ސިޔާސީ ހަޔާތްޕުޅު ފެއްޓެވުމުގެ ކުރިން ޖޯ ބައިޑަން އަކީ ވަކީލެކެވެ. ބައިޑަންއަކީ އެމެރިކާގެ ތާރީހުގައިވެސް ސެނެޓުން ޖާގަ ކަށަވަރު ކުރެއްވި، 5 ވަނަ އަށް އެންމެ ހަގު މެމްބަރެވެ. ހަމަ އެހެންމެ، ޑެލަވެއާގެ ސެނެޓަރުގެ ގޮތުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ޝަހްސުވެސްމެއެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވަމުން އައިއިރު ޕާޓީ ޓިކެޓް ކަށަވަރު ކުރުމުގައި ބައިޑަންއަށް މާ ބޮޑު ކާމިޔާބީއެއް ލިބިވަޑައިނުގަތެއް ކަމަކު، ބަރާކް އޮބާމާގެ ރަނިންގް މޭޓަކަށް ބައިޑަން ހަމަޖެއްސެވުމާއެކު އަނެއްކާވެސް އޭނާގެ ނަން ވިދަން ފެށިއެވެ. އެމެރިކާގެ 47 ވަނަ ނައިބު ރައީސްގެ ގޮތުގައި 2 ދައުރު ފުރިހަމަ ކުރެއްވިއެވެ. އޮބާމާގެ ވެރިކަމުގެ 2 ވަނަ ދައުރު ނިމުމާ ގާތްވެފައި ވަނިކޮށް، 2017 ވަނަ އަހަރު، އޮބާމާ ވަނީ "ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް" ވެސް ބައިޑަންއަށް އަރުވާފައެވެ. 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ބައިޑަން ކެމްޕޭން ލޯން ކުރެއްވީ އޭގެ 2 އަހަރު ފަހުންނެވެ. އަދި ޑިމޮކްރަޓުންގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވިއެވެ.

ޖޯ ބައިޑަން ޒުވާން ދުވަސްރު / ފޮޓޯ: އެންވައިޓީ

ފުރަތަމަ ސޮފުހާތައް

މީލާދީން 1942 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ބައިޑަން، ޅަ އުމުރުގެ ދުވަސްތައް ހޭދަ ކުރެއްވީ ޕެންސިލްވޭނިއާގެ އިރުއުތުރު ސިޓީއެއް ކަމަށްވާ ސްކްރޭންޓަންގައެވެ. ބައްޕާފުޅު، ޖޯ ބައިޑަން ސީނިއާ އަކީ ހީޓަރާއި، ބޮއިލަރު ފަދަ ދުންހޮޅި ސާފު ކުރުމާއި، ބާ ކާރު ވިއްކުމުގެ މަސައްކަތުގައި އުޅުއްވި ބޭފުޅެކެވެ. މަންމާފުޅަށް ހާއްސަ ޕްރޮފައިލްއެއް ނެތެވެ.

ބައިޑަން ވިދާޅުވާ ގޮތުގައި އޭނާއަށް ލިބިފައިވާ ހިތްވަރާ، އަޒުމުވަރުގަދަ ކަމާ، ބުރަ މަސައްކަތް ކުރެއްވުމުގެ ރޫހަކީ އޭނާގެ މައިންބަފައިން އަށަގެންނެވި ސިފަތެކެކެވެ. އެކު އުޅޭ ކުދިންގެ ފަރާތުން ހަމަލާއެއް އަމާޒުވެއްޖެނަމަ، ދެވަނަ ފަހަރަށް އެފަދަ ކަމެއް ކުރަން ނުކުރޭ ވަރު ކުރުމަށް ބައިޑަން ތައްޔާރުކުރީ މަންމާފުޅެވެ.

ޅަ އުމުރުގެ ދުވަސްތަކުގައި ބައިޑަންއަކީ، ވާހަކަދެއްކެވުމުގައި "އަޅައަޅާއި ގަންނަ" ގޮތެއް ހުންނަ ކުއްޖެކެވެ. މިއީވެސް ގިނަ ބައެއްގެ ފަރާތުން ފުރައްސާރައާ ކުރިމަތި ކުރުވި ކަމެކެވެ. މިކަމުންވެސް ބައިޑަން އަރައިގެންނެވިއެވެ. މިކަން ކުރެއްވި ބޮޑެތި މަޒުމޫނުތަކާ ޅެންބައިތުތައް ހިތު ދަސްކުރައްވައިގެން، ލޯގަނޑެއްގެ ކުރިމަތީގައި ހުންނަވައިގެން އަލުން އެ ތަކުރާރު ކުރައްވަމުންނެވެ.

