އެމެރިކާގެ ފޯރިގަދަ ރިޔާސީ އިންތިހާބުގެ ފަހު ދުވަހުގެ ވޯޓުލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، އޭޝިއާގެ ބައެއް ގައުމުތަކަށް މުހިންމު ދަތުރުފުޅެއް ކުރެއްވި އެމެރިކާގެ ދިފާއި ވަޒީރު، މާކް އެސްޕާ، މަގާމުން ދުރުކުރައްވާފައި ވާ ކަން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާން ކުރެއްވީ ޓްވިޓާގައެވެ.

ދިފާއީ ވަޒީރު ކަމުގެ މަގާމުން އެސްޕާ ވަކި ކުރެއްވުމަކީ މާ ބޮޑު ހައިރާން ކަމެއް ގެނުވަނިވި ކަމެއް ނޫނެނެވެ. އެހެނީ، ފާއިތުވެދިޔަ ދެތިން މަހެއްހާ ދުވަހަށް ބަލާއިރު އެސްޕާ ހިމެނިވަޑައިގަތީ ޓްރަމްޕް ގެންގުޅުއްވާ "ސަހަލު ނޫން" ލިސްޓުގައެވެ. އެއީ ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލާގައި އެމެރިކާގައި ހޫނުވި މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް، އަސްކަރީ ބާރުގެ ބޭނުން ކުރެއްވުމަށް އެސްޕާ އިންކާރު ކުރެއްވި ހިސާބުންނެވެ. އިންތިހާބުގެ ފަހު ދުވަހުގެ ވޯޓުލުމުގެ އެތައް ހަފުތާއެއް ކުރިން އެސްޕާ ވަނީ އިސްތިއުފާގެ ސިޓީއެއްވެސް ލިޔުއްވާފައެވެ.

އެެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން ކުރިއަށްދާ މުޒާހަރާތައް ކޮންޓްރޯލް ކުރަން ކަރުނަ ގޭސް ބޭނުން ކުރާކަމަށް ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވޭ/ފޮޓޯ: ވްނެމް

މިކަމުގައި ހައިރާންކަން ގެނުވީ ޓްވީޓެއްގައި މިކަން އިއުލާން ކުރެއްވީތީއެވެ. ގައުމެއްގެ އެންމެ ނުފޫޒުގަދަ ވަޒީރުންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރެއް، ޓްވީޓެއް މެދުވެރިކުރައްވާ، މަގާމުން ވަކި ކުރެއްވީތީއެވެ. ފާހަގަ ކުރަންޖެހޭ އަނެއް ކަމަކީ، މިއީ ފާއިތުވީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޓްރަމްޕްގެ ސަރުކާރަށް ހިދުމަތް ކުރެއްވި 4 ވަނަ ދިފާއީ ވަޒީރު ކަމެވެ.

ދިފާއީ ވަޒީރު ކަމުން އެސްޕާ ވަކި ކުރެއްވުމަކީ، ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައި ވާ ޓްރަމްޕް، އެމެރިކާގެ ރައީސް ކަމުގައި މަގާމުގައި ހުންނެވުމަށް ބާކީ އޮތް 72 ދުވަހުގެ އެޖެންޑާގެ ސުރުހީ ކަމަށްވެސް ބުނެވިދާނެއެވެ.

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށްދާ މަރުކަޒެއް / ފޮޓޯ: ސީއެންއެން

އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަންއަށް އިލެކްޓޯރަލް ވޯޓުގެ އަގުލަބިއްޔަތު ކަށަވަރުވެ، ކުރިއަށް 4 އަހަރު ދުވަހަށް އެމެރިކާގެ ވެރިކަންވެސް ކަށަވަރު ކުރެއްވި ފައި ވާ ކަމަށް މުޅި ދުނިޔެހެން އިއްތިފާގު ވި ނަމަވެސް، ބަލި ގަބޫލުކުރައްވަން ޓްރަމްޕްގެ ހިތްޕުޅުން އަދިވެސް ޖާގައެއް ނުދެއެވެ. ޓްރަމްޕް އަދިވެސް ހުންނެވީ ވެރިކަމުގެ އިންތިޒާރުގައެވެ. ބަލި ގަބޫލުކުރެއްވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ކަމުން ދުރުކުރެއްވި ފައި ވާ މާކް އެސްޕާ (ވ) އަދި އިންޑިއާގެ ދިފާއީ ވަޒީރު ރާޖުނާތު ސިންހް، އިންޑިއާގައި މަޝްވަރާ ކުރައްވަނީ / ފައިލް ފޮޓޯ: ޑީއެންއޭއިންޑިއާ

އަދި އޮތް ގޮތުން، އެމެރިކާގެ ރައީސް ކަމުގެ މަގާމުގެ ހުވާ، ބައިޑަން ކުރައްވާނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެހާ ތަނާ ޖެހޭއިރު ޓްރަމްޕް އަޅުއްވާނެ ފިޔަވަޅުތަކުގެ ހުލާސާއަކަށް، އެސްޕާ ވަކި ކުރެއްވި ކުރެއްވުން ފުދެއެވެ. ދިފާއީ ވަޒީރު ކަމުގެ މަގާމުން އެސްޕާ ވަކި ކުރައްވާ، ޓްވިޓާ މެދުވެރި ކުރައްވާ އެކަން ހާމަ ކުރެއްވުމަކީ ވެރިކަމުގައި ބާކީ އޮތް މަދު ދުވަސްކޮޅުގައި ހަތިޔާރެއްގެ ގޮތުގައި ޓްރަމްޕް ބޭނުން ކުރައްވާނެ ކަނޑީގެ ތުނޑު ކަމުގައިވެސް ދެންނެވިދާނެއެވެ.

ދިފާއީ ވަޒީރު ކަމުގެ މަގާމުން އެސްޕާ ވަކި ކުރައްވާފައި ވާއިރު، ބާކީ އޮތް ދުވަސްތަކުގައި އެ ޒިންމާ އަދާކުރައްވާނީ، އެމެރިކާގެ ކައުންޓާޓެރަރިޒަމް ސެންޓަރުގެ އިސްވެރިޔާ ކްރިސްޓަފާ މިލާއެވެ.