ފުރިހަމަ މިލްކުވެރިކަމުގެ މައްސަލާގައި ވަރުގަދަ އަސްކަރީ ކުރިމަތިލުންތަކެއް ގިންގަމުންދާ ނަގޮރްނޯ-ކަރަބަޚް ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އަޒަރުބައިޖާންއާއި އަރުމީނިއާއިން އެއްގަލަކަށް އަރައިފިއެވެ.

ނަގޮރްނޯ-ކަރަބަޚް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އަޒަރުބައިޖާންއާއި، އަރުމީނިއާގެ އިތުރުން ރަޝިއާއެވެ. ރަޝިއާއަކީ މި ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެންމެ އިސް ދައުރެއް އަދާ ކުރި އެއް ގައުމެވެ.

އެއްބަސްވުމުގައި އޮތީ ކޮން ވާހަކައެއް؟

މި އެއްބަސްވުމުގައި ވާ ގޮތުން ޖީއެމްޓީގަޑިން ރޭ 21:00 އިން ފެށިގެން ހަމަލާ ބަދަލު ކޮށްގެން ނުވާނެއެވެ. އަދި ފާއިތުވީ ދުވަސްތަކުގައި ހިންގި ހަމަލާ ބަދަލު ކުރުންތަކުގައި އަޒަރުބައިޖާންއިން ކޮންޓްރޯލް ނަގާފައިވާ ސަރަހައްދުތަކަކީ އަޒަރުބައިޖާންއަށް ދޫކޮށްލަންޖެހޭ ސަރަހައްދުތަކެއް ކަމަށްވެސް ބަޔާން ކޮށްފައި ވެއެވެ. އަރުމީނިއާއިން ވަނީ، ކުރިއަށް އޮތް ހަފުތާ ތަކުގެ ތެރެއިން، ބައެއް ސަރަހައްދުތަކުން ފައިބަން ވެސް އެއްބަސްވުމަކަށް އައިސްފައެވެ.

ނަގޮރްނޯ-ކަރަބަޚް ސަރަހައްދަކީ އަޒަރުބައިޖާންއާއި އަރުމީނިއާއާ ދެމެދު ސިލްސިލާ ގޮތެއްގައި ދެބަސްވުންތައް އުފެދޭ ސަރަހައްދެއް/ފޮޓޯ: ގެޓީއިމޭޖަޒް

ޓީވީ މެދުވެރި ކުރައްވާ ވާހަކަދައްކަވަމުން ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ވަނީ، ސުލްހަބަލަހައްޓާ ފައުޖެއްގެ ގޮތުގައި ރަޝިއާގެ 1960 މެމްބަރުން ނަގޮރްނޯ-ކަރަބަޚް ސަރަހައްދު ޕެޓްރޯލް ކުރަމުންދާނެ ކަން ހާމަ ކުރައްވާފައެވެ.

އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭފް ވިދާޅުވާ ގޮތުގައި ސުލްހަބެލެހެއްޓުމުގެ މަސައްކަތުގައި ތުރުކީއިންވެސް ހަރަކާތްތެރިވާނެއެވެ.

ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގައި ބަދަލު ކުރަމުންދާ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކެއް ކައިރީގައި މީހަކު ހަރަކާތްތެރިވަނީ / ފޮޓޯ: ގެޓީ އިމޭޖަޒް

އެއްބަސްވުމުގައި ވާ އިތުރު ކަމަކަށް ބަލާއިރު، ހަނގުރާމައިގެ އަސީރުން މިނިވަން ކުރުމަށް ދެ ފަރާތަށްވެސް ޝަރުތުކޮށްފައި ވެއެވެ. އަދި އިގުތިސޯދީ ގޮތުންނާއި ދަތުރުފަތުރުގެ ގޮތުން އަޅާފައިވާ ހުރަސްތައް ނައްތާލުމަށްވެސް ގޮވާލާފައިވެއެވެ.