ޖޯ ބައިޑަން، 1970ގެ އަހަރުތަކުގައި / ފޮޓޯ: ވޮޝިންގްޓަން ޕޯސްޓް

މެދު ފަންތީގެ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބައިޑަންގެ ތައުލީމީ ހަޔާތްޕުޅަކީވެސް މާ ފަސޭހަ ދުވަސްތަކެއް ނޫނެވެ. މަތީ ފަންތީގެ މުއައްސަސާއިން ޖާގަ ލިބިވަޑައިގެންނެވިއިރު، ޓިއުޝަން ފީގެ ކަންކަން ހަމަޖެއްސެވީ ސްކޫލްތައް ކުޑަދޮރުތައް ދޮވެ ދެއްވާ، ބަގީޗާތަކުން ވިނަ ނޮޅުއްވައިގެންނެވެ. ޖިސްމާނީ ގޮތުން މާ ރޫފަ ވަރުގަދަ ނުވިއެއް ކަމަކު ތައުލީމު ހާސިލު ކުރެއްވިއިރު ބައިޑަން ވަނީ ފުޓުބޯޅަ ޓީމުންވެސް ޖާގަ ހޯއްދަވާ، ކޯޗުވެސް އާޝޯހް ކުރުވާފައެވެ.

މަތީ ތައުލީމާ ޒަވާޖީ ހަޔާތްޕުޅު

މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ބައިޑަން ވަޑައިގެންނެވީ ޔުނިވާސިޓީ އޮފް ޑެލަވެއާ އަށެވެ. މަތީ ތައުލީމު ހާސިލު ކުރެއްވީ ތާރީހާ ޕޮލިޓިކަލް ސައެންސްގެ ރޮނގުންނެވެ. ކޮލެޖުގެ ފުރަތަމަ 2 އަހަރަކީ، ސަކަރާތް ޖެއްސެވުމާ "އަންހެން ކުދިން ފަހަތުގައި އުޅުއްވުމާ"، ފުޓުބޯޅައަށް ހުސްކޮށްލެއްވި 2 އަހަރު ކަމަށް ހުދު ބައިޑަންވެސް އިއުތިރާފުވެވަޑައިގަންނަވައެވެ.

ހާލަތު ބަދަލުވީ ދެނެވެ. ތައުލީމަށް ބައިޑަންގެ ހިތްޕުޅުގައި ހާއްސަ މަގާމެއް ދެވުނީ ހިތުގައި ރަންޏެއްގެ ތަސްވީރު ނަށަން ފެށި ހިސާބުންނެވެ. ސީރަކުރޫޒް ޔުނިވާސިޓީ ލޯ ސްކޫލުން ޖާގަ ހޯއްދަވާ، ހިތުގެ ރަންޏާ ގާތަށް ޖެހިވަޑައިގެން، 1966 ވަނަ އަހަރު ޒަވާޖީ ހަޔާތްޕުޅު ފެއްޓެވިއެވެ.

ސިޔާސީ ހަޔާތްޕުޅުގެ ފެށުން

1968 ވަނަ އަހަރު ލޯ ސްކޫލުން ދަސްވެނިވެވަޑައިގެން، ބައިޑަން މަސައްކަތް ފެއްޓެވީ ލޯ ފާމެއްގައެވެ. ޑިމޮކްރަޓިކް ޕާޓީގައި ހަރަކާތްތެރި ދައުރެއް އަދާކުރައްވަން ފެއްޓެވިއެވެ. 1970 ވަނަ އަހަރު، ނިއު ކާސަލް ކައުންޓީ ކައުންސިލުން ޖާގަ ކަށަވަރުކުރައްވިއެވެ. އަދި ޖެހިގެން އައި އަހަރު، އަމިއްލަ ލޯ ފާމެއް ފެއްޓެވިއެވެ.

މިހާ ހިސާބަށް އާދެވުނުއިރު ބައިޑަންއަށް 3 ބޭފުޅުން ލިބިވަޑައިގެންފިއެވެ. ޖެހިގެން އައި އަހަރު، އުމުރުފުޅުން އެންމެ 29 އަހަރުގައި، ތަޖުރިބާކާރު ރިޕަބްލިކަން މެމްބަރު ޖޭ ކޭލަބް ބޮގްސްއާ ދެކޮލަށް ސެނެޓަށް ވާދަ ކުރައްވަން ބައިޑަންއަށް ފުރުސަތު ލިބިވަޑައިގަތެވެ. އެ ފަހަރުގެ އިންތިހާބު ބައިޑަން ކަށަވަރު ކުރެއްވިއެވެ.

އާއިލާގެ އުއްމީދުތައް ފެނަށް

ސިޔާސީ ހަޔާތްޕުޅުގައި ހަގީގީ ކުލަ ޖެހެމުންދިޔަ ދުވަސްވަރެވެ. 1972 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅެވެ. ބައިޑަންގެ އަނބިކަނބަލުންނާއި 3 ދަރިން ދަތުރު ކުރައްވަމުން ގެންދެވި ކާރު އެކްސިޑެންޓްވިއެވެ. މި ހާދިސާގައި އަނބިކަނބަލުންނާއި އަންހެން ދަރިފުޅު މި ދުނިޔެއާ ވަކިވިއެވެ. 2 ފިރިހެން ދަރިކަލުންނަށްވެސް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގަތެވެ. ނަފްސާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައްވާ، އެ އަނދިރި ދުވަސްތައް ހުރަސް ކުރެއްވިއެވެ.

