15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ގާއިމް ކުރުމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުތައް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައި ވަނީ މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 15 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއަށް އެމްޑާބްލިއުއެސްސީއަށް ދީފައި ވަނީ 18 މަސް ދުވަހެވެ. އަދި 5 ރަށެއްގެ ފެނުގެ ނިޒާމުގެ މަޝްރޫއަށް ދީފައި ވަނީ 15 މަސް ދުވަހެވެ.

މި މަޝްރޫއުގެ ޖުމްލަ އަގަކީ 1.3 ބިލިއަން ރުފިޔާއެވެ.

އެއީ ފެނާއި ނަރުދަމާގެ ނިޒާމް:

  • ހއ. މަރަންދޫ -72 މިލިއަން ރުފިޔާ
  • ހއ. ތަކަންދޫ - 76 މިލިއަން ރުފިޔާ
  • ހއ. ވަށަފަރު - 78 މިލިއަން ރުފިޔާ
  • ހދ. ކުމުންދޫ - 102 މިލިއަން ރުފިޔާ
  • ހދ. ހިރިމަރަދޫ -69 މިލިއަން ރުފިޔާ
  • ށ. ގޮއިދޫ - 86 މިލިއަން ރުފިޔާ
  • ނ. ފޮއްދޫ 58 މިލިއަން ރުފިޔާ
  • ނ. މާފަރު - 94 މިލިއަން ރުފިޔާ
  • ރ. ފައިނު - 63 މިލިއަން ރުފިޔާ
  • ބ. ކަމަދޫ - 56 މިލިއަން ރުފިޔާ
  • ބ. މާޅޮސް - 60 މިލިއަން ރުފިޔާ
  • ޅ. އޮޅުވެލިފުށި - 80 މިލިއަން ރުފިޔާ
  • އއ. ފެރިދޫ - 69 މިލިއަން ރުފިޔާ
  • އއ. ހިމަންދޫ - 65 މިލިއަން ރުފިޔާ
  • އދ ކުނބުރުދޫ - 45 މިލިއަން ރުފިޔާ

އަދި ފެނުގެ ނިޒާމް:

  • ހއ. މުރައިދޫ - 46 މިލިއަން ރުފިޔާ
  • ށ. ފީވަށް - 49 މިލިއަން ރުފިޔާ
  • ނ. ހެނބަދޫ - 41 މިލިއަން ރުފިޔާ
  • ރ. އިންނަމާދޫ - 50 މިލިއަން ރުފިޔާ
  • އއ. މަތިވެރި - 38 މިލިއަން ރުފިޔާ

މި މަޝްރޫއުތަކުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުމާއި، އާރްއޯ ޕްލާންޓާއި ސްޓޯރޭކް ޓޭންކް ބެހެއްޓުމާއި އަދި ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކޮށް އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއުތަކަކީ 1 އަހަރު ދުވަހުގެ މުއްދަތަށް ދައުލަތުން ފައިސާ ދައްކަން ނުޖެހޭ ގޮތަށް 4 އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.

މި މަޝްރޫއުތައް ހަވާލު ކުރުމުގެ ކޮންޓްރެކްޓުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.