ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެއްވެސް ފައިސާއެއް ހިއްޕަވައިގެން އެއްވެސްތާކަށް ވަޑައި ނުގަންނަވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިނގިލިފުޅު ދިއްކުރައްވާ އިރު އަތްޕުޅުގެ ބާކީ ހުރި އިނގިލިތައް ހުންނަނީ އަމިއްލަފުޅު ނަފްސާ ދިމާއަށް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ރައްދު ދީފިއެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނީ، ހއ. ހޯރަފުށީ އެއަރޕޯޓު ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅަށް ރައްދު ދެމުންނެވެ. އެގޮތުން އިދިކޮޅުން ބުނީ އެމަނިކުފާނު އެ ދުވަހު ދެއްކެވި ވާހަކަފުޅަކީ، އެމްޑީޕީގެ ފެންވަރުން ވެސް ވަރަށް ދަށު ދަރަޖައިގެ ހުތުރު އަދި ނާތަހުޒީބު ވާހަކަފުޅުތަކެއް ކަމަށެވެ.

"ރައްޔިތުން ބިކަވެ، ހާސްކަންމަތީ ތިބި ދަނޑިވަޅެއްގައި އެތައް މިލިއަން ރުފިޔާއެއް އިސްރާފު ކުރައްވައިގެން ކެމްޕޭން ކުރެއްވުމަށް ރައީސް ސޯލިހް ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަކީ، އާންމު އުސޫލުން، އެމްޑީޕީގެ އެންމެ ދަށު ދަރަޖައިގެ އެކްޓިވިސްޓުން ދައްކާ ފަދަ ދެކޮޅުނުޖެހޭ، ދެއުޅިއެއްނެތް، ސާބިތުނުހިފޭ އަދި ރޯ ބުހުތާނު ދޮގު ވާހަކަތަކެއް."
އިދިކޮޅު ކޯލިޝަން

އިގްތިސޯދީ އިލްމު ލިބިވަޑައިގެންފައި ނެތަސް ދައްކަވާ ވާހަކަފުޅު ތަކުގައި އަރިހުގައި ގެންގުޅޭ ބަޔަކު ލިޔެފައި ދޭ އެއްޗެއް ވިދާޅުވާ ނަމަ ވެސް އޭގައި ހުރި މައުލޫމާތާއި ހުލާސާތައް ސައްހަތޯ ބެއްލެވުމަކީ ރައީސެއްގެ ޒިންމާއެއް ކަމަށް އިދިކޮޅުން ބުނެއެވެ. އަދި، ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރަށް އިނގިލިފުޅު ދިއްކުރައްވާ ރޯ ބުހުތާނު ދޮގުތަކެއް ހައްދަވާފައި ވާ ކަމަށާއި އެކަންކަން މިއަދުވެސް އަދި ފަހުންވެސް ސާބިތުކޮށް ނުދެއްވޭނެ ކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް އިދިކޮޅުން ބުނެއެވެ. މީގެ އިތުރުން ރައީސް ސޯލިހަކީ ރާއްޖޭގެ ވެރިކަން ކުރައްވާ ފެންވަރު ނެތް، އެފަދަ މަގާމަކަށް ކުފޫ ހަމަނުވާ ބޭފުޅެއް ކަމަށް އިދިކޮޅުން ބުނެއެވެ.

އަދި ރައީސް ސޯލިހަށް ގައުމު ނުހިންގެވިގެން އުޅުއްވަނީ އަމިއްލަފުޅު ނުކުޅެދުންތެރިކަމުގެ ސަބަބުން ކަމާއި، އޭގެ އެންމެ ބޮޑު އެއް ސަބަބަކީ މިއަދުގެ ސަރުކާރުގައި ފަސާދަ އިންތިހާއަށް ބޮޑުވެފައި ވުން ކަމަށް އިދިކޮޅުން ބުނެއެވެ.

"ވެރިކަމަށް ވަޑައިގެން ފަހުން މިހާތަނަށް 45 ލޯނެއް ރައީސް ސޯލިހް ނެންގެވި، އޭގެ ޖުމްލަ އަދަދަކީ 1.6 ބިލިއަން އެމެރިކާ ޑޮލަރު، ނުވަތަ 24.67 ބިލިއަން ދިވެހި ރުފިޔާ، މިއޮތީ އަނެއްކާވެސް ރެކޯޑެއް ހައްދަވާފަ ރައްޔިތުން ލަދުވެތިވާފަދަ އިތުރު ރެކޯޑެއް"
އިދިކޮޅު ކޯލިޝަން

ވެރިކަމަށް ރައީސް ސޯލިހް ވަޑައިގެން ފަހުން މިހާތަނަށް 45 ލޯނެއް ނެގި ކަމަށާއި އޭގެ ޖުމްލަ އަދަދަކީ 1.6 ބިލިއަން އެމެރިކާ ޑޮލަރު ކަމަށް ވެސް އިދިކޮޅުން ބުނެއެވެ. އަދި އެއީ ރައްޔިތުން ލަދުވެތިވާ ފަދަ އިތުރު ރެކޯޑެއް ކަމަށް އިދިކޮލުން ބުނެއެވެ. ރައީސް ސޯލިހްގެ ސަރުކާރުން ނަގާފައިވާ ގިނަ ލޯނުތަކުގެ 50 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ހޭދަ ކުރަމުން ގެންދަނީ ރިކަރަންޓް ރަހަދަށް ކަމަށް އިދިކޮޅުން ބުނެއެވެ. ތިމާގެ މީހުންނާއި ޕާޓީ އެކްޓިވިސްޓުންނަށް މުސާރަ ދެއްވުމާއި، ޗުއްޓީ ދަތުރުފުޅުތައް ކުރެއްވުން ފަދަ އިސްރާފުތަކަށް ކަމަށް ވެސް އިދިިކޮޅުން ތުހުމަތު ކުރެއެވެ.

ހޯރަފުށި އެއާޕޯޓު ހުޅުވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުގައި ވިއްކާފައި އޮތް 85 ރަށް އެބައޮތް ކަމަށާއި އެ ރަށްތަކުން ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބޭ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ނުއަގުގައި ރަށްތައް ދޫކޮށްފައިވާ ކަމަށާއި އެކަމުން ލިބުނު ފައިސާ ހިއްޕަވައިގެން "ޔާމީން ވަޑައިގެންނެވީ" ކަމަށެވެ.

ޔާމީން ހިއްޕަވައިގެން ވަޑައިގެންނެވި ފައިސާ ހުރިނަމަ މިހާރު ދަތި ހާލުގައި އުޅެން ނުޖެހޭނެ ކަމަށާއި އެ ފައިސާއިން ހަރަދު ކުރެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވެއެވެ. އެހެންކަމުން ދަރަނި ބޮޑުވުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫން ކަމަށާއި އަދި މިހާތަނަށް ދަރަނީގެ ގޮތުގައި މި ސަރުކާރުން ނެގީ 15 ބިލިއަން ރުފިޔާ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ހަތަރު ބިލިއަން ރުފިޔާ ޖަހާފައި އޮތީ ކުރީގެ ސަރުކާރުތަކުން ނެގި ދަރަނިތައް ދެއްކުމަށް ކަމަށް ރައީސް ވިދާޅުވެފައި ވެއެެވެ.