އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ބަޑީގެ ހަމަލާތަކެއް ދީ 5 މީހުން މަރާލި ހާދިސާގެ އެންމެ ހައްސާސީ ވަގުތުގައި އަމިއްލަ ފުރާނަ ނުރައްކަލަށް ލައިގެން ތިބެ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އާންމު ފަރުދުންގެ 3 މީހެއްގެ އަގު ވަޒަންކޮށްފިއެވެ.

މަރުވި މީހުންގެ ތެރޭގައި، ހަމަލާ ދިން މީހާވެސް ހިމެނެއެވެ. މި ހަމަލާ ދީފައިވަނީ ޓެރަރިޒަމްގެ ތުހުމަތު އަމާޒުވާ، 20 އަހަރުގެ ޒުވާނެކެވެ. އޭނާ ޖަލު ބަންދުން ދޫކޮށްލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

މި 3 މީހުންނަކީ ބަޑީގެ ހަމަލާތައް ދޭން ފެށުމާއެކު ފުލުސް އޮފިސަރެއްގެ އިތުރުން، ދޮށީ އުމުރުގެ އަންހެނަކަށް އެހީތެރިކަން ފޯރުކޮށްދިން 3 މީހުންނެވެ.

ރަޖަބު ގުލްތެކިންއާއި އޭނާގެ އެކުވެރި މީކާއިލް އޮޒެން ވަނީ ދޮށީ އުމުރުގެ އަންހެނަކަށް އެހީވެފައެވެ.

އޮސްޓްރިއާގެ ވިއެނާގައި ދިން ބަޑީގެ ހަމަލާތަކުގައި އެހީތެރިކަން ފޯރުކޮށްދިން ރަޖަބު ގުލްތެކިން(ވ) އާއި އޭނާގެ އެކުވެރި މީކާއިލް އޮޒެން (ވ) ތުރުކީ އެމްބަސީގައި / ފޮޓޯ: އޭއޭ

މީގެ އިތުރުން، ފުލުހެއްގެ ފަޔަށް ވަޒަން އެރުމުން އޭނާއަށް ފުރަތަމަ އެހީ ދިނީ ފަލަސްތީނަށް ނިސްބަތްވާ، އުމުރުން 23 އަހަރުގެ އުސާމާ ޖޫދާއެވެ. ޖޫދާގެ އެހީއަށްފަހު، ގުލްތެކިން ވަނީ ފުލުސް އޮފިސަރަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ވިއެނާގައި އޮޕަރޭޓް ކުރާ މެކްޑޮނާލްޑްސް އައުޓްލެޓެއްގައި މަސައްކަތް ކުރާ ޖޫދާ ބުނީ، ބަޑީގެ ހަމަލާތައް އަމާޒުވާން ފެށިއިރު އޭނާ ދިޔައީ ރެސްޓޯރަންޓަށް މުދާތަކެއް ވައްދަމުން ކަމަށެވެ. އޭރު އެމީހާ ބަޑިޖަހަމުން ދިޔައީ އެ ސަރަހައްދުން ދިޔަ މީހުންގެ ގަޔަށް ކަމަށްވެސް ޖޫދާ ވަނީ ކިޔައިދީފައެވެ.

ތުރުކީވިލާތަށް ނިސްބަތްވާ 2 ޒުވާނަކާ ފަލަސްތީނަށް ނިސްބަތްވާ ޒުވާނާގެ ފަރާތުން އެހީ ލިބިފައި ވާކަން އޮސްޓްރިއާގެ ދާހިލީ ވުޒާރާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މި 3 މީހުންނަކީ ހިޖުރަވެރިންގެ ގޮތުގައި އޮސްޓްރިއާގައި ދިރިއުޅެމުން އަންނަ ބައެއްކަމަށްވެސް ދާހިލީ ވަޒީރު ވަނީ ހާމަ ކުރައްވާފައެވެ.

ގުލްތެކިއެންއާއި އޭނާގެ އެކުވެރިޔާ ކުރި މަސައްކަތުގެ އަގު ވަޒަންކޮށް، އޮސްޓްރިއާގައި ހުންނަވާ ތުރުކީ އެމްބެސެޑަރު އޯޒާން ޖޭހޫން ވަނީ އެ 2 ޒުވާނުންނަށް ތައުރީފު ކުރައްވާ، އެމްބަސީއަށް ދައުވަތު އަރުވާފައެވެ.