ފުރިހަމަ މިލްކުވެރިކަމުގެ މައްސަލާގައި ވަރުގަދަ އަސްކަރީ ކުރިމަތިލުންތަކެއް ގިންގަމުންދާ ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގެ 2 ވަނަ އަށް އެންމެ ބޮޑު ސިޓީގެ ގޮތުގައި ސިފަކުރަމުން އަންނަ ޝޫޝާގެ ކޮންޓްރޯލް، އަޒަރުބައިޖާންގެ އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައި ވާ ކަމަށް، އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭފް ވިދާޅުވެއްޖެއެވެ.

އަލިޔޭފް ވިދާޅުވީ ތެދެއް ކަމަށް ވަނީ ނަމަ، ޝޫޝާގެ ކޮންޓްރޯލް ނެގުން ވާނީ، ވަކިވެގަތުމަށް މަސައްކަތް ކުރަމުންދާ އަރުމީނިއާ ދަރިކޮޅުގެ މީހުންގެ މައްޗަށް، އަޒަރުބައިޖާންއިން ހޯދި ބޮޑު ކާމިޔާބީއަކަށެވެ.

އަޒަރުބައިިޖާންއާއި އަރުމީނިއާ ހިއްސާކުރާ ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގައި އަރުމީނިއާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި ޒަހަމްވި ކުޑަ ކުއްޖެއް / ފޮޓޯ: އަނަދޯލޫ އޭޖެންސީ

އަލިޔޭފް މިހެން ވިދާޅުވުމާއެކު، އަރުމީނިއާއިން ވަނީ މި ވާހަކަ ދޮގުކޮށްފައެވެ. އަރުމީނިއާއިންވަނީ ސަރަހައްދުގެ ކޮންޓްރޯލް ނެގުމަށް ކުރަމުންދާ ހަނގުރާމަ އަދިވެސް ކުރިއަށް ދާ ކަމަށާ، އަސްކަރިއްޔާއަށް އިތުބާރު އެބަ އޮތް ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން ފަށައިގެން އަޒަރުބައިޖާންއާއި އަރުމީނިއާ ހިއްސާކުރާ ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުންދާއިރު، މި ހަމަނުޖެހުން ތަކުގައި މަރުވި މީހުންގެ އަދަދު، 1000 އަށް އަރާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ނަގޮރްނޯ-ކަރަބަޚް ސަރަހައްދަކީ އަޒަރުބައިޖާންގެ ބައެއް ކަމުގައި ކަނޑައަޅާފައި އޮތް ނަމަވެސް، 1994 ވަނަ އަހަރު ކުރި ހަނގުރާމަ އަކަށް ފަހު، މި ސަރަހައްދު ކޮންޓްރޯލް ކުރަނީ އަރުމީނިއާ މީހުންނެވެ. ނަގޮރްނޯ-ކަރަބަޚް ސަރަހައްދަކީ އަޒަރުބައިޖާންއާއި އަރުމީނިއާއާ ދެމެދު ސިލްސިލާ ގޮތެއްގައި ދެބަސްވުންތައް އުފެދޭ ސަރަހައްދެކެވެ.

އަރުމީނިއާއާއި އަޒަރުބައިޖާންއަކީ 1991 ވަނަ އަހަރު ރޫޅާލި ސޯވިއެޓް ޔޫނިއަންގެ ބައެކެވެ. ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލަ އެތައް އަހަރަކަށް ދިގުލާ ގޮސްފައި ވާއިރު، ބައިނަލްއަގުވާމީ ފެންވަރުގައި މި ސަރަހައްދު ބަލައިގެންފައި ވަނީ އަޒަރުބައިޖާންގެ ބައެއްގެ ގޮތުގައެވެ. ނަމަވެސް މި ސަރަހައްދު ކޮންޓްރޯލް ކުރަމުންދަނީ ކުރިންވެސް ދެންނެވި ފަދައިން އަރުމީނިއާ ދަރިކޮޅުގެ މީހުންނެވެ.