ޖޯ ބައިޑަންގެ އަނބިކަނބަލުނާއި އަންހެން ދަރިފުޅު އަވަހާރަވި ކާރު އެކްސިޑެންޓަށް ފަހު ދަރިކަލުންނާއެކު ހޮސްޕިޓަލުގައި / ފޮޓޯ: ޔޫއެސްއޭ ޓުޑޭ

އާއިލާ މެމްބަރުންގެ އެއްބާރުލުމާއެކު ޑެލަވެއާގެ މެމްބަރުން ތަމްސީލު ކުރެއްވުމުގައި ދެމި ހުންނެވިއެވެ. މެމްބަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގެން، އެކަން ފުރިހަމަ ކުރެއްވީ، ހޮސްޕިޓަލުގައި 2 ފިރިހެން ދަރިކަލުން އޮންނެވި ކޮޓަރި ތެރޭގައެވެ. ސެނެޓްގައި ހޭދަ ކުރެއްވި ދިގު މުއްދަތުގައި މަޖިލީހުގެ ބައްދަލުވުންތަކަށް ވަޑައިގެންނެވީ ރޭލުގައެވެ.

ސެނެޓްގެ ހިދުމަތް

1973-2009 ވަނަ އަހަރަށް ސެނެޓަރެއްގެ ގޮތުގައި ހިދުމަތް ކުރެއްވިއިރު، އެތައް ބައެއްގެ ހިތުން ބައިޑަން ޖާގަ ހޯއްދެވިއެވެ. ހާރިޖީ ސިޔާސަތުގެ ރޮނގުން ބައިޑަންއަކީ މޭސްތިރިއެކެވެ. ހާރިޖީ ސިޔާސަތުގައިވެސް ގެންގުޅުއްވީ ސުލްހަވެރި އުސޫލުތަކެކެވެ. އެމެރިކާއިން ކުރަމުން ދިޔަ ގިނަ ހަނގުރާމަތަކެއް ހުއްޓާލުމުގެ ފަލްސަފާވެރިއަކީވެސް ބައިޑަން ކަމަށް ބުނެވިދާނެއެވެ.

ޖޯ ބައިޑަންގެ އަނބިކަނބަލުނާއި އަންހެން ދަރިފުޅު އަވަހާރަވި ކާރު އެކްސިޑެންޓަށް ފަހު 2 ދަރިކަލުންނާއެކު / ފޮޓޯ: ޔޫއެސްއޭ ޓުޑޭ

ރައީސްކަން ކަށަވަރު ކުރެއްވީ އެއްބުރަކުން ނޫން

ރައީސްކަމުގެ މަގާމު އެންމެ ހައްގު އެއް ޝަހްސަކީ ހުދު އޭނާ ކަމަށް ބައިޑަން އެންމެ ފުރަތަމަ އިއުލާން ކުރެއްވީ 1987 ވަނަ އަހަރުއެވެ. ޑިމޮކްރަޓުންގެ ޕްރައިމަރީގެ ވަކި ހިސާބަކުން ބައިޑަން ދޫކޮށްލެއްވިއެވެ. އެއީ، އޭނާ ދެއްވި ތަގުރީރެއްގެ ބަޔަކީ ނަކަލު ކޮށްފައިވާ ބައެއް ކަމަށް ބުނާ ރޮޕޯޓްތަކެއް ފެންމަތިވި ހިސާބުންނެވެ. ސިއްހީ މައްސަލަތަކެއްވެސް ކުރިމަތިވިއެވެ. ސިކުނޑިއާއި ފުއްޕާމޭގެ އާލާސްކަންފުޅަކަށް 7 މަސްދުވަސް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު، ބައިޑަން އަނެއްކާވެސް ވަޑައިގަތީ ސެނެޓަށެވެ.

ޖޯ ބައިޑަން އަދި އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ (ވ) / ފޮޓޯ: އެންވައިޓީ

2007 ވަނަ އަހަރުވެސް ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ހިލަރީ ކްލިންޓަންއާއި އޮބާމާގެ މަގުބޫލުކަން ބޮޑުވެ، އިންތިހާބު ދޫކޮށްލެއްވިއެވެ. ޑިކޮރަޓުންގެ ޓިކެޓް ކާމިޔާބު ކުރެއްވި އޮބާމާގެ ރަނިންގް މޭޓެއްގެ ގޮތުގައި ބައިޑަން ނިކުންނެވިއެވެ. އަދި މެދު ފަންތީގެ ވޯޓަރުންގެ ތާއީދު ހޯއްދެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާ، މަގާމު ކަށަވަރު ކުރެއްވިއެވެ.

ޖޯ ބައިޑަން އަދި އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ (ވ) / ފޮޓޯ: ކްލިކް އޮން ޑެޓްރޮއިޓް

ނައިބު ރައީސް ކަމުގައި ބައިޑަން މަސައްކަތް ކުރެއްވީ ފަރުދާގެ ފުރަގަހުގައި އޮބާމާގެ ހާއްސަ މުޝީރެއްގެ ގޮތުގައެވެ.