އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި، އިދިކޮޅު ޑޮމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ކުރި ހޯއްދަވާ، ވެރިކަން ކަށަވަރު ކުރައްވާފައި ވާ ކަމަށް ބުނަމުން ދާ ބުނުމަށް ގޮންޖަހާ، ޝަރުއީ އިމުގެ ތެރެއަށް "ވޯޓު"ގެ މައްސަލަ ވެއްދި ވެއްދުމަކީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކޮށްދިނުމަށް އޭނާގެ ކެމްޕޭނުން ހިފާފައި އަމާޒުގެ ފެށުން ކަމަށް ޓްރަމްޕްގެ އަރިސް ބޭފުޅުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ކޭއިލީ މެކެނަނީ ވިދާޅުވީ، އިންތިހާބު އަދި ނުނިމޭ ކަމަށާ، ނިމެން އަދި ގާތްވެސް ނުވާ ކަމަށެވެ. މިއާއެކު، އޭނާ ވަނީ އިންތިހާބުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައި ވާ ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ. އެންމެ ފަހުގެ އިންތިހާބަކީ ހިޔާނާތުގެ އިންތިހާބެއް ކަމަށް ކޭއިލީ މެކެނަނީ ވިދާޅުވި ނަމަވެސް، އެއީ ކީއްވެ ވިދާޅުވި އެއްޗެއް ކަމަށް ބާރުދޭ އެއްވެސް ހުއްޖަތެއް ދައްކަވާފައެއް ނުވެއެވެ.

ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގެންނެވި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް / ފޮޓޯ: ސީއެންއެން

މިހާރު ކަންތައްތައް ގޮސްފައިވަނީ ކޮން ހިސާބަކަށް؟

އެމެރިކާގެ ރިޔާސީ އިންތިހާބުގެ މުހިންމު ސްޓޭޓެއް ކަމަށް ވާ ޕްންސިލްވޭނިއާ ކާމިޔާބު ކުރެއްވުމާއެކު، ކުރިއަށް އޮތް 4 އަހަރު ދުވަހަށް ބައިޑަންއަށް އެމެރިކާގެ ވެރިކަން ވެސް ކަށަވަރު ވެއްޖެ ކަމަށް އެމެރިކާގެ ބޮޑެތި މީޑިއާތަކާއި ޑިމޮކްރަޓުން ބުނަން ފެށީ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މިއާއެކު ބައިޑަން ވަނީ އޭނާގެ ސަރުކާރުގެ އެންމެ އަސަސީ އަމާޒުތައްވެސް ބަޔާން ކޮށްދެއްވަން ފައްޓަވާފައެވެ. އެގޮތުން، ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން ދޫކޮށްލި ޕެރިސް އެގްރީމަންޓްއާއި، ޑަބްލިއުއެޗްއޯގެ މެމްބަރު ކަންވެސް އެމެރިކާއިން އަލުން ހޯއްދަވާނެ ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން / ފޮޓޯ: ސީއެންއެން

ކަން މިހެން އޮތް އިރު، ޓްރަމްޕް އަދިވެސް ހުންނެވީ ގޮތް ދޫކުރައްވާ ގޮތަކަށް ނޫނެވެ. އިންތިހާބުގައި ބަލި ގަބޫލުކުރެއްވުމަކީ ޓްރަމްޕަށް މާ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ފެޑެރަލް އޭޖެންސީތަކާ ހަވާލުވެ އޮތް ޖެނެރަލް ސާވިސަސް އެޑްމިނިސްޓްރޭޝަން އިންވެސް ދަނީ، ސުލްހަވެރި ކަމާއެކު ވެރިކަމުގެ ބާރުތައް ބަދަލު ކުރުމަށް ހުރަސް އަޅަމުންނެވެ. އެ އިދާރާއިން ބުނަމުންދަނީ، އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓެއް އަދި ރަސްމީ ކޮށް އިއުލާން ކޮށްފައި ނުވާ ކަމަށެވެ.

ވައިޓްހައުސްގެ ހަބަރުތައް ކަވަރު ކުރަމުން އަންނަ ރިޕޯޓަރުން ބުނަނީ ތަފާތު ވާހަކައެކެވެ. ދެކޮޅު ހެދުންތަކާ އެކުގައި ވެސް ޖަނަވަރީ މަހު ޓްރަމްޕް ވައިޓްހައުސް އިން ނިކުމެވަޑައިގަންނަވާނެ ކަމަށާ، 2024 ވަނަ އަހަރު އަނެއްކާވެސް ވެރިކަމަށް ވާދަ ކުރައްވާނެ ކަމަށް ރިޕޯޓަރުން ލަފާ ކުރެއެވެ.

