އެމެރިކާގެ އިދިކޮޅު ޑިމޮކްރަޓުން މަސައްކަތް ކުރަމުން ދަނީ، މަކަރާއި ހީލަތުން ރިޔާސީ އިންތިހާބު "އަތުލުމަށް" ކަމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ތުހުމަތު ކުރައްވައިފިއެވެ.
3 ނޮވެމްބަރުގައި ފަހު ދުވަހުގެ ވޯޓުލުން ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ، އަދިވެސް، ވަކި ކޮޅަކަށް ބުރަ ނުވެ، ގާތް ގާތުން ދެ ކެންޑިޑޭޓުން ވާދަ ކުރައްވަމުން ދާއިރު، އިދިކޮޅު ޑިމޮކްރަޓުންނަށް ޓްރަމްޕްގެ ވަރުގަދަ ތުހުމަތުތަކެއް އަމާޒު ކުރައްވާފައި ވަނީ، އެކަމަށް ބާރު ދޭނެ އެއްވެސް ހެއްކެއް ދެއްކެވުމަކާ ނުލައެވެ.
އިދިކޮޅު ފަރާތްތަކަށް ތުހުމަތު އަމާޒު ކުރައްވާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ސައްހަ ވޯޓު" ގުނައިފިނަމަ، އިންތިހާބު ކާމިޔާބު ކުރައްވާނެ ކެންޑިޑޭޓަކީ ޓްރަމްޕް ކަމަށެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޓްރަމްޕް ވިދާޅުވީ، ގާނޫނީ ސައްހަކަން ގެއްލިފައި ވާ ވޯޓު ގުނަން ވެއްޖެ ނަމަ، އިދިކޮޅު ފަރާތްތަކުން އިންތިހާބު "ފޭރިގަންނާނެ" ކަމަށެވެ.
މިފަހަރުގެ އިންތިހާބީ މަރުހަލާގައި ގައިރު ގާނޫނީ އަމަލު ހިންގާ ކަމަށް ތުހުމަތު އަމާޒު ކުރުން ފިޔަވާ، ޓްރަމްޕްގެ ކެމްޕޭނުން ސާބިތު އެއްވެސް ހެއްކެއް އަދި މިހާތަނަށް ދައްކާފައެއް ނުވެއެވެ.
ޓްރަމްޕްގެ ވާހަކަފުޅު މިފަދަ ރޫހެއްގައި ހުރިއިރު، ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަންސް ޕާޓީގެ ބައެއް މެމްބަރުންވެސް ވަނީ ޓްރަމްޕާ ދެކޮޅަށް އަޑުއުފުއްލަވާފައެވެ. މި ފަހަރު ދައުރު ހަމަވާ މަޖިލިސް މެމްބަރު ޕޯލް މިޗަލް ވިދާޅުވީ، އެމެރިކާގެ ސިޔާސީ ލީޑާޝިޕުގައި ހުރުމަށް އެ ގައުމު އެދެނީ، ބަލިވިއަސް، ނާކާމިޔާބު ވިއަސް، އިހުތިރާމާއެކު އެ ކަމެއް ބަލައިގަންނަ ބައެއް ކަމަށެވެ. އަދި ގޮތް ނިންމަން ރައްޔިތުންނަށް ދޫކޮށްލުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
މެރިލަންޑްގެ ގަވަރުނަރު ލޭރީ ހޯގަންވެސް ވިދާޅުވީ، ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަށް ދައްކާނެ ދިފާއެއް ނެތް ކަމަށާ، އިންތިހާބީ ނަތީޖާތަކަށް އިހުގައިވެސް ކުރި ގޮތަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
މައިގަނޑުގެ 5 ސްޓޭޓެއްގެ ނަތީޖާ ނިކުންނަ ގޮތަކުން، ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ދައުރަށް އެމެރިކާގެ ރައީސް ކަމުގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު ކަނޑައެޅިގެންދާ ހިސާބަށް އިންތިހާބީ ފޯރި ގަދަވެފައި ވާއިރު، އިދިކޮޅު ކެންޑިޑޭޓު އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ވަނީ، ހުރިހާ ރައްޔިތުންވެސް ހަމަޖެހިގެން ތިބުމަށް އިލްތިމާސް ކުރައްވާފައެވެ.
