ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީގެ ގޮތުގައި ސިފަ ކުރަމުން އަންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ފަހު ދުވަހުގެ ވޯޓުލުން ކުރިއަށް ގެންދިޔަތާ މިހާރު ބަރާބަރު 3 ދުވަސް ފާއިތުވެ ދިޔައީއެވެ. ކުރިއަށް އޮތް 4 އަހަރު ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަގާމުން ފެނިގެންދާނެ ކެންޑިޑޭޓެއް ދެނެގަތުމުގެ އިންތިޒާރުގައި އޮތީ ހަމަ އެކަނި އެމެރިކާއެއް ނޫނެވެ. ދުނިޔޭގެ އެކި ކަން ކޮޅުތަކުން މި ބަހުސެއް ކުރަމުން އަންނަ ކަން، ސޯޝަލް މީޑިއާއަށް ބަލާލުމުންވެސް އެނގެއެވެ. ދިވެހިންގެ މެދުގައި ދައުރު ކުރާ "އެތެރޭގެ ޖޯކު" ތަކާ، މީމްތައްވެސް މަދެއް ނޫނެވެ.

ވައިޓްހައުސްއިން ދެން ފެންނާނީ ކޮން ކޮންޑިޑޭޓެއް؟

މި ސުވާލުގެ ޖަވާބު، އަދި ދެވޭކަށް ނެތެވެ. ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ނިކުމެ ހުންނެވި މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި، ޓްރަމްޕާ ދެކޮޅަށް ނިކުމެ ހުންނެވި ކުރީގެ ނައިބު ރައީސް، ޖޯ ބައިޑަންއަށްވެސް މޮޅު ލިބިވަޑައިގެންފި ކަން އިއުލާން ކުރެއްވޭ ވަރަށް އަދި ވޯޓެއް ހަމައެއް ނުކުރެއްވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވޯޓު ގުނުން ކުރިއަށް ދާ މަރުކަޒެއް / ފޮޓޯ: މާވެން ލެގަސީ

ކަން މިހެން އޮތް ނަމަވެސް، ވަކި ކެންޑިޑޭޓަކު، ރައީސް ކަމާ ގާތަށް ޖެހިފައި ވާކަމަށް ދެންނެވިދާނެއެވެ. ނަމަވެސް، ނަތީޖާތައް އަދިވެސް ލޮގް ކުރަމުން ދާކަން ހަނދާނުގައި ބަހައްޓަން ވާނެއެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑު ކަމުގައި، އާންމުން އެއްވާ ތަންތަނަށް ނުގޮސް، މެއިލް ނުވަތަ ޕޯސްޓް މެދުވެރިކޮށް ރެކޯޑް އަދަދެއްގެ ބަޔަކު ވޯޓު ލާފައި ވުމާ، އެމެރިކާގެ އެކި ސްޓޭޓްތަކުގައި ވޯޓު ގުނުމުގައި އަމަލު ކުރަމުންދާ ގާނޫނާއި ގަވައިދުތައް ތަފާތުވުމުން، އިންތިހާބީ ނަތީޖާ ނެރުމުގައި ވަގުތުގެ ފަރަގު އިންތިހާއަށް އެބައޮތެވެ.

އެމެރިކާގެ ކުރީގެ ނައިބު ރައީސް އަދި ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން / ފޮޓޯ: ދަ ނޭޝަނަލް

ޖޯ ބައިޑަންއަށް ޕޮޕިއުލާ ވޯޓު ކަށަވަރު ވެއްޖެތަ؟

އާނއެކެވެ. ބޮޑު ތަނުން ބައިޑަން އޮތީ ކުރީގައެވެ. ޕޮޕިއުލާ ވޯޓަކީ އެމެރިކާގެ ރިޔާސީ އިންތިހާބުގައި އާންމު ރައްޔިތުން ދޭ ވޯޓެވެ. ނަމަވެސް، މި ވޯޓަކީ ރައީސް ކަމުގެ މަގާމު ކަށަވަރު ކުރައްވާނެ ކެންޑިޑޭޓު ކަނޑައަޅާ ވޯޓެއް ނޫނެވެ.

ރައީސް ކަން ކަށަވަރު ވާނީ، އިލެކްޓޯރަލް ކޮލެޖުގެ އަގުލަބިއްޔަތުންނެވެ. ކޮންމެ ސްޓޭޓަކަށްވެސް އާބާދީގެ ނިސްބަތުން އިލެކްޓޯރަލް ވޯޓު ކަނޑައަޅާފައި އޮންނައިރު، ރައީސް ކަން ކަށަވަރުވާނީ މި އިލެކްޓޯރަލް ވޯޓު ކަށަވަރު ކުރައްވާ ކެންޑިޑޭޓަކަށެވެ. އެމެރިކާގެ ރިޔާސީ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން، ޖުމުލަ އިލެކްޓޯރަލް ވޯޓުގެ އަދަދަކީ 538 އެވެ. އަދި އެންމެ ފުރަތަމަ 270 ވޯޓު ހަމަ ކުރައްވާ ކެންޑިޑޭޓަކަށް ރައީސް ކަން ކަށަވަރު ވީއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން / ފޮޓޯ: އޮންޓަޕްރެނާ

މިހާރު މި މަޑު ކުރަނީ ކީއްވެ؟

މިހާތަނަށް ލިބިފައި ވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ބައިޑަން ވަނީ 253 އިލެކްޓޯރަލް ވޯޓު ކަށަވަރު ކުރައްވާފައެވެ. ޓްރަމްޕަށް ކަށަވަރު ކުރެއްވުނީ 214 އިލެކްޓޯރަލް ވޯޓެވެ. މި 2 ކެނޑިޑޭޓުންނަށް 270 ވޯޓު ހަމަކުރެއްވިދާނެ އެތައް ގޮތެއް އެބަ އޮތެވެ.

