ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އިތުރު ރާޅުތަކަކާ ކުރިމަތިލާން ޖެހިފައި ވާ ވިލާތު ބައްރުގެ ގައުމުތަކުން، ކޮވިޑް-19 ޖެހިގެން ކޮންމެ 17 ސިކުންތަކުން މީހަކު މަރުވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވިލާތަށް ކަނޑައަޅާފައި ހުންނަވާ ޑައިރެކްޓާ ހާންސް ކްލޫގެ ވިދާޅުވެއްޖެއެވެ.
ހުސްވި ހަފުތާގައި، ކޮވިޑް-19 ޖެހިގެން، ވިލާތުގެ ގައުމުތަކުން 29000 އަށް ވުރެ ގިނަ މަރުގެ ކޭސް ރެކޯޑް ކޮށްފައި ވާ ކަމަށާ، މިއީ ކޮންމެ 17 ސިކުންތަކުން މީހެއް ކަމަށް ކްލޫގެ ތަފްސީލު ކޮށްދެއްވިއެވެ. މުޅި ދުނިޔޭގެ ހުރިހާ ހިސާބަކަށް ހެން ކޮވިޑް-19 ފެތުރުފައި ވާއިރު، ޖުމުލަ ކޭހުގެ 28 ޕަސެންޓް އަދި ޖުމުލަ މަރުގެ ކޭހުގެ 26 ޕަސެންޓް ހިއްސާ ކުރަނީވެސް ވިލާތުގެ ގައުމުތަކުން ކަން ކްލޫގެ ފާހަގަ ކުރެއްވިއެވެ.
ވިލާތުގައި ބަލިމަޑުކަން ފެތުރިފައިވާ ގޮތަށް ބަލާއިރު، ސުވިޓްޒަލަންޑްގެ ހޮސްޕިޓަލުތަކުގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)ތައް ވަނީ މުޅިންހެން ފުރިފައެވެ. ފަރަންސޭސިވިލާތުގެ ބައެއް ސަރަހައްދުތައް ލޮކްޑައުން ކޮށްފައި ވާއިރު، ލުއި ދިނުމުގެ ވިސްނުމެއް އެ ގައުމުން ނުގެންގުޅެއެވެ. ޕޯޗުގަލްއިންވެސް ދަނީ އިތުރު 2 ހަފުތާއެއްހާ ދުވަހަށް، ލޮކްޑައުންގެ އަމުރު ދަންމާލުމަށް މަސައްކަތް ކުރަމުންނެވެ. ހަންގޭރީގައި ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު، ލޮކްޑައުންގެ އަމުރު، އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ވަނީ ދަންމާލާފައެވެ.
ކޮވިޑް-19ގެ ސީރިއަސް ރާޅަކާ ކުރިމަތިލާން ޖެހިފައިވާއިރު، އަދި މިވަގުތު ވެކްސިނެއް ލިބި، ހައްލެއް ހޯދެން ނެތް ކަމަށް ޑަބްލިއުއެޗްއޯއިންވަނީ ހާމަ ކޮށްފައެވެ.
ކުއްލި ނުރައްކަލާ ބެހޭ ޑަބްލިއުއެޗްއޯގެ އިސް އޮފިޝަލު، ޑރ މައިކް ރާޔަން ވިދާޅުވީ، އަސަރެއް ފެންނަ ވަރަށް ވެކްސިންގެ މަޝްރޫއު ހިންގާލެވޭނީ އަދި 4-6 މަސްދުވަސް ފަހުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން، މިހާރު ކުރިމަތިވެފައިވާ ރާޅާއި ބައްދަލު ކުރަންޖެހެނީ ވެކްސިންގެ އެހީއާ ނުލާ ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.