މާލޭގައި ހުންނަ ސަލްޓަން ޕާކް މިއަދު ފަތިހު އަލުން އާންމުންނަށް ހުޅުވާލައިފިއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގައި ހުންނަ ސަލްޓަން ޕާކު މިދިޔަ މާޗު މަހު ބަންދު ކުރުމަށް ފަހު އާންމުންނަށް މި ހުޅުވީ ނުވަ މަހަށް ފަހުއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ޕާކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ދެ ވަގުތަކަށް ކަމަށެވެ. އެއީ ފަތިހު 4:30 އިން ފެށިގެން ހެނދުނު 9:30 އަށް ކަމަށާއި ހަވީރު 4:30 އިން ފެށިގެން ރޭގަނޑު 9:30 އަށް ކަމަށެެވެ. ސަލްޓަން ޕާކް ހުލޫވުމގެ ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޕާކަށް ދާ ބިދޭސީންގެ އަތުން އެންޓްރީ ފީ އެއް މީގެ ކުރިން ނެގި ނަމަވެސް މިހާރު ބިދޭސީންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް މާލެސިޓީ ކައުންސިލުން ބުނެއެވެ. އަދި ޕާކަށް ދާ މީހުންގެ ސަލާމަތީ ރައްކާތެރިކަމަށް ދަބަސް ޗެކް ކުރާނެ ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

ޕާކަށް ދާ މީހުންގެ ހުން ބަލާނެ ކަމަށާއި ޕާކުގައި އަތް ދޮވެވޭނެ ނިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ދާދި ފަހުން ހުޅުވި ލޮނުޒިޔާރަތް ޕާކްވެސް ހުޅުވާފައި ހުންނަނީ ފަތިހު 4:30 އިން 9:30 އަށާއި ހަވިރު 4:30 އިން ރޭގަނޑު 9:30 އަށެވެ. އެ ޕާކަށް ވަންނަ އިރުވެސް ދަބަސް ފާސްކޮށް ހަދައެވެ.