ބާރާއި ނުފޫޒުގެ ގޮތުން އެންމެ ކުރީގައި އޮތް ކަމަށް ވަކާލާތު ކުރަމުން އަންނަ އެމެރިކާގެ ވެރިކަމަށް، ޑިމޮކްރަޓުންގެ ކެންޑިޑޭޓު ޖޯ ބައިޑަން އިންތިހާބު ވެވަޑައިގެންނެވި ކަމުގައި ވި ނަމަވެސް، އެމެރިކާއިން އީރާނާ މެދު ގެންގުޅޭ އުސޫލުތަކަށް ބަދަލެއް އަންނާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އީރާނުން ބުނެފިއެވެ.

ސާފު އަގުލަބިއްޔަތުން ބައިންޑަން އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު ހެން އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ހާމަނާއީ ވަނީ، ފިކުރީ، މަދަނީ އަދި ސިޔާސީ ގޮތުން އެމެރިކާގެ ވެރިކަން ހިންގުމުގެ ނިޒާމުގެ ބާރު ކެނޑެމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އީރާނުގެ ހާރިޖީ ވުޒާރާގެ ކުރީގެ ތަރުޖަމާނު އަދި އީރާނުން އަޒަރުބައިޖާންއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ސައްޔިދު އައްބާސް މޫސާ ވިދާޅުވީ، ބައިޑަންގެ ސިޔާސަތުތަކަކީ އޭނާގެ ކުރިން އެމެރިކާގެ ވެރިކަން ކުރެއްވި ލީޑަރުންގެ ސިޔާސަތުތަކާ ތަފާތު ވާނެ ސިޔާސަތުތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެމެރިކާގެ އަދުގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އިންތިހާބީ ރައީސް ޖޯ ބައިޑަންގެ ސިޔާސަތުތަކާ މެދު އީރާނުގެ ރަސްމީ ފިކުރުގައި ބަދަލެއް ފާހަގަ ނެތް ނަމަވެސް، މި ބަދަލާއެކު އީރާނުގެ އުއްމީދު އާވެފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ސިފަކުރެއެވެ.

އެގޮތުން، އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ، އެމެރިކާގެ އާ ސަރުކާރަކީ އާ ސޮފުހާއަކުން ފަށާނެ ސަރުކާރަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަން ހާމަ ކުރައްވާފައެވެ. 2018 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމަށް ފަހު ފާއިތުވީ 3 އަހަރުން އިބުރަތް ހާސިލުކޮށް، އެމެރިކާއިން ކަންތައްތަކެއް ބަދަލު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރޫހާނީ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ އާ ސަރުކާރާއެކު އީރާނު-ސިޔާސަތަށް ގެންނަ ބަދަލުތަކަށް، އީރާނުންވެސް ތައްޔާރު ވާނެ ކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.