އަވަށްޓެރި ސްރީލަންކާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވަމުން އަންނައިރު، އެ ގައުމުގައި މިހާރު ފެތުރެމުންދަނީ، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2)ގެ ތަފާތު ސްޓްރެއިން ކަމަށް، ޔުނިވާސިޓީ އޮފް ސްރީ ޖާޔަވަރުދަނަޕޫރާ އިން ކުރިއަށް ގެންދިޔަ ދިރާސާއެއް ބުނެފިއެވެ.
މި ދިރާސާގެ މަގުސަދަކީ، ލަންކާގައި މިހާރު ފެތުރެމުންދާ ބަލިމަޑުކަމަކީ ސާސްކޮވް-2 ގެ އެކި ސްޓްރެއިންތަކުން ޖައްސާ ރޯގާއެއް ތޯ ބެލުމެވެ. އަދި ވައިރަސް ބަދަލުވުމުގެ ސަބަބުން، ހަލުވިކަމާއެކު ފެތުރިގެން ދިއުމަށް މަގުފަހި ކުރަނީ ތޯވެސް ބަލާފައިވެއެވެ. މީގެ އިތުރުން، މިހާރު އެ ގައުމުގައި ފެތުރެމުންދާ ސްޓްރެއިންއާއި މީގެ ކުރިން ފެތުރު ސްޓްރެއިން އަޅާ ކިއުންވެސް ހިމެނެއެވެ.
މި ދިރާސާ ކުރިއަށް ގެން ގޮސްފައިވަނީ ޔުނިވާސިޓީ އޮފް ސްރީ ޖާޔަވަރުދަނަޕޫރާގެ ވަރުގަދަ ޓީމަކުންނެވެ. މި ޓީމުން ވަނީ ވައިރަހުގެ ޖެނޯމިކް ސީކުއަންސިންގް ހަދާ، ނަތީޖާ ނެރެފައެވެ.
ދިރާސާގެ ހޯދުންތަކުން ސާބިތުވާ ގޮތުގައި، ލަންކާ މިހާރު ފެތުރެނީ، ކުރިން އެގައުމުގައި ފެތުރު ސްޓްރެއިންތަކާ ތަފާތު ސްޓްރެއިންއެކެވެ. އަދި މި ސްޓްރެއިންއަށް އައިސްފައިވާ ބަދަލާއެކު ވައިރަލް ލޯޑް އިތުރު ވުމުގެ ސަބަބުން، އިންތިހާ ހަލުވި ކަމާއެކު ވައިރަސް ފަތުރާލާ ކަމަށްވެސް ވެއެވެ.
ޔުނިވާސިޓީ އޮފް ސްރީ ޖާޔަވަރުދަނަޕޫރާގެ ޓީމުން ކުރި ދިރާސާ ބުނާ ގޮތުގައި، މިނުވަންގޮޑާ، ކޮލަމްބޯ މުނިސިޕަލްޓީ އަދި މަސްމާރުކޭޓު ސަރަހައްދުގައިވެސް ފެތުރެމުންދަނީ މި ސްޓްރެއިންގެ ވައިރަހެވެ. މި ސަރަހައްދުތަކުން ތަފާތު ސްޓްރެއިންތަކެއްވެސް ފާހަގަވާ ކަމަށާ، ނަމަވެސް މި ސްޓްރެއިންތަކުގެ ފެށުމަކީވެސް އެއް ފެށުމެއް ކަމަށް މި ދިރާސާއިން ދައްކާ ކަމަށް ވެއެވެ.
ސްރީލަންކާގެ އަދުގެ ހާލަތަށް ބަލާއިރު ޖީއެމްޓީ ގަޑިން ރޭ މެންދަމު 00:00 އިން ފެށިގެން މިހާތަނަށް 137 ކޭހެއް ވަނީ ރެކޯޑްކޮށްފައެވެ. އަދި ލަންކާހެ ޖުމުލަ ކޭހުގެ އަދަދު ވަނީ 10561 އަށް އަށް އަރާފައެވެ. ކޮވިޑް-19 ޖެހިގެން މިއަދު ލަންކާއިން މީހަކު މަރުވިއިރު، މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 20 އަށް އަރާފައެވެ.