ނޮވެމްބަރު މަހުގެ ކުރީކޮޅު އެމެރިކާގައި ކުރިއަށް ގެންދިޔަ ފޯރިގަދަ ރިޔާސީ އިންތިހާބުގައި، އިދިކޮޅު ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އަށް "ކާމިޔާބު" ލިބިވަޑައިގެންނެވި ކަމަށް، އެމެރިކާގެ މިހާރުގެ ރައީސް، އަދި އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ރިޕަބްލިކަންސްގެ ކެންޑިޑޭޓް ޑޮނާލްޓް ޓްރަމްޕް، ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ.
އިންތިހާބުގައި ބައިޑަން "ކާމިޔާބު" ހޯއްދެވި ކަމަށް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގަތީ، މިކަން ބަޔާން ކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ. މިއާއެކު، އިންތިހާބުގެ ނަތީޖާ، ޓްރަމްޕާ ދެކޮޅަށް ނެރުމަށް، އޮޅުވާލުންތަކެއް އޮޅުވާލާފައި ވާ ކަމުގެ ތުހުމަތުތަކެއްވެސް ޓްރަމްޕް ވަނީ ހަމަ މިމޭރުމުން ފެންމަތި ކުރައްވާފައެވެ.
ބައިނަލްއަގުވާމީ މުޖުތަމައުއިން އެމެރިކާގެ އިންތިހާބީ ރައީސްގެ ގޮތުގައި ބަލައިގެންފައި ވާ ބައިޑަންއާ ބެހޭ ގޮތުން ކުރެއްވި ޓްވީޓްގައި ޓްރަމްޕް ވިދާޅުވީ، އިންތިހާބުގައި ބައިޑަންއަށް "ކާމިޔާބު ލިބިވަޑައިގަތީ، އިންތިހާބުގައި އޮޅުވާލުންތަކެއް އޮތުމުން" ކަމަށެވެ.
އިންތިހާބުގައި އޮޅުވާލުންތަކެއް ހުރިކަމަށް ތުހުމަތު ކުރައްވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، އޮބްޒާވަރުންނަށް ފުރުސަތު ދީފައި ނުވާ ކަމަށާ، ވޯޓުގެ ހިސާބު ޖެހީ އިތުބާރު ގެއްލިފައިވާ ކުންފުންޏަކުން ކަމަށާ، ބޭނުން ކުރި އާލާތްތަކަކީ ޓެކްސަސްގެ ވޯޓު ގުނުމަށްވެސް ކުފޫ ހަމަނުވާ އާލާތްތަކެއް ކަމަށެވެ. އަދި މީޑިއާއަކީ "ފޭކު" ބައެއް ކަމަށާ، މީޑިއާ އޮތީ ހިމޭނުން ކަމަށްވެސް ޓްރަމްޕްގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގެ ކަންކަން މިހާރު ކުރިއަށް ގޮސްފައި ވާ ހިސާބަށް ބަލާއިރު، އިލެކްޓޯރަލް ކޮލެޖުގެ ވޯޓާއި، ރައްޔިތުން ދިން ޕޮޕިއުލާ ވޯޓުގައިވެސް ކުރި ހޯއްދާވަނީ ބައިޑަންއެވެ. މިކަން ރަސްމީ ސިފައެއްގައި ގަބޫލުކުރެއްވުމަށް ޓްރަމްޕް އަދިވެސް ރުހިވަޑައިނުގަންނަވައެވެ. އެމެރިކާގެ ޑިމޮކްރަސީގެ ފަހުގެ ތާރީހަށް ބަލާއިރު، 1992 ވަނަ އަހަރަށްފަހު 2 ވަނަ ދައުރެއް ކަށަވަރު ނުކުރެއްވުނު ފުރަތަމަ ރައީސްއަކީވެސް ޓްރަމްޕެވެ.