ހިޔާލަކީ ކޮބާ؟

އެއްބަސްވުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އަރުމީނިއާގެ ބޮޑުވަޒީރު ނިކޯލް ޕަޝިންޔަން ވިދާލުވީ، މި އެއްބަސްވުމަކީ އަރުމީނިއާއާއި އަރުމީނިއާގެ އަހުލުވެރިންނަށް ފުން ވޭނެއް އިހުސާސް ކޮށްދެނިވި އެއްބަސްވުމެއް ކަމަށެވެ. މިއީ ނަސްރެއް ނޫން ކަމަށާ، ނަމަވެސް މިއީ ބަލިވުން ނޫން ކަމަށްވެސް އަރުމީނިއާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ރަޝިޔާގެ ރައީސް ވްލޭޑްމިއާ ޕޫޓިން/ފޮޓޯ: ރޮއިޓާޒް

އަޒަރުބައިޖާންގެ ރައީސް އަލިޔޭފް ވިދާޅުވީ، މިއީ ތާރީހީ ގޮތުން މުހިންމު އެއްބަސްވުމެއް ކަމަށެވެ.

އެއްބަސްވުން އެކުލަވާލި އިރު ހާލަކީ ކޮބާ؟

ފުރިހަމަ މިލްކުވެރިކަމުގެ މައްސަލާގައި ވަރުގަދަ އަސްކަރީ ކުރިމަތިލުންތަކެއް ގިންގަމުންދާ ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގެ 2 ވަނަ އަށް އެންމެ ބޮޑު ސިޓީގެ ގޮތުގައި ސިފަކުރަމުން އަންނަ ޝޫޝާގެ ކޮންޓްރޯލް، އަޒަރުބައިޖާންގެ އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައި ވާ ކަމަށް، އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭފް އިއުލާން ކުރެއްވީ މީގެ ދެތިން ދުވަސް ކުރިންނެވެ.

ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން ފަށައިގެން އަޒަރުބައިޖާންއާއި އަރުމީނިއާ ހިއްސާކުރާ ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުންދާއިރު، މި ހަމަނުޖެހުން ތަކުގައި މަރުވި މީހުންގެ އަދަދު، 1000 އަށް އަރާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އަޒަރުބައިިޖާންއާއި އަރުމީނިއާ ހިއްސާކުރާ ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގައި އަރުމީނިއާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި ޒަހަމްވި ކުޑަ ކުއްޖެއް / ފޮޓޯ: އަނަދޯލޫ އޭޖެންސީ

ނަގޮރްނޯ-ކަރަބަޚް ސަރަހައްދަކީ އަޒަރުބައިޖާންގެ ބައެއް ކަމުގައި ކަނޑައަޅާފައި އޮތް ނަމަވެސް، 1994 ވަނަ އަހަރު ކުރި ހަނގުރާމަ އަކަށް ފަހު، މި ސަރަހައްދު ކޮންޓްރޯލް ކުރަނީ އަރުމީނިއާ މީހުންނެވެ. ނަގޮރްނޯ-ކަރަބަޚް ސަރަހައްދަކީ އަޒަރުބައިޖާންއާއި އަރުމީނިއާއާ ދެމެދު ސިލްސިލާ ގޮތެއްގައި ދެބަސްވުންތައް އުފެދޭ ސަރަހައްދެކެވެ.

އަރުމީނިއާއާއި އަޒަރުބައިޖާންއަކީ 1991 ވަނަ އަހަރު ރޫޅާލި ސޯވިއެޓް ޔޫނިއަންގެ ބައެކެވެ. ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލަ އެތައް އަހަރަކަށް ދިގުލާ ގޮސްފައި ވާއިރު، ބައިނަލްއަގުވާމީ ފެންވަރުގައި މި ސަރަހައްދު ބަލައިގެންފައި ވަނީ އަޒަރުބައިޖާންގެ ބައެއްގެ ގޮތުގައެވެ. ނަމަވެސް މި ސަރަހައްދު ކޮންޓްރޯލް ކުރަމުންދަނީ ކުރިންވެސް ދެންނެވި ފަދައިން އަރުމީނިއާ ދަރިކޮޅުގެ މީހުންނެވެ.