ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ އަދުގެ ހާލަތަށް ބަލާއިރު، އަވަށްޓެރި އިންޑިއާގެ ވެރިރަށް ނިއު ދިއްލީއާއި، ދިވެހިންނާ އެކުވެރި ޖަޕާނުގެ ވެރިރަށް ޓޯކިއޯގެ ހާލަތު އިންތިހާއަށް ގޯސްވެފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ހާލަތަށް ބަލާއިރު، ކޮވިޑް-19 ޖެހިގެން މިއަދު 131 މީހަކު މަރުވި ކަމަށް ދިއްލީ ސަރުކާރުން ހަބަރު ދެއެވެ. ދިއްލީ ރެކޯޑް އަދަދަކަށް ކޮވިޑް ޕޭޝަންޓުން މަރުވެގެން ރިޕޯޓް ކުރީ މިދިޔަ ހުކުރު ދުވަހުއެވެ. އެއީ 104 މަރުގެ ކޭހާއެކުގައެވެ. ކޮވިޑް-19 ޖެހިގެން ދިއްލީއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 7943 އަށް އަރާފައެވެ.

ފާއިތުވީ 24 ގަޑިއިރަށް ބަލާއިރު، ދިއްލީއިން 7486 އާ ކޭސް ވަނީ ރެކޯޑް ކޮށްފައެވެ. މިއާއެކު ދިއްލީގެ ކޭސްލޯޑް ވަނީ 503084 އަށް އަރާފައެވެ.

މެޑިކަލް ގްރޭޑްގެ އޮކްސިޖަން ސަޕްލައިކުރަނީ/ފޮޓޯ: ޓްރިބިއުން އިންޑިއާ

ދިއްލީ ސަރުކާރުން މިހާރު ވަނީ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަނެއްކާވެސް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފަށާފައެވެ. އެގޮތުން ކައިވެނި ހަފުލާ ފަދަ އިޖުތިމާއީ އެއްވުންތަކަށް، އެންމެ ގިނަ ވެގެން އެއްވެވޭނީ 50 މީހުންނަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރުވީންދް ކެޖްރިވާލް ވަނީ، ދިއްލީގައި ކޭސް ނަމްބަރު އިތުރުވާން ފަށާފައި ވަނީ، ޖިސްމާނީ ގައިދުރު ކަން ތަންފީޒު ކުރުމަށާއި، ބާޒަރުތަކުގައި މާސްކު ބޭނުން ކުރުމަށް އާންމުން ފެއިލް ވުމުން ކަމަށް ވިދާޅުވެފައެވެ. އަދި ބައެއް ސަރަހައްދުތަކަކީ ހޮޓްސްޕޮޓްތަކެއް ކަމުގައި ކަނޑައަޅާ، އެ ސަރަހައްދުތައް ބަންދު ކުރަން ޖެހިދާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.

ޖުމުލަ ގޮތެއްގައި އިންޑިއާއަށް ބަލާއިރު، މިއަދު 45576 އާ ކޭހާއި، 585 މަރުގެ ކޭސް ވަނީ ރެކޯޑް ކޮށްފައެވެ. މިއާއެކު އިންޑއިާއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 8958483 އަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 131618 އަށް އަރާފައެވެ.

ޖަޕާން އެލާޓަށް

ރެކޯޑް އަދަދުތަކުން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ރިޕޯޓް ކުރުމާއެކު، ޖަޕާނު އޮތީ މިހާރު އެލާޓް ލެވަލްގެ އެންމެ މަތީ ދަރަޖައިގެ ސަމާލުގައި ކަމަށް، އެގައުމުގެ ބޮޑުވަޒީރު ޔޮޝޮހީޑޭ ސޫގާ މިއަދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އަދި އެ ސަރުކާރުން ވިސްނާފައެއް ނުވެއެވެ.

ޖަޕާނުގެ އާ ބޮޑުވަޒީރު ކަމުގެ މަގާމު ޔޮސިހިދޭ ސޫގާ (މ) ކަށަވަރު ކުރެއްވުމުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަތްތިލަބަޑިޖައްސަވަނީ/ފޮޓޯ: ގެޓީއިމޭޖަޒް

ޖަޕާނުން ބުދަ ދުވަހު އެކަނިވެސް 2201 އާ ކޭސް ފެނިފައި ވާއިރު، ގާތްގަނޑަކަށް 500 އެއްހާ ކޭސް ހިއްސާކުރީ ވެރިރަށް ޓޯކިއޯއިންނެވެ. މިއީ އެހެން ގައުމުތަކާ އަޅާ ބަލާއިރު، އަދަދުގެ ގޮތުން މަދު މިންވަރެއް ކަމަށް ދެއްކި ނަމަވެސް، މިއީ ޖަޕާނަށް ބަލާއިރު ރެކޯޑް އިތުރުވުމެކެވެ.

ހަރުކަށި ފިޔަވަޅުތަކަކާ ހިސާބަށް ދާނީ، ބަލަންޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށް ޖަޕާނުން ބުނެފައި ވާއިރު، އެކި ސަރަހައްދުތަކުން އެދޭ ކަމަށް ވަނީ ނަމަ، ވިޔަފާރިތައް ބަންދު ކުރުމަށް ސަރުކާރުން ތާއީދު ކުރާކަންވެސް ބޮޑުވަޒީރު ސޫގާ ވަނި ހާމަކުރައްވާފައެވެ.

ޖަޕާނަކީ ކޮވިޑް-19އާ ދެކޮޅަށް، އެންމެ ހަމަޖެހިލައިގެން ފިޔަވަޅު އަޅަމުން އަންނަ އެއް ގައުމުގެ ގޮތުގައި ސިފަކުރެވޭ ގައުމެކެވެ. އެހެން ނަމަވެސް، ޖަޕާނުން ކޭސް ރެކޯޑް ކުރާ މިންވަރު، އެހެން ގައުމުތަކަށް ވުރެ މަދެވެ. ބަލިމަޑުކަން ފެށުނު ފަހުން އެ ގައުމުން މިހާތަނަށް ރެކޯޑް ކޮށްފައި ވަނީ ގާތްގަނޑަކަށް 121000 ކޭހެވެ. އަދި މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 1900 އަށް އަރާފައެވެ.