ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ފުރަތަމަ ރާޅާ ކުރިމަތިލާން ޖެހުނުއިރު، އެކަށީގެންވާ މިންވަރަކަށް، ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ނެތުމުގެ ސަބަބުން، އިނގިރޭސިވިލާތް (ޔޫކޭ) އިން 10 ބިލިއަން ޕައުންޑް އިތުރަށް ހަރަދު ކޮށްފައި ވާ ކަމަށް، ރިޕޯޓަކުން ހާމަވެއްޖެއެވެ.

ހަށި ރައްކަލަކަށް ބޭނުން ކުރާ ޕީޕީއީގެ އާލާތްތަކުގެ ސްޓްކް، ފްރަންޓްލައިން ވޯކަރުންނަށް ހަމަޖެހިފައި ހުރީ، މޫސުމީ ރޯގާއަކަށް ފުދޭ މިންވަރަކަށެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަމުގައި އިތުރަށް ބޭނުންވި އާލާތްތައްވެސް ސްޓޮކްގައި އެއްވެސް ވަރަކަށް ނެތުމުގެ ނަތީޖާއެއްގެ ގޮތުން، ޑިމާންޑާއެކު ބާޒާރުގައި އުފުލިފައިވާ އަގުތަކުގައި، ގިނަ އަދަދަކަށް ސްޓޮކް ކުރުމަށް، ކަމާ ބެހޭ ވަޒީރުންނަށް މަޖުބޫރުވީ ކަމަށް، އިނގިރޭސިވިލާތުގެ ނޭޝަނަލް އޮޑިޓް އޮފީސް (އެންއޭއޯ) ގައި ވަނީ ފާހަގަ ކޮށްފައެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19އަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

އިނގިރޭސިވިލާތުގެ ސަރުކާރުން ބަލިމަޑުކަމަށް ތައްޔާރުވެފައި ވަނީ، މޫސުމީ ރޯގާގެ މޮޑެލްއަށް ކަމަށް ބުނެ، ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުން ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވުމުން، ސިއްހީ ނިޒާމުގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީ ކަމަށްވެސް އިދިކޮޅު މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތް ނަމަވެސް، ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ސޯޝަލް ކެއާ (ޑީއެޗްއެސްސީ) އިން ބުނީ ސްޓޮކްގައި ހުރި ގިނަ ޕީޕީއީއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ބޭނުން ކުރުމަށް އެކަށީގެންވާ ތަކެތި ކަމަށާ، ޝަރުތު ހަމަ ނުވަނީ އެންމެ 0.49 ޕަސެންޓް އާލާތުގައި ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ މުޅި ދުނިޔެ ކުރިމަތިލިއިރު ސަޕްލައިއަށް ވުރެ ޑިމާންޑް އިތުރުވެ، މުދަލުގެ އަގު އިންތިހާއަށް އުފުލުނެވެ. ކޮވިޑް-19ގެ ފްރަންޓްލައިން ހިދުމަތްތެރިން ބޭނުން ކުރާ ރެސްޕިރޭޓާ މާސްކުގެ އަގު 166 ޕަސެންޓް އުފުލުނުއިރު، މަރުވާ މީހުން ލާ ބޮޑީބޭގުގެ އަގު 1310 ޕަސެންޓަށް އުފުލުނެވެ.

އެންއޭއޯގެ ރިޕޯޓް ނިންމާލާފައި ވަނީ، 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ގަތް ތަކެއްޗަކީ، 2019 ވަނަ އަހަރުގެ އަގުގައި ގަތް މުދާ ނަމަ، 2.5 ބިލިއަން ޕައުންޑުން ސަލާމަތްވީސް ކަމަށް ފާހަގަ ކުރަމުންނެވެ. އެއީ އިނގިރޭސިވިލާތުން މިހާތަނަށް ހަރަދުކުރި މިންވަރަށް ވުރެ 10 ބިލިއަން ޕައުންޑް ދަށް އަގެކެވެ.

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް، ކޮމަންސް ޕަބްލިކް އެކައުންޓްސް ކޮމިޓީގެ އިސްވެރިޔާ މެގް ހީލިއާ ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމަށް އިޖާބަ ދެއްވުމުގައި، ވަޒީރުންގެ ދުވެލި އިންތިހާއަށް ލަސް ކަމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން / ފޮޓޯ: ޑަބްލިއުޕީއޭ ޕޫލް

ފަހު ވަގުތު ޕީޕީއީ ގަތުމަށް މަސައްކަތް ކުރުމުން، އިނގިރޭސިވިލާތަށް އިތުރު ހަރަދުތަކެއް ކުރަން ޖެހުމުގެ އިތުރަށް، މުދާ ބޭނުންވި ވަގުތަށް ނުލިބުމުގެ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. ފެބުރުވަރީ މަހާއި ޖުލައި މަހާ ދެމެދު، ޕީޕީއީގެ ތެރޭގައި ހިމެނޭ 32 ބިލިއަން އައިޓަމަށް އޯޑަރު ދިން ކަމުގައި ވީ ނަމަވެސް، މި މުއްދަތުގެ ތެރޭގައި ލިބުނީ އެންމެ 2.6 ބިލިއަން އައިޓަމް ކަމަށް މައުލޫމާތު ލިބެއެވެ.

މަސްރަހު ހަމައަކަށް އެޅުނީ ސެޕްޓެމްބަރު މަހާ ހިސާބުގައި ކަމަށާ، މިހާރު، 4 މަހެއްހާ ދުވަހަށް ވާ ވަރަށް އިނގިރޭސިވިލާތުގައި ޕީޕީއީ އެބަހުރި ކަމަށް މައުލޫމާތު ލިބެއެވެ.

އެންއެޗްއެސްއިން ބުނާ ގޮތުގައި ބޭނުން ޖެހޭ ވަގުތުގައި ބޭނުން ކުރާނެ އާލާތްތައް ލިބެން ހުއްޓެވެ. ނަމަވެސް، ސިއްހީ ހިދުމަތްތެރިންގެ މެދުގައި ކުރިއަށް ގެންދިޔަ ސާވޭތަކުން ދޭހަވީ ވާހަކަތައް ތަފާތެވެ. ވަޒީފާގެ މައިދާނާއި ގުޅިގެން ސިއްހީ އަދި ކެއާ ވޯކަރުންގެ 8152 މީހަކަށް ކޮވިޑް-19 ޖެހުނު ކަމަށް 4 ކުންފުންޏަކުން ރިޕޯޓް ކޮށްފައި ވާއިރު، 126 މަރެއްވެސް ވަނީ ރިޕޯޓް ކޮށްފައެވެ.