2021 ވަނަ އަހަރަށް ކަނޑައެޅި 37 ބިލިއަން ރުފިޔާގެ ބަޖެޓަށް ފައިސާ ހޯދުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކޮށް ލޯނު ނެގުމަށް ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން 300 މިލިއަން އެމެރިކާ ޑޮލަރުގެ އިސްލާމިކް ބޮންޑް (ސުކޫކު) ވިއްކުމަށް ހެލްތު މިނިސްޓްރީގެ ނަމުގައި އޮތް ދަރުމަވަންތަ ހޮސްޕިޓަލު އަޅާފައިވާ ބިން، ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކޮށް، އެ ތަން ރަހުނު ކުރަން އުޅޭކަމުގެ ސިޓީއެއް ވަނީ "ދަ ޕްރެސް" އަށްވެސް ލިބިފައެވެ.

ފިނޭންސް މިނިސްޓަރު އަމީރު ސޮއި ކުރައްވާ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައި ވަނީ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރިކޮށް ވިއްކަން ހަމަޖެހިފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށް، އިސްލާމިކް ފައިނޭންސްގެ ހަމަތަކުގެ މަތިން 100 ޕަސަންޓް ސަރުކާރު ހިއްސާވާ ސެޕްޝަލް ޕާފަސް ވެސެލް (އެސްޕީވީ) އެއް ބޭނުންވާ ކަމަށެވެ.

އެގޮތުން، އެ އެސްޕީވީ ހެދުމަށްޓަކައި، ވިއްކަން ގަސްދުކުރާ ސުކޫކުގެ 51 ޕަސަންޓަށް ވުރެ މަތިން އަގު ކުރެވޭ އެސެޓެއްގެ ބެނިފިޝަލް އޯނާޝިޕް މި އެސްޕީވީ އަށް ޓްރާންސްފާ ކުރަން ޖެހޭ ކަމަށާއި އެކަން ކުރުމަށްޓަކައި ސަރުކާރުގެ ހަރު މުދަލަށް ބަލާއިރު، އެކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމަށެވެ.

ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލް އަގުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން އާއެކުދަނީ ކުރަމުންނެވެ. އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން މި ސުކޫކް ވިއްކުމަށް 100 އިންސައްތަ ސަރުކާރު ހިއްސާ ސްޕެޝަލް ޕަރޕޮސް ވެސަލްއެއް ހެދުމަށްފަހު ސުކޫކްގެ 51 އިންސައްތަ އަށް ވުރެ މަތީން އަގު ކުރެވޭ އެސެޓެއްގެ ބެނެފިޝަލް އޯނާޝިޕް މި އެސްޕީވީއަށް ޓްރާންސްފާ ކުރަން ޖެހެއެވެ. މި ވަގުތު ސަރުކާރުގެ ހުރި އެސެޓްތައް ބެލުމަށްފަހު މިކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމުން ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރުމަށް ވަނީ ނިންމާފައެވެ.
ސިޓީ

ނަމަވެސް، އެ ތަން މިވަގުތު ހުރީ ހެލްތު މިނިސްޓްރީގެ ނަން މަތީގައި ކަމަށް ވުމުން އެ އެސެޓު އޮންނަން ޖެހޭނީ ފިނޭންސް މިނިސްޓްރީގެ ރަޖިސްޓްރީގެ ދަށުގައި ކަމަށެވެ. އެހެން ކަމުން އެކަން ކޮށް ދިނުމަށް ސިޓީ ކައުންސިލު މެދުވެރިކޮށް ދެއްވުމަށް އަމީރު ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.

ކަން މިހެން އޮތްއިރު، ދަރުމަވަންތަ ހޮސްޕިޓަލް ފިނޭންސް މިނިސްޓްރީއަށް ރަޖިސްޓާ ކޮށްދެއްވުމަށް އެދި މިނިސްޓަރު އަމީރު، ވަނީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށްވެސް އިއްޔެގެ ތާރީހުގައި ސިޓީއެއް ފޮނުއްވާފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލާ ގުޅޭގޮތުން މި ސަރުކާރު އައުމުގެ ކުރިންވެސް ސަރުކާރުގެ އިސް ބޭފުޅުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވައި، އެތަނަކީ އިސްރާފެއް ކަމަށާއި އެ ހޮސްޕިޓަލަކީ ބޭނުން ނުހިފޭ، ކޮންކްރީޓް ހޮހޮޅައެއް ކަމަށް ބުނެ ފާޑު ކިޔާފައެވެ.

2010 ވަނަ އަހަރު އެމްޑީޕީ ވެރިކަން އޮތް އިރުވެސް ރާއްޖޭގެ ބައެއް ހަރު މުދަލުގެ އިންސައްތައެއް ބޭރުގެ ފަރާތްތަކަށް ވިއްކާފައި ވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިހާރުގެ ވެލާނާ އެއާޕޯޓް، އިންޑިއާގެ ޖީއެމްއާރަށް ކުއްޔަށް ދިނުމާއި، މާލޭގެ ފެންކުންފުނި، އެމްޑަބްލިޔުއެސްސީގެ ހިއްސާ ވިއްކާލުން ފަދަ ކަންކަން ކުރިއެވެ.

މިހާރު ހިނގަމުންދާ އެމްޑީޕީގެ އާ ސަރުކާރުންވެސް އަމާޒު ހިފާފައި ހުރީ ސަރުކާގެ ހަރު މުދަލައި، ކުންފުނިތަކުގެ ހިއްސާ ވިއްކާލުމަށެވެ.