ދުނިޔޭގެ ސެޓެލައިޓެއްގެ ގޮތުގައި ދައުރުވަމުންދާ ހަނދުން ހިލަ ނެގުމަށް، ޗައިނާއިން ފުރަތަމަ ފަހަރަށް މިސްރާބު ޖަހައިފިއެވެ.

މިއީ 1970ގެ އަހަރުތަކަށް ފަހު، ހަނދުން ހިލަ ނެގުމަށް ގައުމަކުން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

ހަނދުން ހިލަ ނެގުމަށް ޗައިނާއިން "ޗަންގްއީ-5" މިޝަން އުދުއްސާލާނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. މިއީ އިންސާނަކާ ނުލާ ހަނދަށް ދަތުރު ކުރާނެ އުޅަނދެކެވެ. މިޝަންގެ މަގުސަދަކީ ހަނދު އުފެދިފައި ވާ ގޮތް ދިރާސާ ކުރުން ކަމަށްވެއެވެ.

މިފަދަ މިޝަންއެއް އެންމެ ފަހުން ކުރިއަށް ގެންދިޔައި 1976 ވަނަ އަހަރު، "ލޫނާ 24" އިން، އޭރުގެ ސޯވިއެޓް ޔޫނިއަން، ނުވަތަ މިހާރުގެ ރަޝިއާއިންނެވެ. ޗައިނާގެ މިޝަންގެ ކާމިޔާބުވެއްޖެނަމަ އެ ގައުމު ވާނީ، އެމެރިކާއާއި ރަޝިއާއަށް ފަހު ހަނދުން ހިލަ ނަގާ 3 ވަނަ ގައުމަށެވެ.

ޗައިނާގެ ޖައްވީ އުޅަނދުން، 2 ކިލޯގްރާމްގެ ސާމްޕަލް ނަގާނެ ކަމަށް މައުލޫމާތު ލިބެއެވެ. މި ސާމްޕަލް ނަގާނީ، މިހާތަނަށް އެއްވެސް ގައުމަކުން ދަތުރު ކޮށްފައި ނުވާ "އޯޝަން އޮފް ސްޓޯމްސް" އޭ ކިއުނު ސަރަހައްދުން ކަމަށް ވެއެވެ. 1976 ވަނަ އަހަރުގެ މިޝަންއިން 170 ގްރާމްގެ ސާމްޕަލް ގެނައިއިރު، އިންސާނުން ހަނދަށް ކުރި ފުރަތަމަ ދަތުރު ކަމަށް ބުނާ އެޕޯލޯ މިޝަންގައި 382 ކިލޯގްރާމްގެ ހިލައާއި ވެލި ގެނައި ކަމަށްވެއެވެ.

ޗައިނާއިން އެންމެ ފުރަތަމަ ފަހަރަށް ހަނދަށް ދަތުރެއް ކުރީ 2013 ވަނަ އަހަރުއެވެ. އަދި ކުރިއަށް އޮތް 10 އަހަރެއްހާ ދުވަހުގެ ތެރޭގައި، މާސް ޕްލެނެޓުން ސާމްޕަލް ނެގުމަށްވެސް ޗައިނާ އޮތީ އަމާޒު ހިފާފައެވެ.