ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕްތައް ހަދާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކޮށްފިއެވެ.

ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕް ގާއިމު ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޝައުގުވެރިވާ ފަރާތްތަކަށް ޒޫމް މެދުވެރިކޮށް މައުލޫމާތު ދިނުމަށް ޕްރީބިޑް ބައްދަލުވުމެއް މި މަހުގެ 9 ވަނަ ހޯމަ ދުވަހު ބާއްވާނެ ކަމަށާ އެގޮތުން އެ ބައްދަލުވުމުގައި މަޝްރޫއު ހިންގާ ސަރަހައްދު އެ ދުވަހު ދައްކާނެ ކަމަށްވެސް އެ އިއުލާންގައި ވެއެވެ.

ބީލަން ހުށަހެޅުމުގެ ފުރުސަތު 24 ނޮވެމްބަރުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ބިޑް ސެެކިޔުރިޓީގެ ގޮތުގައި 50،000 ރުފިޔާ ހުށަހަޅަން ޖެހެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕް ގާއިމް ކުރުމަށް ބިޑަށް ހުޅުވާލާފައިވާއިރު، ދެވަނަ ފިޔަވަހީގައި މިހާރު ވަނީ މީހުން ދިރިއުޅެން ފަށައިފައެވެ. ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓުތަކަށް އަންނަ އަހަރުގެ ކުރީކޮޅު މީހުންނަށް ވަދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.