އަފްގާނިސްތާނުގެ ކާބުލް ޔުނިވަސިޓީއަށް އަމާޒުކޮށް ހަމަލާ ދީ، 22 މީހެއްގެ ފުރާނަ ދުއްވާލި ހާދިސާގެ ޒިންމާ، ހައްދު ފަހަނައަޅާފައި ވާ ހަތިޔާރުއެޅި ހަނގުރާމަވެރި އައިސިސް ޖަމާއަތުން އުފުލައިފިއެވެ.

ހޯމަ ދުވަހުގެ ދުވާލުގެ ވަގުތުގައި މި ހަމަލާ ދިނުމުގައި، އެ ޖަމާއަތުގެ 2 ހަނގުރާމަވެރިއަކު ހަރަކާތްތެރިވި ކަމަށް އައިސިސް އިން ބުނެއެވެ.

އައިސިސްގެ ޓެލެގްރާމް އެކައުންޓަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ހަމަލާގެ ޒިންމާ އުފުލަމުން، ހޯމަ ދުވަހުގެ ހަމަލާގައި، އަފްގާނިސްތާނުގެ ފަނޑިޔާރުންނާއި، އިންވެސްޓިގޭޓަރުންނާއި، ސަލާމަތީ ބާރުތަކުގެ މެމްބަރުން ހިމެނޭ ގޮތަށް 80 މީހަކު މަރާ އިތުރު ބަޔަކު ޒަހަމްކޮށްފައި ވާނެ ކަމަށް އައިސިސް އިން ބުނެފައިވެއެވެ. މި އޮފިޝަލުންނަކީ ތަމްރީނު ޕްރޮގްރާމެއްގެ ނިމުން ފާހަގަ ކުރުމަށް ޖަމާވި އޮފިޝަލުން ކަމަށްވެއެވެ.

އަފްގާނިސްތާނުގެ މައި ޔުނިވާސިޓީ އަށް ހަނގުރާމަވެރިން ވަދެގަނެ، މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއް ދީފައި ވާއިރު، އެތައް އިރެއް ވަންދެން، ކުލާސްތަކަށް އަމާޒު ކޮށް ބަޑިޖަހަމުން ދިޔަ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި ކެމްޕަސް ތެރޭގައި މީހަކު ބޮން ގޮއްވާލައިގެން އަމިއްލައަށް މަރުވިއިރު، އިތުރު 2 ހަނގުރާމަވެރިއަކު ދިޔައީ ކުލާސްތަކަށް ބަޑިޖަހަމުންނެވެ. ހަމަލާ ފެށުނު ހިސާބުން، ސަލާމަތުގެ އައްސޭރިއަކަށް ދެވުމާ ދެމެދު 2 ގަޑިއިރެއްހާއިރު ހޭދަވި ކަމަށްވެއެވެ.

މިއީ ފާއިތުވީ 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، ތައުލީމު ފޯރުކޮށްދޭ މުއައްސަސާއަކަށް އަމާޒުކޮށް ގެން ދިން މިފަދަ 2 ވަނަ ހަމަލާއެވެ.