ތުރުކީވިލާތުގެ އިޒްމީރު ޕްރޮވިންސަށް، މިދިޔަ ހުކުރު ދުވަހުގެ ރޭ، ރެކްޓާ މިންގަނޑުން 7.0ގެ ބާރު މިނުގައި އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން، 91 ގަޑިއިރަށް ފަހު، އުމުރުން އެންމެ 2 އަހަރުގެ އަންހެން ކުއްޖަކު ސަލާމަތް ކޮށްފިއެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކަށް، އާއިދާ ގެޒްޖިން ފެނުނީ، ޑިޝްވޮޝާއެއްގެ ކައިރީގައި އޮއްވާއެވެ. ރެސްކިއު ވޯކަރުން ބުނާ ގޮތުގައި އާއިދާ އޮށޯވެގެން އޮތް ތަނަކީ، ބިންހެލުން ފަދަ ކާރިސާތަކުގައި ފުރާނަ ސަލާމަތް ކުރުމަށް އެތަނެއްގެ ހިމާޔަތް ހޯދުމަށް އެންމެ އެކަށީގެންވާ ތަނެވެ.
އިމާރާތްތަކުގެ ދަށުން އާއިދާ ނަގައިގެން، ސްޓްރެޗަރެއްގައި އެމްބިއުލާންސަށް އަރުވަން ދިޔައިރުވެސް އާއިދާ ދިޔައީ އޭނާގެ މަންމަ ބޭނުން ކަމަށް ބުނަމުންނެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް އާއިދާގެ މަންމަ ހޯދުނީ، އާއިދާ ސަލާމަތް ކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ. ނަމަވެސް، ފެނުނީ އާއިދާގެ މަންމަގެ ފުރާނަ ނެތް މަސްގަނޑު ކަމަށާ، މަންމެވެސް އޮތީ އާއިދާ އޮތް ސަރަހައްދުގައި، އާއިދާއާ ޖެހިގެން ކަހަލަ ގޮތަކަށް، އިމާރާތުގެ ބައިތަކުގެ ދަށުވެފައި ކަމަށް ތުރުކީވިލާތުގެ ޑިޒާސްޓާ އެންޑް އެމާޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (އަފާޑް) އިން މައުލޫމާތު ދެއެވެ.
ހުކުރު ދުވަހުގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހަރު ވަނީ 105 އަށް އަރާފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 1000 އަށް ވުރެ މައްޗަށް އަރާފައެވެ. ރެކްޓާ މިންގަނޑުން 7.0ގެ ބާރުމިނުގައި އައި މައި ބިންހެލުމަށްފަހު 1508 ލޮޅުމެއް ރެކޮޑް ކޮށްފައިވެއެވެ. މީގެ ތެރެއިން 44 ލޮޅުމެއް ރެކޯޑް ކޮށްފައި ވަނީ، ރެކްޓާ މިންގަނޑުން 4.0ގެ ބާރުމިނަށް ވުރެ މަތިންނެވެ.
އިޒްމީރް ޕްރޮވިންސްއަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން، 65 ގަޑިއިރަށް ފަހު، 3 އަހަރުގެ އަންހެން ކުއްޖަކުވެސް އިއްޔެ ވަނީ ސަލާމަތް ކޮށްފައެވެ.