އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަންގެ ފޭސް މާސްކަށް އޮންނަ ޑިމާންޑް އިންތިހާއަށް އިތުރު ވަމުން އަންނަ ކަމަށް، މީހުންގެ މޫނާ އެއްގޮތަށް މާސްކު ތައްޔާރު ކުރުމުގައި ހަރަކާތްތެރި ވަމުން އަންނަ ޖަޕާނުގެ އޮގާވާ ސްޓޫޑިއޯއިން ހާމަކޮށްފިއެވެ.

އޮގާވާ ސްޓޫޑިއޯ އިން ބުނާ ގޮތުގައި، އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ފޭސް މާސްކަށް މީގެ ކުރިން އޮތް ޑިމާންޑް ދަށްވެ، މިހާރު ހަލުވި ކަމާއެކު އިތުރު ވަމުން އަންނަނީ ބައިޑަންގެ މާސްކަށް އޮތް ޑިމާންޑެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަންގެ ރަބަރު ފޭސް މާސްކު / ފޮޓޯ: ރޮއިޓާޒް

އޮގާވާ ސްޓޫޑިއޯއިން ބައިޑަންގެ ރަބަރު ފޭސް މާސްކު އުފައްދަން ފެށީ މިއަހަރުގެ ކުރީކޮޅުގައެވެ. ނަމަވެސް، ބައިޑަންގެ މާސްކަށް ޑިމާންޑް އިތުރު ވާން ފެށީ، އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބައިޑަންއަށް ކުރި ލިބިވަޑައިގެންކަން އާންމުވި ހިސާބުން ކަމަށްވެއެވެ.

އޮކްޓޯބަރު މަހުގެ ތެރޭގައި އޮގާވާ ސްޓޫޑިއޯ އިންވަނީ މިފަދަ 1000 މާސްކު އުފައްދާފައެވެ. މިއިން މާސްކެއްގެ އަގަކީ 22.81 ޑޮލަރެވެ. އަހަރު ނިމޭއިރު، 25000 ބައިޑަން މާސްކު އުފެއްދުމަށް އޮގާވާ ސްޓޫޑިއޯއިން ވަނީ އަމާޒު ހިފާފައެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަންގެ ރަބަރު ފޭސް މާސްކު (ކ) އަދި ޑޮނާލްޑް ޓްރަމްޕްގެ މާސްކެއް (ވ) / ފޮޓޯ: ސްޕެކްޓްރަމް ނިއުސް

ބައިޑަންގެ ރަބަރު ފޭސް މާސްކާއި، ޓްރަމްޕްގެ ރަބަރު ފޭސް މާސްކުގައި އަގުގެ ގޮތުން ފަރަގެއް ނެތެއް ކަމަކު، މާސްކުން ފެންނަ މަންޒަރު ވަރަށް ތަފާތެވެ. ބާރަށް ވާހަކަދައްކަން ނުވަތަ ހަޅޭއްލެވުމަށް އަނގުހުޅުވައިގެން ހުންނަ ޒާތަކަށް ޓްރަމްޕްގެ މާސްކު ފަރުމާކޮށްފައި ވާއިރު، ބައިޑަންގެ ރަބަރު ފޭސް މާސްކުން ފެންނަނީ ހިނިތުވުމެކެވެ.