މިސްރުގެ ވެރިރަށް ގާހިރާގެ ދެކުނުގެ ސަރަހައްދުތަކުން ފެނުނު 100 އެއްހާ ގަދީމީ ސަންދޯކާއި، ގިރިޓީކޮށްފައިވާ ބުދުތަކެއް ދައްކާލައިފިއެވެ.

އެކި ކުލަތަކުން ޖަރީކޮށްފައިވާ ސަންދޯއްތަކަކީ މީގެ 2500 އަށްވުރެ ގިނަ އަހަރު ކުރިން ވަޅުލާފައިވާ ސަންދޯއްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިސްރުން 14 ނޮވެމްބަރު، 2020 ގައި ދައްކާލި ގަދީމީ ސަންދޯއްތައް / ފޮޓޯ: ދާ ގާޑިއަން

މި ސަންދޯއްތަކާ މިހާރު ހަވާލުވެގެން އުޅޭ ތާރީހު ދިރާސާކުރާ އިލްމުވެރިންގެ ޓީމުން ވަނީ، މި ތަނުން ސަންދޯކެއް ހުޅުވާ، އޭގައި އޮތް ގަބުރުވެސް ދައްކާލާފައެވެ. ފޮތިގަނޑަކަށް ލާފައި އޮތް އެ ގަބުރު ވަނީ، ހަލާކުނުވެ، ގިނަ ދުވަހަށް ދެމި އޮންނާނެ ގޮތް ހަދާފައެވެ.

މިސްރުގެ ފަތުރުވެރިކަމާއި އާސާރުތަކާ ބެހޭ ވަޒީރު ހާލިދު އަލް-އާނާނީ ވިދާޅުވީ، މި ތަކެއްޗަކީ މިސްރުގައި އެއް އިރެއްގައި ވެރިކަން ކުރި ޕްޓޯލެމެއިކް ހާންދާނުގެ ދުވަސްވަރުގެ ތަކެތިކަމަށެވެ.

މިސްރުން 14 ނޮވެމްބަރު، 2020 ގައި ހުޅުވި ގަދީމީ ސަންދޯކެއްގެ އެތެރެ ދައްކާލަނީ / ފޮޓޯ: ކޮސްމިކްލޮގް

ސައްގާރާއޭ ކިއުނު ސަރަހައްދުން ފެނުނު މި ސަންދޯއްތައް ހުރި ސަރަހައްދަކީ ޔުނެސްކޯއިން ދުނިޔޭގެ ތަރިކައިގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެކެވެ. މިފަދަ އިތުރު ތަކެތި އެ ސަރަހައްދުން އަދިވެސް ފެނިދާނެ ކަމަށް މިސްރުން ބުނެއެވެ. ސަންދޯއްތަކެއް ފެނުމުން އެސަރަހައްދުން ސަންދޯއްތައް ނަގާއިރަށް، އެފަދަ އިތުރު ދިމާލަކަށް ވަންނާނެ މަގެއް ފެންނަ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިސްރުން 14 ނޮވެމްބަރު، 2020 ގައި ހުޅުވި ގަދީމީ ސަންދޯކެއްގެ އެތެރޭގައި އޮތް ގަބުރުގެ އެކްސްރޭއެއް ދައްކާލަނީ / ފޮޓޯ: ޕޯސްޓް އެންޑް ކޫރިއާ

މި އަހަރުގެ ސެޕްޓެމްބަރު މަހު މަހަށް ފަހު އެކަނިވެސް ސައްގާރާ ސަރަހައްދުން 140 ސަންދޯކެއް ނަގާފައިވެއެވެ. މީގެ ތެރެއިން ގިނަ ސަންދޯއްތަކުގައި ގަބުރުވެސް ހުއްޓެވެ.