އިންތިހާބުގެ ނަޒާހާތްތެރި ކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި، ކޯޓުތަކުގެ ފަނޑިޔާރުންގެ ކިބައިގައި ހިތްވަރު ހުންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޑިމޮކްރަޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއާ ވާދަ ކުރައްވާ، މި ނޮވެމްބަރު މަހުގެ ކުރީކޮޅު އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި، ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގެންފައި ވާ ޓްރަމްޕް މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައި މިވަނީ، މީގެ ކުޑަ ވަގުތު ކޮޅެއް ކުރިން ކުރެއްވި ސިލްސިލާ ޓްވީޓްތަކެއްގައެވެ.

އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންފައި ވާ ކަން ގަބޫލު ކުރައްވާ، ރަސްމީ ކޮށް އެކަން އިއުލާން ކުރެއްވުމަށް އިންކާރު ކުރައްވަމުން ގެންދަވާ ޓްރަމްޕް ވަނީ، އިންތިހާބީ ރައީސް ބައިޑަންއަށްވެސް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އިންތިހާބުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދަވަމުން ޓްރަމްޕް ވަނީ، ބައިޑަންގެ ވަޒީރުންގެ މަޖިލިސް އެކުލަވާލެއްވުމުގެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

މިހާތަނަށް ބެއްލެވި ބެއްލުމުން ހާމަވި ގޮތުގައި، އެތައް ސަތޭކަ ހާސް ވޯޓެއް އޮޅުވާލާފައި ވާ ކަމަށާ، އެއީ އެންމެ މަދުވެގެން 4 ސްޓޭޓެއްގެ ނަތީޖާ ބަދަލުކޮށްލެވޭހާ ވޯޓުކަމަށް ވިދާޅުވަމުން ޓްރަމްޕް ކުރެއްވި ޓްވީޓްގައި ވަނީ ފާހަގަކުރައްވާފައެވެ. މި ޓްވީޓްގައި، ޓްވިޓާ ކުންފުނިން ވަނީ، ހަގީގަތާ ފުށޫ އެރުންތަކެއް ހުރުން އެކަށީގެންވާކަމުގެ ޓެގުވެސް އަޅުވާފައެވެ.

ސިލްސިލާ ގޮތެއްގައި މީޑިއާއަށް ފާޑުވިދާޅުވާ ޓްރަމްޕް މިއަދުވެސް ވަނީ، މީޑިއާއަށް ހަމަލާ ދެއްވާފައެވެ. އެގޮތުން އެމެރިކާގައި ކުރިއަށް ގެންދިޔަ "އޮޅުވާލި" އިންތިހާބާ އެއްވަރަށް، މީޑިއާއަކީވެސް "ފްރޯޑެއް" ކަމަށް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.

ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގެންނެވި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، 7 ނޮވެމްބަރު 2020 ގައި ވައިޓްހައުސްއަށް ވަޑައިގަންނަވަނީ / ފޮޓޯ: ސީއެންއެން

ރިޔާސީ އިންތިހާބުގެ ވޯޓުގައި އޮޅުވާލުންތަކެއް ހުރި ކަމެއް ބުނެ، ޓްރަމްޕްގެ ކެމްޕޭން ޓީމުން ވަނީ މައްސަލަތަކެއް ކޯޓުތަކަކަށް ހުށަހަޅާފައެވެ. ނަމަވެސް ސާބިތު ހިފޭ އެއްވެސް ހުއްޖަތެއް އަދި މިހާތަނަށް ދެއްކިފައި ނުވާއިރު، ކަމާ ބެހޭ ފަރާތްތަކުން މިހާތަނަށް ބެލި ބެލުމުން، މަކަރާއި ހީލަތު އެއްވެސް އަމަލެއް އިންތިހާބުގައި ހިންގަފައި ވާތީ ފެނިފައި ނުވާ ކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

އިލެކްޓޯރަލް ކޮލެޖުގެ ސާފު އަގުލަބިއްޔަތުން އެމެރިކާގެ ރައީސް ކަމުގެ މަގާމު ކަށަވަރު ކުރައްވާފައިވާ ބައިޑަން އަކީ އެމެރިކާގެ އިންތިހާބީ ރައީސްކަން އަދި ރަސްމީ ސިފައެއްގައި ކަމާ ބެހޭ ފަރާތްތަކުން އިއުލާން ކޮށްފައެއް ނުވެއެވެ. އެމެރިކާގެ ރިޔާސީ އާ ދައުރުގެ ހުވާ ކުރުން އޮންނާނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.