ދުނިޔޭގެ އެންމެ ނުފޫޒުގަދަ މަގާމު ކަށަވަރު ކުރުމަށް އެމެރިކާގައި ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގެ ފޯރި ގަދަވަމުން އަންނަ މިދަނޑިވަޅުގައި، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އޭނާގެ އަމިއްލަފުޅު ޓީމުގެ ގާނޫނީ އިސްތިރާޖާ މެދު ސުވާލު އުފައްދަވައިފިއެވެ.
ޓްރަމްޕްގެ ޓީމުން ގެންގުޅޭ ގާނޫނީ އިސްތިރާޖާ މެދު މާ ބޮޑަށް ހިތްޕުޅާ ނުވާ ކަން ޓްރަމްޕް ހާމަ ކުރައްވާފައި ވަނީ، ޓްރަމްޕަށް ބައިއަތު ހިފާފައިވާ ބައެއް ފަރާތްތަކަށް ފޯނުން ގުޅުއްވާ، ވާހަކަފުޅުދައްކަވަމުން ކަމަށް އެމެރިކާ މީޑިއާއިން ރިޕޯޓް ކުރެއެވެ.
އަމިއްލަފުޅު ޓީމުގެ ގާނޫނީ އިސްތިރާޖާ މެދު ސުވާލު އުފައްދަވަމުން ޓްރަމްޕް ވަނީ، ވޯޓުލުން ފެށުމުގެ ކުރިން، އިންތިހާބީ ގަވައިދުތަކަށް ގޮންޖަހާފައި ނުވަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.
ޓްރަމްޕާ ވާހަކަދެއްކެވި މަސްދަރަކާ ހަވާލާދީ އެމެރިކާގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، އިންތިހާބީ ނަތީޖާތައް ބެއްލެވުމުގައި، އަވަހާރަފުޅުލެއްޕެވުމެއް ނެތި، އަވަދަނެތި އުޅުއްވުމުގެ ސަބަބުން ޓްރަމްޕް މިވަގުތު ހުންނެވީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ޝަރުއީ އިމުގެ ތެރެއިން ވޯޓުގެ ކަންކަން ނިންމުމައިގެން ކުރިއަށް ދިއުމަށްވެސް ޓްރަމްޕް ހުންނެވީ ތައްޔާރަށެވެ. ނަމަވެސް، އާހިރުގައި އެކަމުންވެސް ކާމިޔާބީއެއް ނެތް ކަމަށް ހުދު ޓްރަމްޕްވެސް ގަބޫލު ކުރައްވާ ކަމަށް މައުލޫމާތު ލިބެއެވެ. ޓްރަމްޕްގެ ޓީމުން މިހާރުވެސް ޝަރުއީ އިމުގެ ތެރެއަށް ބައެއް ދާއިރާތަކުގެ މައްސަލަތައް ވައްދާފައި ވާއިރު، އެ ކަމަށްވެސް ޓްރަމްޕް ނަޒަރު ހިންގަވަނީ ފާޑުވިދާޅުވުމުގެ ރޫހެއްގައި ކަމަށް އެމެރިކާގެ މީޑިއާއިން ސިފަ ކުރެއެވެ.
މި މައްސަލާގައި ޓްވީޓް ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މާނަ ހުރި ގޮތެއްގައި ކަންކަން ވިލަރެސް ކުރުމަށް އޭނާގެ ޓީމުން އެދިފައި ވާ ކަމަށެވެ. ނަމަވެސް އެކަމުގައި ހެވެއް އޮތް ކަމާ މެދު ޓްރަމްޕް ވަނީ ސުވާލު އުފައްދަވާފައެވެ. މި މޭރުމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، އެމެރިކާގެ އިންތިހާބީ ނިޒާމުގެ ނަޒާހާތްތެރިކަމަށް މިހާރުވެސް ގެއްލުންތަކެއް ދެވިފައި ވާ ކަމަށެވެ.
