ކުށުގެ ރެކޯޑް ބެލެހެއްޓުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ބަދަލުކޮށްފައި ވާތީ ރެކޯޑް ސާފުކޮށްދިނުން ދެން އޮންނާނީ އެ ތަނުން ކަމަށް ޑީޖޭއޭ އިން ބުނެފިއެވެ.

ޑީޖޭއޭ އިން ކުރި އިއުލާނެއްގައި ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނާ ގުޅިގެން މަރުކަޒީކޮށް ކުށުގެ ރެކޯޑް ބަލަހައްޓާނީ ޑީޖޭއޭއިން ކަމަށް އެޓާނީ ޖެނެރަލް ކަނޑައަޅުއްވާފައި ވާތީ މާދަމާ އިން ފެށިގެން ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ޑީޖޭއޭ އިން ކަމަށެވެ.

ރެކޯޑް ސާފުކުރުމަށް ހުށަހަޅާއިރު ރެކޯޑް ސާފުކުރާ ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ އާއި ދިވެހި ރައްޔިތެއް ނޫންނަމަ، ޕާސްޕޯޓުގެ ސާފު ކޮޕީ ހުށަހެޅުމަށް ވަނީ އެދިފައެވެ.

ކޮމްޕެނީއެއްގެ ރެކޯޑު ސާފުކުރާނަމަ ކޮމްޕެނީގެ ރަޖިސްޓްރީ ގެ ސާފު ކޮޕީފޯމުގެ ވެރިފަރާތާއި ގުޅޭނެ ފޯނު ނަންބަރާއި ރެކޯޑު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ފުރިހަމަ ކުރުމަށް ފަހު ފޯމު ޕީޑީއެފް ކޮޕީ އީމެއިލް ކުރުމުން ރެކޯޑު ސާފުކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ޑީޖޭއޭ އިން ވަނީ ބުނެފައެވެ.

އެރެކޯޑު ސާފުކުރުމަށްފަހު މެއިލް މެދުވެރިކޮށް އެފަރާތަކަށް ޖަވާބު ފޮނުވޭނެ ކަމަށް ޑީޖޭއޭ އިން ބުނެއެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު