ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އިތުރު ރާޅުތަކަކާ ބައެއް ގައުމުތަކަށް ކުރިމަތިލާން ޖެހި، ލޮކްޑައުންގެ ހަރުކަށި އަމުރުތައް ތަންފީޒު ކުރަން ފެށުމާއެކު، ފާއިތުވީ 5 މަހެއްހާ ދުވަހުގެ ތެރޭގައި ނުދާހާ ދަށަށް، ތެލުގެ އަގުތައް ދަށަށް ހިނގައްޖެއެވެ.

އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ސުވިޓްޒަލަންޑް އަދި ޖަރުމަނުވިލާތް ފަދަ ގައުމުތަކުން ލޮކްޑައުންގެ އަމުރުތައް ތަންފީޒު ކުރަން ނިންމާ، ބައެއް ގައުމުތަކުން އެ ފިޔަވަޅުތައް ތަންފީޒު ކުރަން ފަށާފައި ވާ އިރު، އަނެއްކާވެސް އިގުތިސޯދީ ހީނަރުކަމާ ކުރިމަތިވެ، ތެލުގެ އަގުތައް ވެއްޓޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

އޭޝިއާގެ ބާޒާރު ތަކުގައި ތެލުގެ އަގުތައް ހުރި ގޮތަށް ބަލާއިރު އިނގިރޭސިވިލާތުގެ ބްރެންޓް ކްރޫޑް (ސާފު ނުކުރާ) ތެޔޮ ފީފާއެއްގެ އަގު ވަނީ 35.74 ޑޮލަރަށް ވެއްޓިފައެވެ. މިއީ މިއަހަރުގެ މެއި މަހަށްފަހު މި އަގު، މިހާ ދަށުން ރެކޯޑް ކުރި ފުރަތަމަ ފަހަރެވެ. މިއަހަރުގެ ކުރީކޮޅާ އަޅާ ބަލާއިރު، ބްރެންޓް (ސާފު ނުކުރާ) ތެޔޮ ފީފާއެއްގެ އަގުން 45 ޕަސެންޓް ދަށަށް ގޮސްފައި ވާ ކަމަށް ހަބަރު ލިބެއެވެ.

އެމެރިކާއިން ވިއްކާ ސާފު ނުކުރާ ތެލުގެ އަގުތަކަށް ބަލާއިރު، ފީފާއެއްގެ އަގު 33.64 ޑޮލަރަށް ވެއްޓުނު ކަމަށް މައުލޫމާތު ލިބެއެވެ. ކޮވިޑް-19ގެ އިތުރުން މި ދަނޑިވަޅަކީ އެމެރިކާގެ ރިޔަސީ އިންތިހާބާއެކު ސިޔާސީ މަސްރަހުވެސް އިންތިހާއަށް ނުތަނަވަސް ވެފައިވާ ދަނޑިވަޅެކެވެ.

މި ހިނގާ 2020 ވަނަ އަހަރަށް ބަލާއިރު، ތެލުގެ ވިޔަފާރި އަށް އެންމެ އުއްމީދީ މާކެޓެއް އޮތީ، މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރެކޯޑް ކުރަން ފެށި ޗައިނާގައި ކަމަށް ބުނެވެއެވެ. ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް ތެޔޮ އިމްޕޯޓް ކުރާ ގައުމަކީވެސް ޗައިނާއެވެ. ޗައިނާއިން މިއަދު ވަނީ، ދައުލަތުގެ ކުންފުނިތައް ނޫން އެހެން ކުންފުނިތަކުން 2021 ވަނަ އަހަރު ތެޔޮ ގަންނަ ކޯޓާ 20 ޕަސެންޓް އިތުރު ކުރާނެކަން ހާމަ ކޮށްފައެވެ.