ސުނާމީއަކީ ކާރިސީ ހިރާސް ކުޑަ ކުރުމާއި މެނޭޖު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ސަރުކާރުގެ އިދާރާތަކާ މުއައްސަސާތަކަށް ކުރިމަތިލާންޖެހޭ ވަރުގަދަ އިމްތިހާނެއް ކަމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

ސުނާމީއަށް ހޭލުންތެރި ކުރުވުމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ އިވެންޓާ ދިމާކޮށް، ގުޓެރޭޒް އާންމު ކުރެއްވި ބަޔާނުގައި ވިދާޅުވީ، އަދުގެ ދުނިޔޭގައި އިންސާނީ ތަރައްގީގެ ފޭރާން ވިޔެވިފައި ވަނީ ހިރާސްތަކާ އެކުގައި ކަމަށެވެ.

މިއަދު ދުނިޔެއަށް ކުރިމަތިލާން ޖެހިފައި ވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމަކީވެސް "ސުނާމީ" އެއް ކަމަށް ބައެއް މީހުން ސިފަ ކުރަނީ ސަބަބެއް ނެތި ނޫން ކަމަށާ، އެހެނީ ގިނަ މީހުންގެ ހަނދާނުން 2004 ވަނަ އަހަރުގެ އިންޑިއަން އޯޝަން ސުނާމީ ހަނދާން ނެތިފައި ނުވުން ކަމަށް ގުޓެރޭޒް ފާހަގަ ކުރެއްވިއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ / ފޮޓޯ: ރޮއިޓާޒް

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ސުނާމީއަކީ ދިވެހިންނަށްވެސް އިތުރު ތައާރަފަކަށް ބޭނުންވާނެ ކާރިސާއެއް ނޫނެވެ.

މި މޭރުމުން ދުވަހުގެ މެސެޖު ކުރިއަށް ގެންދަވަމުން ގުޓެރޭޒް ވިދާޅުވީ، ސުނާމީއެއްގެ ވަގުތުގައި ކަން ކުރަންވީ ގޮތްތައް އަންގައިދީ، އެފަދާ ކާރިސާއަކަށް މީހުން އަހުލުވެރި ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އދއިން މަޝްރޫއުތަކެއް ހިންގަމުން އަންނަ ކަމަށެވެ.

ސުނާމީއަށް މީހުން ހޭލުންތެރި ކުރުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ހާއްސަ ދުވަހެއް ފާހަގަ ކުރަމުން ދާއިރު، މި އަހަރުގެ ޝިއާރުވެސް އަމާޒު ކޮށްފައި ވަނީ ސުނާމީގެ ކާރިސީ ހިރާސް ގަވާން ކުރުމުގެ މައްޗަށެވެ. އެގޮތުން ކާރިސީ ހިރާސް ގަވާން ކުރުމުގެ ސިޔާސަތުތައް ކަނޑައަޅަންވީ، ގުދުރަތީ އަދި އިންސާނުންގެ އަމަލުތަކުން މެދުވެރިވާ ހިރާސްތަކުގެ ނޭދެވޭ އަސަރު ވީހާވެސް ކުޑަ ވާ ފަދަ ގޮތަކަށް ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ.

ސުނާމީ ބިނާ މައިޒާން ހަލާކުވެފައި / ފޮޓޯ: މާލެ ސިޓީ ކައުންސިލް

އދގެ އަންދާޒާތަކަށް ބަލާއިރު 2030 ވަނަ އަހަރު އަންނައިރު، ދުނިޔޭގެ އަބާދީގެ 50 ޕަސެންޓް ދިރިއުޅޭނީ، ފެންބޮޑުވުމާ، ތޫފާންތަކާ، ސުނާމީތަކުގެ ސަބަބުން އިންތިހާ ނުރައްކަލާ ކުރިމަތިލާންޖެހޭ، އައްސޭރިފަށުގެ ސަރަހައްދުތަކުގައެވެ.

ސުނާމީއަކީ ކަނޑުގެ ސަތަހައަށް އަންނަ ލޮޅުންތަކުގެ ސަބަބުން އުފެދޭ މާ ސިންގާ، ބިޔަ ރާޅެކެވެ. ސުނާމީ އެރުމަށް އެންމެ އާންމުކޮށް މެދުވެރިވަނީ ސަތަހައަށް އަންނަ ހެލުންތަކުގެ ސަބަބުން ކަމަށް ވީ ނަމަވެސް، ސުނާމީއެއް އުފެދިދާނެ އެހެން ސަބަބުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ބިންގަނޑު ކަނޑައިގެން ދިޔުމާއި، އަލިފާންފަރުބަދަ ގޮވުމާއި، ގިނިހިލަ ފަދަ ޖައްވީ ޖިސްމެއް ކަނޑަށް ވެއްޓުން ހިމެނެއެވެ.