ޕާކިސްތާނަށް ކުރިކެޓް ވޯލްޑްކަޕް ތަށި ކަށަވަރު ކޮށްދެއްވި މިހާރުގެ ބޮޑުވަޒީރު އިމްރާން ހާންއަށް، މަސްތުވާތަކެތީގެ ވަރުގަދަ ތުހުމަތެއް އަމާޒުވެއްޖެއެވެ.

އިމްރާންއަށް މަސްތުވާތަކެތީގެ ތުހުމަތު އަމާޒު ކުރީ، އޭނާއާއެކު ކުރިކެޓް ޕިޗުގައި އިސްކޮށް ކުޅެން އުޅުނު ސަރަފަރާޒް ނަވާޒްއެވެ.

ޕާކިސްތާނުގެ ހަބަރު ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ސަރަފަރާޒް ނަވާޒް ވަނީ، އިމްރާންއަކީ ގަވައިދުން ކެނަބިސް ބޭނުން ކުރައްވާ ފަރާތެއް ކަމަށާ، މީގެ އިތުރުން އޭނާއަކީ ކޮކެއިންވެސް ބޭނުން ކުރައްވާ ބޭފުޅެއް ކަމަށް ބުނެފައެވެ.

ސަރަފަރާޒްއާއި އިމްރާންއަކީ 1970 އާއި 1980ގެ އަހަރުތަކުގައި އެކުގައި ކުރިކެޓް މެޗުތަކުން ފެނުނު 2 ކުޅުންތެރިންނެވެ. އެގޮތުން 1987 ވަނަ އަހަރު އިނގްލަންޑްއާއި ދެކޮޅަށް ކުޅުނު މެޗުގައި އިމްރާންއަށް ނުކުޅެވިގެން އުޅުނު ކަމަށާ، ޓީމު އެނބުރި ޕާކިސްތާނަށް ދިއުމަށް ފަހު، އިމްރާންގެ ގެއަށް ޒިޔާރަތް ކުރިއިރު، މަސްތުވާތަކެތީގެ ވަބާގައި އިމްރާން ޖެހިވަޑައިގެންފައި ވާ ކަމަށް ސަރަފަރާޒް ވަކާލާތު ކުރެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން (ވ) އަދި ސަރަފްރާޒް ނަވާޒް ޒުވާން ދުވަސްވަރު / ފޮޓޯ: ޕިންޓްރެސްޓް

ސަރަފަރާޒް ބުނާ ގޮތުގައި އިމްރާން ވަނީ ލަންޑަންގައި ކެނަބިސް ބޭނުން ކުރައްވާފައެވެ. އަދި ހުދު ސަރަފަރާޒްގެ ގޭގައިވެސް އިމްރާން، ކެނަބިސް ބޭނުން ކުރެއްވި ކަމަށް ސަރަފަރާޒް ބުނެއެވެ. މިހާރުވެސް އޭނާގެ ކުރިމައްޗަށް އިމްރާން ހާޒިރުކުރައްވާ، މި ތުހުމަތުތަކަށް އިންކާރު ކުރައްވަން ކެރިވަޑައިގަންނަވާތޯ ބެލުމަށް ސަރަފަރާޒް ވަނީ ގޮންޖަހާފައެވެ. އިމްރާންއަކީ މަސްތުވާތަކެތި ބޭނުން ކުރާ ފަރާތެއްކަން ލޮލުން ދެކި ފައި ތިބި ބަޔަކު ލަންޑަންގައިވެސް ތިބޭނެ ކަމަށް ސަރަފަރާޒް ބުނެއެވެ.

މަސްތުވަތަކެތީގެ ވަބާގެ އިތުރުންވެސް އިމްރާންގެ އަބުރަށް އުނިކަން ލިބޭފަދަ އެތައް ތުހުމަތެއް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން އިމްރާންއަކީ މަސްތުވާތަކެތި ބޭނުން ކުރައްވާ މީހެއް ކަމަށާ، އެއީ "އަންހެނުންނާ ދޯޅަ" މީހެއް ކަމަށް ވެސް އިމްރާންގެ ކުރީގެ އަނބިކަނބަލުން ރީހާމް ހާން ވަނީ ހާމަކުރައްވާފައެވެ. ރީހާމް ލިޔުއްވާފައިވާ ފޮތުގައިވެސް، އިމްރާންއަކީ ޑްރަގް ބޭނުން ކުރައްވާ މީހެއް ކަމަށް ބުނެފައިވެއެވެ.