ޖަލުތަކުގައި ބަންދުކޮށްފައި ތިބި ގައިދީން މަޖުތަމައުއަށް ނެރޭ އިރު ބޭނުން ހިފޭ ބައެއްގެ ގޮތުގައި ނުރެމަށް މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް މުރާޖައާ ކުރަން އދ. ގެ ޖެނީވާ އޮފީހުގައި ބޭއްވި ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އިމްރާން ވިދާޅުވީ، ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް ޖަލުތަކުގައި ތިބި ކުށްވެރިން ރިހެބިލިޓޭޓް ކުރުމާ އެއީ މުޖުތަމައުއަށް ބޭނުން ހިފޭ ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަށްޓަކައި މުހިއްމު މަސައްކަތެއް ކުރަންޖެހޭ ކަން މިގައުމުން ގަބޫލު ކުރާކަމަށެވެ.

ރާއްޖޭގެ ޖަލުތަކުގައި ޕެރޯލް ގާނޫނުގެ އެސެސްމަންޓެއް ހެދުމަށް ގަސްތުކުރާކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. މިކަން މިހެން ކުރުމުގެ މަގްސަދަކީ ގައިދީންގެ ހައްގުތަކާ އިނާޔަތްތަކަކީ ކޮބައިކަން ގާނޫނުގައި ސާފުކޮށް ބަޔާންކުރުމާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހިންގުން ހަރުދަނާ ކުރުމާ ޖަވާބު ދާރީ ކުރުވުމުގެ ނިޒާމު ހަރުދާނަ ކުރުން ކަމަށް އިމްރާން ވިދާޅުވިއެވެ.

ހަމައެއާއެކު އިންސްޕެކްޓާ އޮފް ކަރެކްޝަންގެ މަސައްކަތް ހަރުދަނާ ކުރުމާ އިންސްޕެކްޓާ އެއްވެސް ހުރަހެއް ނެތި ކަސްޓޯޑިއަލްތަކަށް ޒިޔާރަތްކުރެވޭނެ އިންތިޒާމް މި ސަރުކާރުން ވާނީ ހަމަޖައްސާދީފައި ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. އަދި ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާ އާއިލާތަކުގެ ޝަކުވާ ހުށަހެޅުމުގައި ގުޅޭނެ ހާއްސަ ހޮޓްލައިނެއްވެސް ގާއިމް ކުރެވިފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"މޯލްޑިވްސް ކަރެކްޝަން ސާވިސްގެ ހިންގުން ހަރުދަނާ ކުރުމަކީ މި ސަރުކާރުން އިސްކަންދޭ ކަމެއް. މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ޖަލުތަކުގެ އޮޑިޓެއް ހަދައި އެ އޮޑިޓުން ފާހަގަކުރެވިފައިވާ ކަންކަން އިސްލާހު ކުރުމަށްޓަކައި ކޮމިޓީއެއް ގާއިމް ކުރެވި މަސައްކަތް ދަނީ ކުރެވެމުން"
އިމްރާން އަބްދުﷲ

އިމްރާން ދެއްކެވި ވާހަކައިގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގެ މައިގަނޑު އަސާސެއް ކަމުގައި މުއައްސަސާ ހިންގުން ހަރުދަނާ ކުރުމާ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަކީ މުހިއްމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ފުލުހުންގެ ހިދުމަތުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޕްލޭނަކީ ފުލުހުންގެ ހިދުމަތައް ރައްޔިތުންގެ އިތުބާރު ހިފޭ އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމާއެކު ހުރިހާ ފަރާތްތައް ގުޅިގެން ފޯރުކޮށްދެވޭ ހިދުމަތަކަށް ހެދުމުގެ މަގްސަދުގެ މައްޗަށް ބިނާކޮށް އެކުލަވާލި ޕްލޭނެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

އެގޮތުން ކުރެވޭ އެންމެ މުހިއްމު މަސައްކަތަކީ ފުލުހުންގެ ހިދުމަތުގެ މުޅިން އާ ބިލެއް ފަރުމާ ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ މަޝްވަރާތައް ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް ކުރެވެމުންދާ ކަން އިމްރާން ފާހަގަކުރެއްވިއެވެ. މިބިލުގެ ސަބަބުން މުއައްސަސާތަކުގެ ހިދުމަތް ހަރުދަނާ ކުރުމާއި ޖަވާބުދާރީ ކުރުވުމާއި މުޖުތަމައުއާ ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން ޑިމޮކްރެޓިކް އުސޫލާ އެއްގޮތަށް ފުލުހުންގެ ހިންގުމުގެ ކަންކަން ހަރުދަނާ ކުރެވިގެން ދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.