އެމެރިކާގެ ވެރިކަމުގެ ބާރުތައް، އިންތިހާބީ ރައީސް ޖޯ ބައިޑަންއާ ހަވާލު ކުރެއްވުމުގެ ރަސްމީ މަސައްކަތްތައް ފަށަން ޖެހިފައި ވާ ކަމަށް، ނޮވެމްބަރު މަހުގެ ކުރީކޮޅު އެމެރިކާގައި ކުރިއަށް ގެންދިޔަ ފޯރިގަދަ އިންތިހާބުގައި ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގެންނެވި އަދުގެ ރައީސް ޑޮނާލް ޓްރަމްޕް އެންމެ ފަހުން އެއްބަސްވެވަޑައިގެންފިއެވެ.

ވެރިކަމުގެ ބާރުތައް ބަދަލު ކުރުމާ ބެހޭ އިދާރާއިން ކުރަން ޖެހޭ ކަންތައްތަކައިގެން ކުރިއަށް ދިއުމަށް ޓްރަމްޕް އިޝާރާތް ކުރެއްވި ނަމަވެސް، އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށް ގޮންޖައްސަވާނެ ކަމަށް އޭނާ ވަނީ ވައުދުވެވަޑައިގެންފައެވެ.

ބާރުތައް ބަދަލު ކުރުމުގެ މައްސޫލިއްޔަތާ ހަވާލުވެގެން އޮތް ޖެނެރަލް ސާވިސަސް އެޑްމިނިސްޓްރޭޝަން (ޖީއެސްއޭ) އަށް ޓްރަމްޕް ވަނީ މިމަސައްކަތައިގެން ކުރިއަށް ދިއުމަށް އަންގަވާފައެވެ. ޓްރަމްޕް މިކަން އެންގެވީ ޓްވީޓް މެދުވެރި ކުރައްވައެވެ. ޖީއެސްއޭއިން ވަނީ، ބައިޑަންއަކީ އިންތިހާބީ ރައީސް ކަމުގައި މިހާރު ބަލައިގަންނަ ކަމަށް އިޝާރާތް ކޮށްފައެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޖޯސެފް އާރް ބައިޑަން ޖޫނިއާ / ފޮޓޯ: ސީއެންއެން

އެޑްމިނިސްޓްރޭޓާ އެމިލީ މާފީ ވިދާޅުވީ، އިންތިހާބީ ރައީސަށް ލިބެންޖެހޭ 6.3 މިލިއަން ޑޮލަރުގެ ފަންޑު، ހަމަޖެއްސުމުގެ މަސައްކަތް މިހާރު ފަށާފައި ވާ ކަމަށެވެ. އަދި ވައިޓްހައުސްއިން އެއްވެސް ވަރެއްގެ ޕްރެޝަރެއް ކުރިމަތި ނުކުރާ ކަމަށްވެސް އެމިލީ ވަނީ ވިދާޅުވެފައެވެ. ކިތަންމެ ހާސް ނުރައްކަލެއް ކުރިމަތި ކުރި ކަމުގައި ވީ ނަމަވެސް، ގާނޫނު ނަގަހައްޓަވާނެ ކަމަށް އެމިލީ ވަނީ ވިދާޅުވެފައެވެ.

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ އިންތިހާބުން 2 ވަނަ ދައުރެއް ކަށަވަރު ނުވި ކަން ޓްރަމްޕް އެންމެ ފަހުން ގަބޫލު ކުރައްވާފައި މި ވަނީ، މިޝިގަން ސްޓޭޓްގެ އިލެކްޓޯރަލް ވޯޓްވެސް ބައިޑަން ކަށަވަރު ކުރެއްވުމާ އެކުގައެވެ.

އިންތިހާބީ ރައީސް، ބައިޑަންގެ ޓީމުން ވަނީ ޓްރަމްޕްގެ ނިންމެވުމަށް މަރުހަބާ ވިދާޅުވެފައެވެ. ޓްރަމްޕްގެ މި ނިންމެވުމަކީ އެމެރިކާއަށް މިއަދު ބޭނުންޖެހިފައި ވާ ނިންމުމެއް ކަމަށް ބައިޑަންގެ ޓީމުން އާންމު ކުރި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.