ޓްރަމްޕް ކެމްޕޭނުން ތުހުމަތު ކުރަނީ ކޮން ކަމަކަށް؟

އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ޓްރަމްޕްގެ ތަރުޖަމާނު ތުހުމަތު ކުރައްވައެވެ. އަދި މިކަމުގައި ނޫސްވެރިންގެ އެހީއަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވޯޓު ގުނުން ކުރިއަށް ދާ މަރުކަޒެއް / ފޮޓޯ: މާވެން ލެގަސީ

ކަން މިހެން އޮތްއިރު، އިންތިހާބުގެ ސައްހަކަމަށް އުނިކަން ލިބިދޭ ގޮތަށް، އެއްވެސް ހުއްޖަތެއް ނެތި ޓްރަމްޕްގެ ތަރުޖަމާނު ވާހަކަދައްކަވަމުން ދަނިކޮށް، ފޮކްސް ނިއުސް ޗެނަލުން ވަނީ އެ ޕްރެސް ކޮންފަރެންސް މެދުކަނޑާލާފައެވެ. ޓްރަމްޕްގެ އެންމެ މަގުބޫލު އެއް ޗެނަލްގެ ގޮތުގައި ކުރިން އޮތް ފޮކްސް ނިއުސް އިން މިފަދަ ފިޔަވަޅެއް އެޅީ ސާބިތު ހިފޭ ވާހަކަތަކެއް ދައްކަވާފައި ނުވާތީ ކަމަށްވެއެވެ.

ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ވިދާޅުވީ ޕެންސިލްވޭނިއާގެ ފިލަޑެލްފިއާގައި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދިޔައިރު، ރިޕަބްލިކަންސްގެ މޮނިޓަރުންނަށް އިންސާފުން ފުރުސަތު ދީފައި ނުވާ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބާ ގުޅިގެން ކުރިއަށް ދާ މުޒާހަރާތަކުގެ ތެރެއިން / ފޮޓޯ: ޓީއީއައި

ނަމަވެސް ފިލަޑެލްފިއާ އިންކުއާރާ ބުނާ ގޮތުގައި ރިޕަބްލިކަންސްއާއި ޑިމޮކްރަޓުންގެ މޮނިޓަރުންނަށްވެސް ފުރުސަތު ދީފައިވެއެވެ. ދެ ޕާޓީގެ މޮނިޓަރުންވެސް ތިބީ ވޯޓު ޓެލީ ކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ މޭޒުތަކާ 4 މީޓަރާއި 30 މީޓަރާ ދެމެދު ސަރަހައްދެއްގައި ކަމަށް ވެއެވެ.

ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ވިދާޅުވީ ބާތިލު ވޯޓު "އިސްލާހް" ކުރުމަށްވެސް އެކަށީގެން ނުވާ ވަރަށް ޑިމޮކްރަޓުންނަށް ފުރުސަތު ދީފައި ވާ ކަމަށެވެ. ޕެންސިލްވޭނިއާގެ ބައެއް ސަރަހައްދުތަކަކީ ބާތިލް ވޯޓު އިސްލާހު ކުރުމަށް ފުރުސަތު ދޭ ސަރަހައްދުތަކެކެވެ.

ޓްރަމްޕް ކެމްޕޭނުން އެޅި ގާނޫނީ ފިޔަވަޅަކީ ކޮބާ؟

ޕެންސިލްވޭނިއާގެ ވޯޓު ކާމިޔާބު ކުރައްވާފައި ވަނީ ބައިޑަން ކަމަށް އެ ސްޓޭޓް އޮފިޝަލުން ކަނޑައެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި، ޓްރަމްޕްގެ ކެމްޕޭން އޮފިހުން ވަނީ ކޯޓަށް މައްސަލަ ވައްދާފައެވެ.

އެމެރިކާގެ ބަންޑަރަ ނައިބު ވިލިއަމް ބާ (ކ) އަދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް/ފޮޓޯ: ރޮއިޓާޒް

ޕެންސިލްވޭނިއާގެ އެޓާނީ ޖެނެރަލް ޖޯޝް ޝެޕީރޯ ވިދާޅުވީ، ޓްރަމްޕްގެ ކެމްޕޭނުން ހުށަހަޅާފައިވާ ދައުވާއަކީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށެވެ. ކަން މިހެން އޮތްއިރު، އެމެރިކާގެ އަދުލު އިންސާފާއި ބެހޭ ވުޒާރާއިން ވަނީ، ރިޔާސީ އިންތިހާބުގައި ހުރި ދެކޮޅު ނުޖެހޭ ކަންތައްތައް ކަމަށް، ތްރަމްޕްގެ ކެމްޕޭނުން ފާހަގަ ކޮށްފައި ވާ ކަންކަން ތަހުގީގު ކުރުމަށް ހުއްދަ ދޫކޮށްފައެވެ.

ޓްރަމްޕްގެ އެޓާނީ ޖެނެރަލް ވިލިއަމް ބާ ސޮއި ކުރައްވާފައި މެމޯގައި ބުނެފައި ވަނީ ސައްހަ ތުހުމަތުތަކެއް ނަމަ އެކަން ތަހުގީގު ކުރެވިދާނެ ކަމަށެވެ. އަދި އެއީ ވަކިވަކި ސްޓޭޓްތަކުގެ ނަތީޖާއަށް ބަދަލެއް ގެނުވަފާނެ ކަމެއް ނަމަ އެ މައްސަލަ ބެލިދާނެ ކަމަށްވެސް އެ މެމޯގައި ވާ ކަމަށް ހަބަރު ލިބެއެވެ.