ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކޮށްފައިވާ އިންޑިއާއަށް ދަތުރުކުރުމުގައި ދިވެހިންނަށް އަނެއްކާވެސް ލުއިތަކެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމަށްފަހު، އިންޑިއާ ސަރުކާރުން ދިވެހި ވިޔަފާރިވެރިންނާއި، ދިވެހި ކިޔަވާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް އިންޑިއާއަށް ދިޔުމަށް ހުއްދައެއް ދިނުމަށް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިހާރު ވެސް ހާއްސަ ހުއްދައެއްގެ ދަށުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފްރިން މިނިސްޓްރީން ބުނީ ވިޔަފާރިއާ ތައުލީމުގެ ބޭނުމަށް އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮންސިއުލާ ޑިޕާޓްމަންޓް މެދުވެރިކޮށް އިންޑިއާއަށް ދަތުރު ކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ ހޯދުމަށްފަހު، އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ގާއިމްކޮށްފައިވާ ޓްރެވަލް ބަބްލް ތެރެއިން ދަތުރު ކުރެވޭނެ ކަމަށެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ޝާހިދު ވަނީ އިންޑިއާގެ ބޮޑުވަޒީރަށާއި ހާރިޖީ ވަޒީރަށް ޝުކުރު އަދާ ކުރައްވާފައެވެ.