ބައިޑަންއަށް ޕެންސިލްވޭނިއާ ކާމިޔާބު ކުރެވިއްޖެނަމަ ވެރިކަންވެސް ކާމިޔާބުވީއެވެ. ނުވަތަ ޖޯޖާ، ނެވާޑާ، އެރިޒޯނާ ނުވަތަ ނޯތް ކެރޮލައިނާއިން ކުރެ ކޮންމެވެސް 2 ސްޓޭޓެއް ކާމިޔާބު ކުރައްވައިފިނަމަ މޮޅު ލިބިވަޑައިގަންނަވާނެއެވެ.

ޓްރަމްޕަށް ބަލާނަމަ، ޕެންސިލްވޭނިއާގެ ވޯޓުގެ އިތުރުން، އިސްވެ ބަޔާންކޮށްފައިވާ ސްޓޭޓްތަކުގެ ތެރެއިން 3 ސްޓޭޓެއް ކާމިޔާބު ކުރައްވަން ޖެހެއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓު، 07 ނޮވެމްބަރު، 2020 ވަނަ ދުވަހުގެ ހެނދުނާ ޖެހުނު އިރު އޮތް ހާލަތު / މަސްދަރު: ބީބީސީ

ހުލާސާ ގޮތެއްގައި ދަންނަވާ ނަމަ، ހީކުރި ވަރަށް ވުރެ ޓްރަމްޕްގެ މަގުބޫލުކަން ބޮޑެވެ. އަދި މުހިންމު ސްޓޭޓްތަކެއް ކަށަވަރު ކުރައްވަން ބައިޑަން ވީ ފެއިލްއެވެ. ކަން މިހެން އޮތް ނަމަވެސް، ދެ ޕާޓީގެ ފަރަގު އިންތިހާއަށް ކުޑައެވެ. ނޭވާ ހިފަހައްޓަލަންޖެހޭ ހާ ވެސް ކުޑައެވެ.

ވޯޓު ނަމްބަރުތައް ބަދަލު ވަނީ ކީއްވެ؟

ފުރަތަމަ ވެސް ފާހަގަ ކުރަން ޖެހޭ ކަމަކީ ޑިމޮކްރަޓިކް އުސޫލުގެ ތެރެއިން އެމެރިކާގައި ތަންފީޒު ކުރާ ރިޔާސީ އިންތިހާބަކީ އާދަޔާ ހިލާފު، އެހެން މީހުންނަށް އޮޅުން ބޮޅުން ބޮޑު އިންތިހާބީ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދާ އިންތިހާބެއް ކަމެވެ. 52 ސްޓޭޓެއްގެ މައްޗަށް އެކުލެވިގެންވާ އެ ގައުމުގައި، ވަކިވަކި ސްޓޭޓްތަކުގެ އިންތިހާބީ ގާނޫނާއި ގަވައިދުތައް ތަފާތެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި އާންމުން ދީފައި ވާ ވޯޓު ގުނުމުގެ މަރުހަލާގެ ތެރެއިން / ފޮޓޯ: އޭޕީ

އެމެރިކާގެ ރިޔާސީ އިންތިހާބީ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން ވޯޓުލާ މަރުކަޒަށް ގޮސް ގެންނާއި، މެއިލް މެދުވެރިކޮށް ވެސް ވޯޓު ލެވެއެވެ. ވޯޓުލާ ދުވަހާއި، އޭގެ ކުރިންވެސް ވޯޓު ލެވެއެވެ. އެކި ސްޓޭޓްތަކުގެ އިންތިހާބީ ގާނޫނު ތަފާތު ވުމުން، ކުރިން ގުނާނެ ވޯޓުގައިވެސް ތަފާތުތަކެއް ހުރެއެވެ. ބައެއް ސްޓޭޓްތަކުން، މެއިލް ވޯޓު ފަހުން ގުނަން މަޑު ކުރެއެވެ. ވެރިކަން ކުރާ ރިޕަބްލިކަންސްއަކީ މަރުކަޒަށް ގޮސްގެން ވޯޓުލާން ބާރު އެޅި ބައެކެވެ. އިދިކޮޅު ޑިމޮކްރަޓުން ބާރު އެޅީ މެއިލް މެދުވެރިކޮށް ވޯޓު ލުމަށެވެ. މިއީވެސް ފަހު ވަގުތު، ނަތީޖާއަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ކަމެކެވެ.

ދެން އޮތީ، ރިޔާސީ އިންތިހާބުގެ ހަބަރު، މީޑިއާ އައުޓްލެޓްތަކުން ގެނެސްދޭ ގޮތެވެ. އެކި އިދާރާތަކުން ބަރޯސާވާ މަސްދަރު ތަފާތެވެ. އެހެން ކަމުން، އެކި މީޑިއާތަކުން ފެންނަ އަދަދުތައްވެސް ތަފާތު ވާނެއެވެ.