ކުރިއަށް އޮތް 4 އަހަރު ދުވަހަށް އެމެރިކާގެ ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކަށަވަރު ކުރުމަށް ވޯޓުގެ ފޯރި ގަދަވެފައި ވާ މި ދަނޑިވަޅުގައި، "ރައްކާތެރި ކަމާއެކު، ގޭގައި މަޑުކޮށްލައިގެން ހުރުމަށް" ހިތްވަރު ދޭ އޮޓޯރެކޯޑަޑް ފޯނު ކޯލުތަކެއް ކުރަމުންދާ މައްސަލަ، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި) އިން ބަލަން ފަށައިފިއެވެ.
ބެލެވޭ ގޮތުގައި މި 'ރޮބޯކޯލް'ތަކަކީ، އިންތިހާބުގައި ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދު ކުރުމުގެ ނިޔަތުގައި، މީހުން ބިރުގަންނަވާލުމުގެ މަގުސަދުގައި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނާޖާއިޒު ފައިދާ ނަގައިގެން ކޫލެމުންދާ ކުޅިއެކެވެ.
މީގެ އިތުރުން، އިންތިހާބީ ދޮރުތައް ބަންދުވާ ވަގުތު އޮޅުވާލުމަށް ދޮގު މައުލޫމާތު ފެތުރި ކޯލުތަކެއްގެ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.
މި ފަދަ ފޯނު ކޯލެއް ލިބުމުން، އެއީ ލޮކްޑައުންއަކަށް ދިއުމަށް މުނިސިޕަލް ކައުންސިލުން އެންގި އެންގުމެއް ކަމަށް ގަބޫލުކުރި މީހުންވެސް އުޅެއެވެ.
ޔޫމެއިލްއިން ކުރިއަށް ގެންދިޔަ މުރާޖައާ އަކަށް ބަލާއިރު، އެމެރިކާގެ އެރިއާ ކޯޑުތަކުގެ ގޮތުގައި ބޭނުން ކުރާ 90 ޕަސެންޓް ކޯޑުގެ ފޯނު ނަމްބަރުތަކަށް މި ރޮބޯކޯލް ކޮށްފައި ވާ ކަމަށް ދައްކައެވެ.
ޔޫމެއިލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ކޯލުތަކަކީ ވަރަށް ރަނގަޅަށް ތައްޔާރު ވެގެން ބަޔަކު ހިންގަމުންދާ އަމަލެކެވެ. އެގޮތުން އެ ކޯލު ކުރާ މީހުންގެ ވަނަވަރު ނޭނގޭ އިރު، އެ ކޯލު ފެށޭ ލޮކޭޝަންވެސް ޓްރެކް ނުކުރެވޭ ކަމަށް ޔޫމެއިލްއިން ބުނެއެވެ. މިއީ އާދައިގެ މީހެއްގެ ކަމެއް ނޫން ކަމަށާ، މިއީ ދައުލަތުގެ އެޖެންޑާއަކަށް ވުން އެކަށީގެންވާ ކަމަށްވެސް ޔޫމެއިލްގެ އޮފިޝަލު ވަނީ ތުހުމަތު ކުރައްވާފައެވެ.
ދާހިލީ ސަލާމަތާ ބެހޭ އިދާރާގެ އޮފިޝަލު ވިދާޅުވީ، މި ކޯލުތަކުގެ ފަހަތުގައި ހުރީ ކާކުކަން އަދި ހޯދިފައި ނުވާ ކަމަށާ، މިއީ ކޮންމެ އިންތިހާބެއްގައިވެސް ހިނގާ ކަމެއް ކަމަށެވެ.