ޓްރަމްޕްގެ ގާނޫނީ ޓީމުން ވަނީ ބައެއް ޖޯޖާގައި ކުރިއަށްދާ ވޯޓު ގުނުމުގެ މަސައްކަތް ހުއްޓުވުމުގެ ގާނޫނީ އަމުރަށް އެދި ހުށަހަޅާފައެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި، ރައްޔިތުން ވޯޓު ދިން ކަމުގައި ވީ ނަމަވެސް، ރައީސަކު ކަނޑައެޅުމުގައި ގޮތް ނިންމާ ވޯޓު ދޭނީ އިލެކްޓޯރަލް ކޮލެޖުންނެވެ. އިލެކްޓޯރަލް ކޮލެޖުގައި ހިމެނެނީ، ވަކިވަކި ސްޓޭޓްތަކުން އައްޔަން ކޮށްފައި ތިބޭ، ވަކި ބައެކެވެ. މީގެ ތެރޭގައި ސިޔާސީ ފިކުރުގެ މީހުން ހިމެނޭއިރު، އިލެކްޓޯރަލް ކޮލެޖުގެ ވޯޓުގައިވެސް އެކުލަ ޖެހެއެވެ.
އިލެކްޓޯރަލް ކޮލެޖު އެކުލެވިގެން ވަނީ ޖުމުލަ 538 މެމްބަރުންގެ މައްޗަށް ކަމަށް ވާއިރު، ރިޔާސީ ގޮނޑޮކޮޅު ކަށަވަރު ކުރެއްވުމަށް 270 ވޯޓު ބޭނުންވެއެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެ ގަޑިން މިއަދު ހެނދުނު 07:00ގެ ނިޔަލަށް ކުރީގައި އޮތީ، ޓްރަމްޕާ ދެކޮޅަށް ނިކުމެ ހުންނެވި އިދިކޮޅު ޑިމޮކްރަޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއެވެ. ޖޯ ބައިޑަން މިހާރު ވަނީ 264 އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވާފައެވެ. ޓްރަމްޕަށް އަދި ކަށަވަރު ކުރެއްވުނީ 241 ވޯޓެވެ.
ރައްޔިތުން ނިކުމެގެން ލާ ވޯޓަކީ ޕޮޕިއުލާ ވޯޓެވެ. ރައްޔިތުންގެ ވޯޓުގައި މަދުން ވޯޓު ލިބޭ ކެންޑިޑޭޓަށްވެސް ރިޔާސަތު ކާމިޔާބު ވެދާނެއެވެ. 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އާންމުންގެ ވޯޓު ކާމިޔާބުކުރެއްވީ ހިލަރީ ކްލިންޓަން އެވެ. އެހެންނަމަވެސް އިލެކްޓޯރަލް ވޯޓް ކާމިޔާބު ކުރައްވައިގެން ވެރިކަމުގައި އެ ހުންނެވީ ޓްރަމްޕްއެވެ.
ނަތީޖާ އެއްވަރު ވެދާނެތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި ބުނަންޖެހެނީ އާނބަހެވެ. އެމެރިކާގެ ރިޔާސީ ވޯޓުގެ ނިޒާމުގައި 538 އިލެކްޓޯރަލް ކޮލެޖު ވޯޓު ކަނޑައަޅާފައި އޮވެއެވެ. އެހެންކަމުން، 2 ކެންޑިޑޭޓުން އެއް ހަމައަކުން ސްޓޭޓްތައް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. ކޮންމެ ކެންޑިޑޭޓަކަށް 269 އިލެކްޓޯރަލް ކޮލެޖު ވޯޓެވެ.
މިފަދަ ގޮތަކަށް 2 ކެންޑިޑޭޓުން އެއްވަރު ވެއްޖެނަމަ އެމެރިކާގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވާ ފަރާތެއް ކަނޑައަޅާނީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ނުވަތަ ހައުސް އޮފް ރެޕްރެޒެންޓޭވްސްއިންނެވެ. ނައިބު ރައީސް ކަނޑައަޅާނީ ސެނެޓުންނެވެ.
އެމެރިކާގެ އިންތިހާބީ މާޒީއަށް ބަލާއިރު ވަރަށް މަދުން ނޫނީ މިހާލަތަށް ގޮސްފައެއް ނުވެއެވެ. އެމެރިކާގެ ތާރީހަށް ބަލާއިރު، 3 ފަހަރެއްގެ މަތިން މިކަން ހިނގާފައިވާއިރު، 1836 ވަނަ އަހަރަށްފަހު މިކަން މެދުވެރިވެފައެއް ނުވެއެވެ.