ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް 2017 ވަނަ އަހަރުގެ ތެރޭގައި ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރި މައްސަލައެއްގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަނުން ނިންމައިފިއެވެ.

އެކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެމައްސަލަ 2018 ވަނަ އަހަރު ފުލުހުންނަށް ރިޕޯޓް ކުރި ނަމަވެސް މައްސަލަގައި ހިމެނޭ އެއްވެސް ފަރާތަކަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެމައްސަލާގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކުރުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ޅ)ގެ ދަށުން ކޮމިޝަންގެ ފަންނީ މަޝްވަރާ އާއި ލަފާގެ ދަށުން ފުލުހުން އެމައްސަލާގެ ތަހުގީގު ވީ އެންމެ އަވަހަކަށް ފުރިހަމަކޮށް ދައުވާކުރަން ފޮނުވުމުގެ އަމުރެއް މިއަހަރުގެ އޮކްޓޯބަރު 11 ވަނަ ދުވަހު ޕިޖީިން ނެރެފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

އެ މައްސަލައިގެ ތަހުގީގީ މުސްތަގިއްލު ކަމާއެކު ކުރިއަށް ގެންދިޔުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކާ އެކު އެ ކޮމިޝަނާއި ފުލުހުން އަދި ޕްރޮސިކިއުޓަރުން ހިމެނޭގޮތުން އެކުލަވާލެވުނު ހާއްސަ ޓީމުން އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި އޮކްޓޯބަރު 12 ގައި މަސައްކަތް ފެށި ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި އިތުރަށް 24 ފަރާތަކާ ސުވާލު ކުރެވި 24 ބަޔާން ނަގައި 05 ކުޑަކުދިންނާ އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު ފަރާތެއް ދެނެގަނެވިފައި ވާކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެބަޔާނުގައި އިތުރަށް ބުނީ އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ތުހުމަތު ކުރެވޭ ޖުމްލަ 11 މީހެއްގެ މައްޗަށް ދައުވާ އުފުލައި ދިނުމަށް އެދި އިއްޔެ އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން އެ އޮފީހުން މައްސަލަ ބަލައިގަނެ ދައުވާ އުފުލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.