އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އަދިވެސް ވަކި ކޮޅަކަށް ނިމިފައި ނުވާއިރު، މިކަމުގައި ސުޕްރީމް ކޯޓު މެދުވެރި ކުރައްވައިގެން ގޮތެއް ނިންމަވާނެ ކަމަށް، ރިޕަބްލިކަންސްގެ ކެންޑިޑޭޓް އަދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންޒާރު ކުރައްވައިފިއެވެ.

ވޯޓު ގުނުމުގެ މަސައްކަތްތައް ފޯރީގައި ކުރިއަށް ދަނިކޮށް މީގެ ކުޑަ ވަގުތު ކޮޅެއް ކުރިން ތަގުރީރު ކުރައްވަމުން ޓްރަމްޕް ވަނީ، އިންތިހާބީ ވޯޓު ގުނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތު ކުރައްވާފައެވެ. އެގޮތުން، ނޮވެމްބަރު 3 ވަނަ ދުވަހުގެ އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ ވޯޓު ގުނުމުގެ މަރުހަލާއަކީ އެމެރިކާގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ޖަރީމާ ކަމަށްވެސް ޓްރަމްޕް ވަނީ ސިފަ ކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ރިޔާސީ ކެމްޕޭނެއްގައި / ފޮޓޯ: ނޭޝަނަލް ނިއުސް

މާޒީގެ އިންތިހާބުތަކަށް ބަލާއިރު، މިހާތަނަށް އަންނައިރު ނަތީޖާ އޮންނަނީ ކަށަވަރު ވެފައެވެ. ނަމަވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިއަށް ގެންދިޔަ މިފަހަރުގެ އިންތިހާބުގައި ރެކޯޑް އަދަދެއްގެ ބަޔަކު، މެއިލް މެދުވެރިކޮށްވެސް ވޯޓުލާފައި ވުމާ، އެނޫންވެސް އެފަދަ ކަންކަމާ ހެދި ވޯޓު ޓެލީ ކުރުން ލަސްވެ، އަވަސް ފުރުސަތެއްގައި ނަތީޖާ ނުނެރެވިދާނެ ކަމަށް އޮފިޝަލުން ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

އެތައް ސަތޭކަ ހާސް ވޯޓެއް އަދިވެސް ގުނިފައި ނުވާއިރު، ޓްރަމްޕާ ދެކޮޅަށް ނިކުމެ ހުންނެވި ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަންގެ މައްޗަށް ކުރި ހޯއްދެވުމަށް ޓްރަމްޕަށް ކޮންމެހެން މުހިންމުވާ ސްޓޭޓްތަކުގެ ވޯޓުތަކެއްވެސް އަދި ގުނިފައި ނުވުމާއެކު ޓްރަމްޕް ވަނީ ކޯފާ އިސް ކުރައްވާފައި ކަމަށްވެސް ހަބަރު ލިބެއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ކ) އަދި ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން/ފޮޓޯ: އޭޝަސް

އެމެރިކާގެ ރިޔާސީ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން، ވެރިކަން ކަށަވަރު ކުރައްވާ ކެންޑިޑޭޓެއް އެނގޭނީ އިލެކްޓޯރަލް ކޮލެޖުގެ ވޯޓުންނެވެ. އިލެކްޓޯރަލް ކޮލެޖުން 270 ވޯޓު ކަށަވަރުވާ ކެންޑިޑޭޓަކަށް ރައީސްކަން ކަށަވަރު ވާއިރު، ބައިޑަން ވަނީ 220 ވޯޓު ކަށަވަރު ކުރައްވާފައެވެ. ޓްރަމްޕަށް އަދި ކަށަވަރު ކުރެއްވުނީ 213 ވޯޓެވެ.

އެމެރިކާގެ އިންތިހާބީ ތާރީހުގެ ފަހުގެ މާޒީއަކަށް ބަލާއިރު، ޖޯޖް ޑަބްލިއު ބުޝް ވެސް ވެރިކަމަށް ވަޑައިގަތީ ސުޕްރީމް ކޯޓުގެ ހުކަމަކާއެކުގައެވެ.