ކުރިއަށް އޮތް 4 އަހަރު ދުވަހަށް އެމެރިކާގެ ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކަނޑައެޅުމަށް އެގައުމުގައި ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގެ ރަސްމީ ވޯޓުލުން ފަށައިފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ، ރާއްޖެ ގަޑިން މެންދުރު 12:00 ގައެވެ.

އެމެރިކާގެ އިންތިހާބީ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން، ރަސްމީ ވޯޓުލުން ކުރިއަށް ދާ ދުވަހުގެ ކުރިންވެސް ވޯޓުލުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން، މިހާތަނަށް 96 މިލިއަން މީހުން ވަނީ ވޯޓު ދީފައެވެ. މިއަދުގެ ނިޔަލަށް ވޯޓު ދިނުމުގެ ދޮރު ބަންދުވާނެއެވެ.

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ނިކުންނަވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން/ފޮޓޯ: ކެވިން ލަމާކު

ރިޔާސީ ރޭހުގައި ވާދަ ކުރައްވާ މިހާރުގެ ރައީސް ޑޮނާލްޓް ޓްރަމްޕާއި އިދިކޮޅު ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަންވެސް ވަނީ ވޯޓު ދެއްވާފައެވެ. ދެ ބޭފުޅުންވެސް ކެމްޕޭންގެ އެންމެ ފަހުގެ ހަރަކާތްތައް ކުރިއަށް ގެންދެވީ ޕެންސިލްވޭނިއާގައެވެ. ނަމަވެސް ޕެންސިލްވޭނިއާގެ ނަތީޖާ މިރޭ އަދި ލިބޭ ވަރު ނުވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އެ ގައުމުގެ ރިޔާސީ އިންތިހާބު ގައި ފްލޮރިޑާ ގައި ވޯޓު ދެއްވަނީ / ފޮޓޯ: 6އޭބީސީއެން ފިލަޑެލްފިއާ

އެމެރިކާގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ކެންޑިޑޭޓުންނަށް ބަލާއިރު، ޓްރަމްޕަށް ވީ ކޮޅަށް ވޯޓު ދޭނެ ކަމަށް ބެލެވެނީ ކޮލެޖު ޑިގްރީ ނެތް މީހުންނާ، ދޮން ނަސްލުގެ އަންހެނުންނާ، ސިޔާސީ ގޮތުން ވަކި ކޮޅަކަށް ބުރަ ނުވާ ވޯޓަރުންނެވެ. ބައިޑަންއަށް ތާއީދު ކުރާނެ ކަމަށް ބެލެވެނީ އިސްރަށްވެހިންނާ، ޓްރަމްޕްގެ ކޮޅުން ބައިޑަންއަށް ބަރުވާ ވޯޓަރުންނާ، ދޮން ނަސްލުގެ ވޯޓަރުގެ ތެރެއިން ކޮލެޖު ޑިގްރީ އޮތް މީހުންނާ ލެޓީނޯ އަދި ކަޅު ނަސްލު ގެ (ވަކިން ހާއްސަ ކޮށް ފިރިހެން) ވޯޓަރުންނެވެ.

މިއަދުގެ ނިޔަލަށް ވޯޓުލުން ނިންމާލާއިރު، 16 ސްޓޭޓެއްގައި މިރޭން މިރެއަށް ވޯޓު ގުނާނެއެވެ. 23 ސްޓޭޓަކުން ގިނަ އަދަދެއްގެ ވޯޓު ގުނާނެ ކަމަށް ބުނާއިރު، 11 ސްޓޭޓަކުން ކޮންމެވެސް އަދަދަކަށް ވޯޓު ގުނާނެ ކަމަށްވެއެވެ. ވަގުތީ ނަތީޖާގެ ހުލާސާއެއް، ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ލިބޭވަރު ވާނެއެވެ.