ޑެލަވެއާގައި ހުންނަވާ، ވާހަކަދައްކަވަމުން ބައިޑަން ވަނީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ބޮޑު އުއްމީދެއް އެބަ އޮތް ކަމަށް ވިދާޅުވެފައެވެ. ޑިމޮކްރަސީ ބައެއް ފަހަރު ހައިޖާނެއް ފަދަ ކަމެއް ކަމަށާ، މިކަމުގައި ބޭނުން ވަނީ ކެތްތެރިކަން ކަމަށްވެސް އިލެކްޓޯރަލް ކޮލެޖުގެ ވޯޓުން ވެރިކަމާ ގާތަށް ޖެހިވަޑައިގެންފައިވާ ބައިޑަން ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި، ރައްޔިތުން ވޯޓު ދިން ކަމުގައި ވީ ނަމަވެސް، ރައީސަކު ކަނޑައެޅުމުގައި ގޮތް ނިންމާ ވޯޓު ދޭނީ އިލެކްޓޯރަލް ކޮލެޖުންނެވެ. އިލެކްޓޯރަލް ކޮލެޖުގައި ހިމެނެނީ، ވަކިވަކި ސްޓޭޓްތަކުން އައްޔަން ކޮށްފައި ތިބޭ، ވަކި ބައެކެވެ. މީގެ ތެރޭގައި ސިޔާސީ ފިކުރުގެ މީހުން ހިމެނޭއިރު، އިލެކްޓޯރަލް ކޮލެޖުގެ ވޯޓުގައިވެސް އެކުލަ ޖެހެއެވެ.
އިލެކްޓޯރަލް ކޮލެޖު އެކުލެވިގެން ވަނީ ޖުމުލަ 538 މެމްބަރުންގެ މައްޗަށް ކަމަށް ވާއިރު، ރިޔާސީ ގޮނޑޮކޮޅު ކަށަވަރު ކުރެއްވުމަށް 270 ވޯޓު ބޭނުންވެއެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެ ގަޑިން މިއަދު ހެނދުނު 06:30ގެ ނިޔަލަށް ކުރީގައި އޮތީ، ޓްރަމްޕާ ދެކޮޅަށް ނިކުމެ ހުންނެވި އިދިކޮޅު ޑިމޮކްރަޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއެވެ. ޖޯ ބައިޑަން މިހާރު ވަނީ 264 އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވާފައެވެ. ޓްރަމްޕަށް އަދި ކަށަވަރު ކުރެއްވުނީ 214 ވޯޓެވެ. ބުރާސްފަތި ދުވަހުން ފަށައިގެން އިލެކްޓޯރަލް ވޯޓަށް ބަދަލެއް އައިސްފައެއް ނުވެއެވެ.
ރައްޔިތުން ނިކުމެގެން ލާ ވޯޓަކީ ޕޮޕިއުލާ ވޯޓެވެ. ރައްޔިތުންގެ ވޯޓުގައި މަދުން ވޯޓު ލިބޭ ކެންޑިޑޭޓަށްވެސް ރިޔާސަތު ކާމިޔާބު ވެދާނެއެވެ. 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އާންމުންގެ ވޯޓު ކާމިޔާބުކުރެއްވީ ހިލަރީ ކްލިންޓަން އެވެ. އެހެންނަމަވެސް އިލެކްޓޯރަލް ވޯޓް ކާމިޔާބު ކުރައްވައިގެން ވެރިކަމުގައި އެ ހުންނެވީ ޓްރަމްޕްއެވެ.
ނަތީޖާ އެއްވަރު ވެދާނެތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި ބުނަންޖެހެނީ އާނބަހެވެ. އެމެރިކާގެ ރިޔާސީ ވޯޓުގެ ނިޒާމުގައި 538 އިލެކްޓޯރަލް ކޮލެޖު ވޯޓު ކަނޑައަޅާފައި އޮވެއެވެ. އެހެންކަމުން، 2 ކެންޑިޑޭޓުން އެއް ހަމައަކުން ސްޓޭޓްތައް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. ކޮންމެ ކެންޑިޑޭޓަކަށް 269 އިލެކްޓޯރަލް ކޮލެޖު ވޯޓެވެ.
މިފަދަ ގޮތަކަށް 2 ކެންޑިޑޭޓުން އެއްވަރު ވެއްޖެނަމަ އެމެރިކާގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވާ ފަރާތެއް ކަނޑައަޅާނީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ނުވަތަ ހައުސް އޮފް ރެޕްރެޒެންޓޭވްސްއިންނެވެ. ނައިބު ރައީސް ކަނޑައަޅާނީ ސެނެޓުންނެވެ.
އެމެރިކާގެ އިންތިހާބީ މާޒީއަށް ބަލާއިރު ވަރަށް މަދުން ނޫނީ މިހާލަތަށް ގޮސްފައެއް ނުވެއެވެ. އެމެރިކާގެ ތާރީހަށް ބަލާއިރު، 3 ފަހަރެއްގެ މަތިން މިކަން ހިނގާފައިވާއިރު، 1836 ވަނަ އަހަރަށްފަހު މިކަން މެދުވެރިވެފައެއް ނުވެއެވެ.