ވެކްސިނަކީ އޭގެ އަމިއްލަ ޒާތުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށް ނިމުން ގެނުވާނެ އެއްޗެއް ނޫން ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.
ޑރ ޓެޑްރޯޒް މިހެން ވިދާޅުވީ، ކޮވިޑް-19އިން ދިފާއުވުމަށް، އެ ކުންފުނީގެ ވެކްސިނަކީ 94.5 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް، އެމެރިކާގެ ބައޮޓެކްނޮލޮޖީ ކުންފުނި، މޮޑާނާއިން އިއުލާން ކުރިތާ ކުޑަ ވަގުތު ކޮޅެއް ފަހުން ކުރެއްވި ސިލްސިލާ ޓްވީޓްތަކެއްގައެވެ.
ކޮވިޑް-19ގެ ނިމުމަކީ ހަމައެކަނި ވެކްސިނެއް ނޫންކަން ފާހަގަ ކުރައްވަމުން ޑރ ޓެޑްރޯޒް ވަނީ، އަދިވެސް ކުރަންޖެހޭ ކަންތައްތަކެއް ލިސްޓު ކުރައްވާފައެވެ. އެގޮތުން، ސާވޭލަންސް، ޓެސްޓު ކުރުން، އައިސޮލޭޓް ކުރުން، ކޭސްތަކަށް ފަރުވާ ދިނުން، ޓްރޭސް ކުރުން، ކޮންޓެކްޓުން ކަރަންޓީނު ކުރުން، މުޖުތަމައު ބައިވެރިކުރުވުމާއި ފަރުދީ ފެންވަރުގައި ފަރުވާތެރިވުމަކީ ކުރަންޖެހޭނެ ކަންތައްތަކެއް ކަން ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ.
މި މޭރުމުން ޑރ ޓެޑްރޯޒް އިތުރަށް ވިދާޅުވީ، ކޮވިޑް-19 އަށް އުފައްދާ ފުރަތަމަ ވެކްސިންގެ ސަޕްލައި މަދު ވާނެ ކަމަށެވެ. އެހެން ކަމުން، މި ވެކްސިން ހާއްސަ ކުރެވޭނީ، ސިއްހީ ހިދުމަތްތެރިންނާއި، ދޮށީ އުމުރުގެ މީހުންނާއި، އާބާދީގައި ތިބި ހައި-ރިސްކް މީހުންނަށް ކަމަށް ޑރ ޓެޑްރޯޒް ވިދާލުވިއެވެ. މިއާއެކު ކޮވިޑް-19ގައި މަރުވާ މީހުންގެ އަދަދު ދަށް ކުރެވި، ސިއްހީ ނިޒާމަށް ހިންދެމިލާނެ ވަގުތު ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ވިދާޅުވިއެވެ. ނަމަވެސް، ހެލިފެލިވެ އުޅޭނެ ޖާގަ އަދިވެސް ކޮވިޑް-19 ޖައްސާ ވައިރަހަށް އޮތްކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ފެށުމާ ހިސާބުންވެސް، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ވެކްސިނެއްގެ މުހިންމުކަން ފަހުމް ވެފައި އޮތް ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ. ނަމަވެސް، މި ވެކްސިނަކީ، މިހާރުވެސް ތަންފީޒު ކުރަމުންދާ އިތުރު ފިޔަވަޅުތަކާއެކުގައި ލިއްބައިދޭނެ އެހީއެއް ކަމަށާ، އެއީ އެއްވެސް ހާލެއްގައި އެ ފިޔަވަޅުތަކުގެ ބަދަލުގައި އަންނަ އެއްޗެއް ނޫން ކަން ވެސް ޑރ ޓެޑްރޯޒްގެ ސިލްސިލާ ޓްވީޓްތަކުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
އާންމު އުސޫލުން އިންސާނުންގެ ހަށިގަނޑުގައި ވެކްސިން ބޭނުން ކުރަން ފެށުމުގެ ކުރިން ފުރިހަމަ ކުރާ އެންމެ ފަހު މަރުހަލާގެ ތަހުލީލުތަކުގެ އިބްތިދާއީ މުރާޖާތަކާ ހަވާލާދީ، މޮޑާނާގެ ވެކްސިންގެ 94.5 ޕަސެންޓް ކާމިޔާބު ކަމަށް އެ ކުންފުނިން ހާމަ ކޮށްފައި ވަނީ ބައޮއެންޓެކާއި ފައިޒާގެ ވެކްސިން، 90 ޕަސެންޓް ކާމިޔާބު ކަމަށް، ވަގުތީ ނަތީޖާތަކުން ދައްކާފައި ވާ ކަން ހާމަކުރިތާ މާ ގިނަ ދުވަހެއް ނުވެއެވެ.
ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތް، ތާރީހު ނުދެކޭ ފަދަ ހަލުވި ދުވެއްޔެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާއިރު، އެންމެ ފަހު މަރުހަލާގައި 11 ވެކްސިން ކެންޑިޑޭޓެއް އެބަ އޮތް ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރެއިން ބައެއް ވެކްސިންތަކުގެ ޑޯޒްތައް މިއަހަރުގެ ފަހުކޮޅު އާންމު ކޮށް ދެވެން ފަށާނެ ކަމުގެ ފެހި ސިގުނަލްވެސް މިހާރު ދަނީ ލިބެމުންނެވެ.