ގަސްތުގައި މީހުން މެރުމާއި، މިނިމަސް ކާ ކަމުގެ ތުހުމަތުގައި، ޖަރުމަނުވިލާތުގެ ފުލުހުން، އުމުރުން 41 އަހަރުގެ ފިރިހެން ޓީޗަރަކު ހައްޔަރު ކޮށްފިއެވެ.

ގަސްތުގައި މީހުން މެރުމާއި، މިނިމަސް ކާ ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ހައި-ސްކޫލެއްގައި ހިސާބާއި ކެމިސްޓްރީ ކިޔަވައިދޭން އުޅޭ ޓީޗަރެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި މީހާ ހައްޔަރު ކޮށްފައި ވަނީ، ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގެ ރަށްބޭރު ހިސާބަކުން، އެއްވެސް މަހެއް ނެތް، އިންސާނެއްގެ ކަށިކޮޅުތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނުމުން ކަމަށް މައުލޫމާތު ލިބެއެވެ.

އެސޯސިއޭޓަޑް ޕްރެސްއަށް ދެއްވި ބަސްދީގަތުމެއްގައި، ބާލިން ޕްރޮސެކިއުޓާ އޮފީހުގެ ތަރުޖަމާނު، މާޓިން ސްޓެލްޓްނާ ވިދާޅުވީ، ހައްޔަރު ކޮށްފައިވާ މީހަކީ، މިނިމަސް ކެއުމުގެ ޝައުގު ހުންނަ މީހެއް ކަމަށެވެ. އެމީހަކީ، އެކަމާ ބެހޭ މައުލޫމާތު، އޮންލައިން ކޮށް ހޯދާފައި ވާ މީހެއް ކަމަށްވެސް ސްޓެލްޓްނާ ވިދާޅުވިއެވެ.

ޖިންސީ ގޯނާއާއެކު މީހަކު މަރާލުމުގެ އިތުރުން، މިނިމަސް ކެއުމުގެ ކުށުގެ ތުހުމަތު ހައްޔަރު ކޮށްފައި ވާ މީހާގެ މައްސަލަ، ބާރު ސްޕީޑެއްގައި ބަލަމުން އަންނަ ކަމަށްވެސް ޕްރެސެކިއުޓަރުން ވަނީ ހާމަކޮށްފައެވެ.

ހިސާބު އަދި ކެމިސްޓްރީ ކިޔަވައިދޭ ޓީޗަރު ހައްޔަރު ކޮށްފައި ވަނީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ބާލިން އިން 44 އަހަރުގެ ފިރިހެނަކަށް ވީނުވީ ނޭނގި ގެއްލުނު މައްސަލާގައެވެ.

އިންވެސްޓިގޭޓަރުންނާ ހަވާލާދީ ޖަރުމަނު މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ގެއިން، ސެކް-ޓްރަކް ޒާތުގެ ޓްރޯލީއަކާ، މެޑިކަލް ޕްރޮސީޖާތަކުގައި ކަށި ވަކިކޮކޮށް ނެއްޓުމަށް ބޭނުން ކުރާ ކީސް/ކަޓަރެއް ފެނިފައިވެއެވެ. އަދި އިންސާނުންގެ ހަށިގަނޑުގެ ޓިޝޫތައް ވިރުވާ ލުމުގެ ބާރު ލިބިފައިވާ ސޯޑިއަމް ހައިޑްރޮކްސައިޑްވެސް އެމީހާގެ ގެއިން ފެނިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޖަރުމަނު ފުލުހުން ބުނި ގޮތުގައި، 44 އަހަރުގެ މީހާ ގެއްލުނު މައްސަލާގައި،41 އަހަރުގެ ޓީޗަރާ ހިސާބަށް އަންނަން އެނގުނީ، ގެއްލުނު މީހާގެ ފޯނު ރެކޯޑްތަކަށް ބަލައިގެންނެވެ. ފުލުހުން ބުނާ ގޮތުގައި، ހައްޔަރު ކޮށްފައިވާ މީހާ، ގެއްލުނު މީހާ އާ 'ކޮންޓެކްޓް' ކޮށްފައި ވަނީ، ޑޭޓިންގް އެޕެއް މެދުވެރިކޮށެވެ.