އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ބައިބޯ ސަރަހައްދުތަކެއްގައި މިއަދު ހެނދުނު، ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

މިއިން ހަމަލާއެއްގައި، ސަލާމަތީ ބާރުތަކުގެ އޮފިޝަލެއްގެ ފުރާނަ ގެއްލި، އިތުރު 3 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ރޮކެޓް ހަމަލާތަކުގައި 3 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ.

އަފްގާނިސްތާނުގެ ދާހިލީ ވުޒާރާއާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ކާބުލްއަށް 13 ރޮކެޓް ހަމަލާއެއް ވަނީ އަމާޒުވެފައެވެ. ރޮކެޓް ހަމަލާ އަމާޒުވި ސަރަހައްދުތަކުގެ ތެރޭގައި، ހަމަލާ ބަދަލު ކުރުން މަނާ، ގްރީން ޒޯންވެސް ހިމެނޭ ކަމަށް ހަބަރު ލިބެއެވެ.

އަފްގާނިސްތާނުގައި ސުލްހަ ގާއިމު ކުރުމުގެ މަޝްވަރާތައް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ދިޔަ ކަމުގައި ވީ ނަމަވެސް، މި ފަހަކަށް އައިސް އަފްގާނިސްތާނުގައި ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތާ، އަފްގާނިސްތާނުގެ މައި ސަރުކާރާ ދެމެދު ސުލްހަ ގާއިމު ކުރުމަށް ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ގެންދާ މަޝްވަރާތަކުގައި، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯވެސް ބައިވެރިވެވަޑައިގަންނަވާނެ ކަން ވަނީ ހާމަކުރައްވާފައެވެ.

ކަން މިހެން އޮތް އިރު، އަފްގާނިސްތާނުގައި މިއަދު ދިން ރޮކެޓް ހަމަލާތަކުގެ ޒިންމާ، އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.