އެމެރިކާގައި ކުރިއަށް ގެންދިޔަ ފޯރިގަދަ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައި ވާ އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޓް ޓްރަމްޕްގެ އެންމެ ގާތް އާއިލާ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ޓްރަމްޕްގެ އެންމެ ގާތް އާއިލާ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިފައި ވަނީ، ނިމިދިޔަ އިންތިހާބުގައި އިލެކްޓޯރަލް ކޮލެޖުގެ ވޯޓުން، އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަންއަށް އެމެރިކާގެ ރައީސް ކަމުގެ މަގާމު، ކުރިއަށް އޮތް 4 އަހަރަށް ކާމިޔާބުވެ، ޓްރަމްޕް ނާކާމިޔާބީ ގަބޫލުކުރައްވާ، އެކަން އިއުލާން ކުރެއްވުމާ މެދުގައެވެ.

އިންތިހާބުގައި ބަލިވެއްޖެ ކަން ގަބޫލުފުޅު ކުރައްވާ، އެކަން އިއުލާން ކުރެއްވުމަށް ބާރު އަޅުއްވަމުން ގެންދަވަނީ ޓްރަމްޕްގެ އަނބިކަނބަލުން މެލޭނިއާ ޓްރަމްޕާއި، ޓްރަމްޕްގެ އަންހެން ދަރިފުޅާ ކައިވެނިބައްލަވައިގެން އުޅުއްވާ މެދުއިރުމަތީގެ މަސްރަހާ ބެހޭ މުޝީރު ޖެރާޑް ކުޝްނާއެވެ. ބަލި ގަބޫލުފުޅު ކުރެއްވުމެއް ނެތި އަދިވެސް ކާމިޔާބީއަށް މަސައްކަތް ކުރެއްވުމަށް ބާރު އަޅުއްވަމުން ދަނީ ޓްރަމްޕް ދޮށީ ފިރިހެން ދަރިކަލުންތަކަކާ އަރިސް މުޝީރުންތަކެއް ކަމަށް ހަބަރު ލިބެއެވެ.

މިފަދަ ގޮތަކަށް ހަބަރު ފެތުރިފައި ވީ ނަމަވެސް، ޓްރަމްޕް ކެމްޕޭންގެ ތަރުޖަމާނު ޖޭސަން މިލާ ވަނީ، އިންތިހާބުގައި ނާކާމިޔާބު ވެއްޖެކަން ގަބޫލުފުޅު ކުރައްވާ އެކަން އިއުލާން ކުރެއްވުމަށް، ކުޝްނާ، ޓްރަމްޕަށް ދެންނެވި ކަމަށް ފެތުރޭ އަޑުތައް ދޮގު ކުރައްވާފައެވެ.

ރެކޯޑް އަދަދެއްގެ ވޯޓާއެކު އެމެރިކާގެ އިލެކްޓޯރަލް ކޮލެޖުގެ އަގުލަބިއްޔަތުވެސް ކަށަވަރު ކުރައްވައިގެން، އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަން އަކީ އެމެރިކާގެ އިންތިހާބީ ރައީސްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުންވެސް މިހާރު ވަނީ ބަލައިގެންފައެވެ. ކަން މިހެން އޮތް ނަމަވެސް، ޓްރަމްޕާއި ބައިޑަންއާ ދެމެދު އަދި އެއްވެސް ވަރެއްގެ މުއާމަލާތެއް ކުރިއަށް ގެންދަވާފައި ނުވާ ކަމަށް ބައިޑަންގެ ކެމްޕޭންގެ ތަރުޖަމާނު ކޭޓް ބެޑިންގްފީލްޑް ވަނީ ހާމަ ކުރައްވާފައެވެ.