލަންޓް ނިސްބަތްވާ އިނގިރޭސިވިލާތުގެ ސަރަހައްދަށް ބަލާއިރު، އިނގިރޭސި ސަރުކާރުންވެސް ދަނީ ހައިލުގެ ދުވަސްވަރާ ގުޅިގެން އުފެދިފައިވާ ބޯދާ ގޮތްތައް ދޫކޮށް، ލުއި ގޮތްތަކެއް ހޯދާ ދިނުމުގެ މަޝްރޫއުތައް ހިންގަމުންނެވެ. އިނގިރޭސިވިލާތުން މިހާރު ވަނީ، އަންހެނުންގެ ޒަރޫރީ ބޭނުންތަކަށް ގެންނަ މިފަދަ އުފެއްދުންތަކުން ނަގާ ޓެކްސް، މުޅިން ކަނޑާލުމަށް އަމާޒު ހިފާފައެވެ.

ވަކި ގައުމެއްގެ ދަރަޖަ ދީފައިވާ ސްކޮޓްލަންޑް ހިމެނެނީ އިނގިރޭސިވިލާތުގެ އިސްތިގުލާލީ ދައުލަތްތަކުގެ ތެރޭގައެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު