ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އާ އުފެއްދުންތަކާއި އީޖާދީ ހިޔާލު ހުށައަޅައިގެން ވަނަތަކަށް އަންނަ ފަރާތްތަކަށް ވަކި މުއްދަތެއްގައި ކުލި ދައްކަން ނުޖެހޭ ގޮތަށް ހިޔާ ފްލެޓް ބަރިން ފިހާރަ ލިބޭ މުބާރާތެއް، އެޗްޑީސީން އިއުލާން ކޮށްފިއެވެ.

"އީޖާދީ މަންސަ"ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ފަސް ކެޓެގަރީއަކުން އުފެއްދުންތެރި ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެއީ ކާބޯތަކެތި، ފަންނު، ދުޅާހެޔޮ، ވައްޓަފާޅި އަދި ހިދުމަތެވެ. މިއިން ކޮންމެ ކެޓެގަރީ އަކުން ވެސް ހޮވަން ހަމަޖެހިފައި ވަނީ 1 ވަނަ އަދި 2 ވަނައެވެ.

އެގޮތުން، މި 5 ކެޓެގަރީން ކޮންމެ ކެޓެގަރީއަކުން ވެސް 1 ވަނަ އަށް ދާ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް ހިޔާ ފްލެޓުން 550 އަކަފޫޓުގެ ފިހާރައެއް ލިބޭނެއެވެ. އަދި ދެވަނައަށް ހޮވޭ ފަރާތްތަކަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ފިހާރަ ދޫކުރާނީ 6 މަސް ވަންދެނެވެ. އެހެންކަމުން މި މުބާރާތުގެ ވަނައިގެ ގޮތުގައި 10 ފަރާތަކަށް ހިޔާ ފްލެޓުން ފިހާރަ ލިބޭނެއެވެ.

މި މުބާރާތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން އަލަށް ފަށާ ވިޔަފާރިތަކަށާއި އޮންލައިން ވިޔަފާރިތަކަށާއި ގޭގައި ކުރާ "ހޯމް ބޭސްޑް" ވިޔަފާރިތަކަށް ވެސް ފުރުސަތު ލިބޭނެއެވެ. މި މުބާރާތުގައި ބައިވެރިވާ މީހުން އަމިއްލަ އުފެއްދުންތަކާއި އާ ހިދުމަތްތަކުގެ އީޖާދީ ހިޔާލުތައް ހުށަހަޅަން ޖެހެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެޗްޑީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މުބާރާތް އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.

އެޗްޑީސީން ބުނީ މި މުބާރާތުގެ ސަބަބުން ބައިވެރިންނަށް މާލީ އެހީތެރިކަން ލިބޭނެ ކަމަށެވެ. އެޗްޑީސީން ބުނީ މިއީ ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ކޮށްފައިވާ އަސަރު ކުޑަކޮށް އާއްމު އިގްތިސާދުގެ ހާލަތު ރަނގަޅުކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ.