މިހާރު ކުރިއަށް ދާ އެމެރިކާގެ ފޯރިގަދަ ރިޔާސީ އިންތިހާބުގެ ނަތީޖާ ވަކި ކޮޅަކަށް ނިންމުމުގައި އެންމެ އިސް ދައުރެއް އަދާކުރާނެ ކަމަށް ބެލެވޭ އެރިޒޯނާގެ މެރިކޯޕާ ކައުންޓީގެ އިންތިހާބީ އޮފީސް ހިމެނޭ ސަރަހައްދުގައި، އާންމު ރައްޔިތުންގެ މުޒާހަރާތައް ވަރުގަދަ ކޮށްފިއެވެ.

ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އެރިޒޯނާގެ އިންތިހާބީ އޮފީސް ހިމެނޭ ސަރަހައްދަށް ޖަމާވެ، މުޒާހަރާކޮށް، ނުރުހުން ފާޅު ކުރަމުންދަނީ، ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ނިކުމެ ހުންނެވި ޑޮނާލްޓް ޓްރަމްޕްގެ ސަޕޯޓަރުންނެވެ.

މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ ވީހާވެސް އަވަހަކަށް އެރިޒޯނާގެ ވޯޓުތައް ގުނާ ނިންމުމަށެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު، އެރިޒޯނާގައި ފުރަތަމަ ކާމިޔާބު ހޯއްދަވާފައި ވަނީ، އިދިކޮޅު ޑިމޮކްރަޓިކް ކެންޑިޑޭޓް، އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއެވެ. ނަމަވެސް ފަހުން ގުނި ވޯޓުތަކަކާއެކު، ޓްރަމްޕާއި ބައިޑަންގެ ފަރަގު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވޯޓު ގުނުން ކުރިއަށް ދާ މަރުކަޒެއް / ފޮޓޯ: މާވެން ލެގަސީ

މުޒާހަރާ ކުރަމުންދާ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުން ދަނީ، އިންތިހާބުގައި އެމީހުން ދިން ވޯޓު ގުނާފައި ނުވާ ކަމުގެ ނުތަނަވަސްކަން އުފެދޭ ކަމަށް ބުނެއެވެ. މުޒާހަރާގައި ތިބި ބައެއް މީހުންގެ އަތުގައި އެކި ކަހަލަ ބަޑިވެސް އެބަހުރި ކަމަށް ހަބަރު ލިބެއެވެ.

މުޒާހަރާ ކުރަމުން ދިޔަ ބައެއް މީހުން، އިންތިހާބީ އޮފީސް ތެރެއަށް ވަދެގެންފައި ވާ ކަމަށާ، އެމީހުން އެ ސަރަހައްދަށް ވަނީ ނޫސްވެރިން ކަމަށް ހެދިގެން ކަމަށްވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް މިހާރު އެ އިމާރާތް ވަނީ ނޫސްވެރިންނަށްވެސް ބަންދު ކޮށްފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބާ ގުޅިގެން ކުރިއަށް ދާ މުޒާހަރާތަކުގެ ތެރެއިން / ފޮޓޯ: ސީބީސީ

އިންތިހާބާ ގުޅިގެން އެކި ސަރަހައްދުތަކުގައި މުޒާހަރާތައް ހޫނުވަމުން ދާއިރު، ޕޯޓްލަންޑް ސަރަހައްދުގައި ނޭޝަނަލް ގާޑުން ނުވަތަ ސަލާމަތީ ބާރުތަކުގެ އެންމެ މަތީ ފައުޖުތައް ވަނީ ރުކުރުވާލާފައެވެ. މީގެ އިތުރުން މިނިއާޕޮލީސް ސަރަހައްދުން ބަޔަކު ހައްޔަރު ކޮށްފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީގެ ގޮތުގައި ސިފަކުރަމުން އަންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުގެ ކަންކަން ހަފުތާއެއްހާ ދުވަހަށް ދެމިގެންދާއިރު، މިހާތަނަށް ލިބިފައި ވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އަދި ކުރީ ގައި އޮތީ ބައިޑަންއެވެ.

އިލެކްޓޯރަލް ކޮލެޖުން 270 ވޯޓު ކަށަވަރު ކުރައްވާ ކެންޑިޑޭޓަކަށް ރައީސްކަން ކަށަވަރު ވާއިރު، ބައިޑަން ވަނީ 264 ވޯޓު ކަށަވަރު ކުރައްވާފައެވެ.