ހޫނުވަމުން އަންނަ އަދުގެ ދުނިޔޭގައި އެއާކޮންޑިޝަން (އޭސީ) އަކާ ނުލާ ވަގުތު ހޭދަކުރުމަކީ، ވަކިން ހާއްސަކޮށް، ރާއްޖެ ފަދަ ހޫނުގަދަ ގައުމެއްގައި ކޮންމެ ކޮންމެ މީހަކަށް މާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ކިރިއާ ދެކޮޅު ޖެހުނަސް، ދިރިއުޅޭ ތަން އޭސީ ކުރުމަކީ މިއަދު ގިނަ ބަޔަކު ހާއްސަ ސަމާލު ކަމެއް ދޭ ކަމެކެވެ. ހާސްކަމާ ކުރިމަތިވަނީ ކަރަންޓު ބިލު އަންނަން ހިސާބުންނެވެ. 3 އިރު ނުކައިވެސް ބިލް ދައްކައިގެން، އަނެއް މަހުވެސް އޭސީއަކާ ނުލާ ނުއުޅެވެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް މިކަން އޮތީ މިހެންނެވެ. ބިލް ބޮޑުވަނީއޭ ގޮވާ މުޒާހަރާ ކުރަން ނުތިބެ، އިންޖިނޭރުންތަކެއް މި މައްސަލައަށް ހައްލު ހޯދީ އާދަޔާ ހިލާފު ކުލައެއް އުފައްދައިގެންނެވެ. ޕާޑިއު ޔުނިވާސިޓީގެ ދިރާސާ ޓީމަކުން ވަނީ، މިހާރު ބޭނުން ކުރަމުންދާ ޒަމާނީ އޭސީތަކުގެ ބޭނުން މުޅިން ކަނޑުވާލަ ދޭނެ، ކުލައެއް އުފައްދާފައެވެ.

ދިރާސާ ޓީމުން އުފެއްދި ކުލައަކީ އެ ކުލައެއް ލާފައި ހުންނަ ތަނެއްގެ ހޫނު މިނުން 7.8 ޑިގްރީ ސެލްސިއަސް ދަށް ކޮށްލަދޭ ކުލައެކެވެ. މި ކުލަ ތަރައްގީ ކޮށްފައި ވަނީ އިރުގެ އަވިން އަންނަ ހޫނު ހަކަތަ، މުޅިން ހެން ދަމައި ނުގަންނަ ފަދަ ގޮތަކަށެވެ. މި ކުލަ ފަރުމާ ކޮށްފައި ވަނީ އެ ކުލައިގެ ޖެހޭ ހޫނު ހަކަތަ، އެ ކުލަ ލާފައި ހުންނަ ތަނަކާ ދުރަށް ފޮނުވާލާ ގޮތަށެވެ. މިއީ ހުރިހާ ތަނެއް، ފުރިޖަކަށް ހަދާލުން ފަދަ ކަމެކެވެ. އެކަމަކު، ފުރިޖަށް ހިނގާ ކަރަންޓުގެ ހަރަދެއް ނުދާނެއެވެ.

އޭސީގެ ބޭނުން ކަނޑުވާލާ ކަމަށް ބުނާ ކުލަ ޓެސްޓު ކުރުމުގައި ދިރާސާ ޓީމުން ހަރަކާތްތެރި ވަނީ / ފޮޓޯ: ޕާޑިއު ޔުނިވާސިޓީ

ދިރާސާ ޓީމުން ބުނާ ގޮތުގައި ބާޒާރުތަކުން މިހާރު ގަންނަން ލިބެން ހުރި އާދައިގެ ކުލައަކީ 80-90 ޕަސެންޓަށް އިރުގެ ހޫނު ހަކަތަ ބޭރު ކުރާ ކުލަތެކެވެ. ނަމަވެސް ދިރާސާ ޓީމުގެ އުފެއްދުމަކީ 95.5 ޕަސެންޓް، ހޫނު ހަކަތަ ބޭރަށް ފޮނުވާލަދޭ ކުލައެއް ކަމަށެވެ.

ޕާޑިއު ޔުނިވާސިޓީގެ ދިރާސާ ޓީމަށް މި ކުލަ ތައްޔާރު ކުރެވުނީ 6 އަހަރު ދުވަހުގެ މަސައްކަތުންނެވެ. ނާކާމިޔާބީ ތަކާވެސް ކުރިމަތިލުމަށް ފަހު ގައެވެ.

މި ކުލަ ލާފައި ހުންނަ ތަނެއްގައި ޖެހި، ދުރަށް ވިއްސައިގެންދާ އިރުގެ އަވީގެ ހަކަތަ އަރައިގެން ދަނީ ކޮންތާކަށް ހެއްޔެވެ؟ ދުނިޔެ ތެރޭގައި ދައުރުވަނީ ހެއްޔެވެ؟ ކަން އޮތީ އެހެނެއް ނޫނެވެ. މި ކުލަ ލާފައި ހުންނަ ތަނެއްގައި ޖެހި، ދުރަށް ފޮނުވާލާ އިރުގެ އަވީގެ ހަކަތަ ދަނީ ޖައްވު ތެރެއަށެވެ. އެ ސަރަހައްދަކީ އަލި ދަތުރު ކުރާ ބާރު މިނުގައި ހޫނު ދަތުރު ކުރާ ސަރަހައްދެކެވެ.

ހުދު ކުލަ ލަފައި ވާ އިމާރާތްތަކެއް ހުރި ސަރަހައްދެއް / ފޮޓޯ: އެންވައިޕީ

ދިރާސާ ޓީމުން ބުނާ ގޮތުގައި، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި، މަގުތަކާ، ފުރާޅުތަކާ ކާރުތަކުގައި މި ކުލަ ބޭނުން ކޮށްފިނަމަ، ދުނިޔެ ހޫނުވުމުގެ މައްސަލައަށްވެސް ހެއްލެއް ލިބުމު ފުރުސަތު އެބަ އޮތެވެ.