އެމެރިކާގެ އިންތިހާބީ ނައިބު ރައީސާ ކަމަލާ ހެރިސްގެ ފިރިކަލުން، ޑަގްލަސް އެމްހޯފް، އޭނާ އަދާ ކުރައްވަމުން ގެންދެވި ވަޒީފާއިން އިސްތިއުފާ ދެއްވައިފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި، ސިޔާސީ މައިދާނަށް ވަދެވަޑައިގަނުގަންނަވާނެ ކަމަށް މީގެ ކުރިން ވިދާޅުވަމުން ގެންދެވި އެމްހޯފް، އޭނާ އަދާކުރައްވަމުން ގެންދެވި ވަޒީފާއިން އިސްތިއުފާ ދެއްވީ، ވައިޓްހައުސްގެ ވަޒީފާއަކަށް ވަޑައިގަތުމަށެވެ.
އުމުރުން 56 އަހަރުގެ އެމްހޯފްއަކީ، ޕްރައިވެޓް ލޯ ފާމެއްގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ލޯ ފާމް ޑީއެލްއޭ ޕައިޕާގައި މަސައްކަތް ކުރެއްވި އެމްހޯފް ހާއްސަ ވެފެއި ވަނީ ފިކުރީ މުދަލުގެ ގާނޫނާ، ޓެކްނޮލޮޖީއާއި އޭގެ މީޑިއާގެ އިތުރުން، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ގާނޫނުތަކަށެވެ.
އެމްހޯފްއަކީ އެމެރިކާގެ ތާރީހު ދުށް، އެންމެ ފުރަތަމަ 'ސެކަންޑް ޖެންޓްލްމަން'އެވެ. އެހެނީ، ކަމަލާ ހެރިސްއަކީ، އެމެރިކާގެ ތާރީހު ދުށް، ފުރަތަމަ އަންހެން ނައިބު ރާއިސްއަށް ވާ ކަމެވެ. މީގެ އިތުރުން ކަމަލާ އަކީ، ކަޅު ނަސްލާ، ދެކުނު އޭޝިއާ ނަސްލުންވެސް އެމެރިކާގެ ނައިބު ރައީސްކަން ކުރައްވާ ފުރަތަމަ ޝަހްސެވެ.
ޖޯ ބައިޑަންގެ ރަނިންގް މޭޓުގެ ގޮތުގައި ކަމަލާ މަސައްކަތް ފެއްޓެވީއްސުރެ އެމްހޯފް ވަނީ ޑީއެލްއޭ ޕައިޕާގައި އަދާކުރައްވަމުން ގެންދެވި ވަޒީފާއިން ޗުއްޓީއެއް ނަންގަވާފައެވެ.
އެމްހޯފް ވިދާޅުވާ ގޮތުގައި އޭނާއަކީ އަދުލު އިންސާފާއި ހަމަހަމަކަމަށް ވަކާލާތު ކުރާނެ މީހެކެވެ.
ގާނޫނީ ދާއިރާގައި އަދާކުރައްވަމުން ގެންދެވި ވަޒީފާއިން އިސްތިއުފާ ދެއްވާ، އިންތިހާބީ ރައީސް ޖޯ ބައިޑަންއާއި ނައިބު ރައީސާ ކަމަލާ ހެރިސްގެ އަރިހުގައި ވައިޓްހައުސްގައި މަސައްކަތް ކުރެއްވުމަށް އެމްހޯފް ނިންމެވިކަން ފާހަގަ ކޮށް، އޭނާއަށް ތައުރީފު ކުރާ މީހުންވެސް ގިނައެވެ.
އިލެކްޓޯރަލް ކޮލެޖުގެ އަގުލަބިއްޔަތުން އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ބައިޑަންގެ އާ ސަރުކާރާ ބެހޭ މާ ބޮޑު ތަފްސީލުތަކެއް އަދި ނުލިބެއެވެ. ނަމަވެސް ވައިޓްހައުސްގައި، ބައިޑަންގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނަވާނީ، ފާއިތުވީ އަހަރުތަކުގައި ބައިޑަންގެ އެންމެ އަރިހުގައި މުޝީރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ރޮން ކްލެއިންކަން މިހާރު ވަނީ ކަށަވަރުވެފައެވެ.